އެމްޓީސީސީގެ އެކި ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ހަރަކާތްތެރިވާ ފްރަންޓްލައިން މުވައްޒަފުން ގެއަށް ނުގޮސް މަސައްކަތްކުރެވޭނެ އިންތިޒާމް އެކުންފުނިން ހަމަޖައްސައިފިއެވެ.

އެމްޓީސީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ ކޮވިޑް-19 ރޯގާއާ ގުޅިގެން ރާއްޖޭގައި މިހާރު އޮތް ނާޒުކު ހާލަތަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ އެ ކުންފުނީގެ އިސްތިރާޖީ ވިޔަފާރި ކުރިއަށް ގެންދިއުމުގެ ޕްލޭނާއި އެއްގޮތަށް ނިންމި ނިންމުމެއް ކަމަށެވެ.

Ad
rt

އެމްޓީސީސީން ބުނީ އެ މުވައްޒަފުން ގެއަށް ނުގޮސް އޮފީހުގައި ތިބޭގޮތް ހެދީ މުވައްޒަފުންނާއި އެ މީހުންގެ އާއިލާގެ ރައްކާތެރިކަމަށް ކަމަށް ކަމަށެވެ.

އެގޮތުން މި ޕްލޭނުގެ ދަށުން އެމްޓީސީސީގެ ފެރީތަކާއި މެޓްރޯ ބަސް އަދި ކާރާއި ވޭން ދުއްވާ މީހުން ތިބޭނެ އައިލޭޝަން ފެސިލިޓީތައް ގާއިމް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން މޭނާ ގިމަތަ (ހުޅުމާލެ - މާލެ ފެރީ ގިމަތަ)، ފެންނާ ގިމަތަ (މާލެ - ހުޅުމާލެ ފެރީ ގިމަތަ) އަދި ރާންނާ ގިމަތަ (ވިލިނގިލި - މާލެ ފެރީ ޓަރމިނަލް) އައިސޮލޭޝަން ފެސިލިޓީ ތަކެއް ވަނީ ގާއިމްކޮށްފައެވެ.

ކޯވިޑް-19އާ ގުޅިގެން މާލެ ފުރަބަންދު ކުރި ނަމަވެސް އެމްޓީސީސީން ފޯރުކޮށްދޭ ދަތުރުފަތުރުގެ ހިދުމަތްތައް އަދިވެސް އަންނަނީ ފޯރުކޮށްދީ، އެކުންފުނިން ދަނީ ސަރުކާރަށް އެހީތެރިކަން ފޯރުވަމުންނެވެ.

އެގޮތުން ވިލިމާލޭގައި ދިރިއުޅޭ ސިއްހީ ހިދުމަތްތެރިން މާލެއަށް ވަޒީފާއަށް ގެނެސްދިނުމަށް ޝެޑިއުލްކުރާ ފެރީ ދަތުރުގެ ހިދުމަތް ކޮންމެ ދުވަހަކު ހެނދުނު 00:07 އިން ރޭގަނޑު 00:02 އަށް އަންނަނީ ފޯރުކޮށްދެމުންނެވެ.

އޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅުގައި ތިބި މީހުންނަށް މުދާ ފެރީގެ ހިދުމަތް ފޯރުކޮށްދިނުމާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި އެމްއެންޑީއެފަށް ބޭނުންވާ ހިދުމަތްތައް އެމްޓީސީސީގެ އުޅަނދުތައް ބޭނުންކޮށްގެން އަންނަނީ ދެ އެވެ.

އެ މުއައްސަސާތަކަށް އެމްޓީސީސީންް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި މާލެ ސަރަހައްދުން ކޯވިޑް-19 އަށް ޝައްކުކުރެވޭ ފަރާތްތައް އައިސޮލޭޝަން ފެސިލިޓީތަކަށް ކަންޑުމަގުން ގެންގޮސްދިނުމާއި، އައިސޮލޭޝަން ފެސިލިޓީތަކަށް ބޭނުންވާ މުދާ ކަނޑު މަގުން ފޯރުކޮށްދިނުމާއި އަދި އެއްގަމު މަގުން ދެވޭ އެކިކަހަލަ ލޮޖިސްޓިކަލް ސަޕޯޓް ހިމެނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެކި ގޮތްގޮތުން މި ދަނޑިވަޅު އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނީގެ 40 މުވައްޒަފުން ހަރަކާތްތެރިވެ އެވެ. ފުރަބަންދުގެ މުއްދަތުގައި މި މުވައްޒަފުންގެ ހުރިހާ ކަމެއް ބަލަހައްޓާނީ އެ ކުންފުނިންނެވެ.

މީގެ އިތުރުން އާންމު ދަތުރުފަތުރުގެ ހިދުމަތުގެ އިތުރުން ކ. ތިލަފުށީގައި އެކުންފުނިން ހިންގާ ބޯޓްޔާޑުން ރައްޔިތުންނަށް ފޯރުކޮށްދޭ އެކިއެކި ހިދުމަތްތައް މި ދަނޑިވަޅުގައި ކުރިއަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެމްޓީސީސީގެ 120 މުވައްޒަފުން މިވަގުތު ވަނީ ތިލަފުށީގައި ސްޓޭޝަންވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ވަނީ 519 މީހުން ޕޮޒިޓިވް ވެފައެވެ.