"ކޮންމެ ޙާލަތެއްގައިވެސް ޤައުމަށް ޚިދުމަތް ދިނުމުގައި ދެމިތިބޭނަން" މިއީ ކޯވިޑް ވިލެޖުގެ މަސައްކަތް ކުރުމުގައި ހުއްޓުމެއްނެތި ކަރަންޓީންގައި ތިބެގެންވެސް ކުރަމުން އަންނަ ދިވެހި ސިފައިންގެ ހިތްވަރުގަދަ އަޒުމެވެ.
ކޯވިޑް ވިލެޖް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ ކަރަންޓީންގައި ތިބި ސިފައިންކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ލައިވް ނިންމަވާލެއްވުމަށްފަހު ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ސިފައިން ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ފާހަގަ ކުރިއެވެ.
ކޯވިޑް ވިލެޖުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަމަށާއި އަދި ކޮންމެ ޙާލަތެއްގައިވެސް ޤައުމަށް ބޭނުންވާ ޚިދުމަތްތައް ކޮށްދިނުމުގައި ދެމިތިބޭނެކަމަށް މިކަމުގައި ޙަރަކާތްތެރިވާ ސިފައިންގެ އޮފިސަރުން ވިދާޅުވެފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މިއީ ވަރަށް ހިތްވަރުގަދަ އަސަރުން ފުރިގެންވާ ވާހަކައެކެވެ. ސިފައިން ތިބީ މިވަގުތު ގައުމަށް ބޭނުންވި ކޮންމެ ޤުރުބާނީއެއް ވުމުގެ ފުރިހަމަ އަޒުމުގައެވެ. މިވަގުތު އެސަރަހައްދުއޮތީ ބަންދުކޮށްފައެވެ.
އެގޮތުން ކޯވިޑް-19އަށް ޕޮޒިޓިވް ކޭސްތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ކޯވިޑް ވިލެޖްގެ މަސައްކަތަކީ މުޅި ޤައުމަށް އިންތިހާއަށް ބޭނުންވެފައިވާ ވަސީލަތަކަށް ވާއިރު މި މަސައްކަތުގައި ފަސްނުޖެހޭނެކަމަށް ސިފައިން ވިދާޅުވެފައިވާކަމަށްވެސް މަބްރޫކް ތަކުރާތުކޮށް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ މި ދަނޑިވަޅުގައި ކޯވިޑް ވިލެޖްގައި ބައްޔަށް ޕޮޒިޓިވްވެފައިވާ އެއްވެސް މީހަކު ނެތްކަމަށެވެ.
ކޯވިޑް ވިލެޖުގައި މަސައްކަތްކުރި ފަރާތްތަކުގެ ތެރެއިން ސިފައިންގެ 14 އޮފިސަރަކަށް ބަލި ޖެހުމާ ގުޅިގެން އައިސޮލޭޝަން ފެސިލިޓީތަކުގައި ދަނީ ފަރުވާ ދެމުންނެވެ.
300 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްޤީކުރާ ކޯވިޑް ވިލެޖްގައި، އިތުރު އެކޮމަޑޭޝަން ބްލޮކަކާއި ސަރވިސް ބިލްޑިންގްއެއް ހުންނާނެެއެވެ. އެކޮމޮޑޭޝަން ބްލޮކްގައި މިފެސިލިޓީގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްޙީ މާހިރުން ތިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ސަރވިސް އިމާރާތުގައި ބަދިގެއާއި، ކުނި މެނޭޖްކުރާ ޔުނިޓް އަދި ލޯންޑްރީވެސް ހުންނާނެއެވެ. މި ފެސިލިޓީ ތަރައްޤީކުރުމަށް 40 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެންއީއޯސީއިން ވިދާޅުވެއެވެ.
މިހާތަނަށް އައިރު އެކި މަސައްކަތްތަކުގައި ކުރީ ސަފުގައި އުޅުނު ސިފައިންގެ 20 އޮފިސަރަކަށް ވަނީ ކޯވިޑް-19 ޖެހިފައެވެ. ނަމަވެސް މިހާލަތުގައިވެސް ސިފައިން ދަނީ ޤައުމީ ޚިދުމަތުގައި ފަހަތަށް ނުޖެހި މަސައްކަތް ކުރަމުންނެވެ. އެގޮތުން ބަލީގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތަކުގައްޔާއި ރައްޔިތުނަށް ބޭނުންވާ ޒަރޫރީ ސާމާނު ގެތަކަށް ޑެލިވަރީ ކުރުމަށްވެސް ސިފައިން ދަނީ އެންމެ ކުރީސަފުގައި ފުރާނަ އަތް މައްޗަށް ލައިގެން އަމަލީގޮތުން ހަރަކާތްތެރިވަމުންނެވެ. ސިފައިންނެކޭ އެއްފަދައިން ޤައުމުގެ އަމާންކަން ބެލެހެއްޓުމަށާއި ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގައި ދިވެހި ފުލުހުންވެސް ދަނީ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!