ށ. ބިލެތްފަހި ކޯވިޑް-19 ޓާސްކް ފޯހުގެ ހުއްދަނެތި އެ ރަށަށް އެރި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ ތިން މީހުން ބިލެތްފައްސަށް ދިޔައީ ށ. ފޭދޫން ފުރައިގެން ކަމަށެވެ.

Ad
rt

މީހުން ހައްޔަރުކުރީ ބިލެތްފައްސަށް ދިއުމަށް ފަހު އެނބުރި ފޭދު އަށް ދިޔަ މަގުމަތީގަ އެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިދަނޑިވަޅުގައި ރަށު ޓާސްކް ފޯސްތަކުގެ ހުއްދަ ނެތި ދަތުރު ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ވަނީ ހުއްދަ ނުހޯދާ ނ. ލަންދޫއިން ފޭބި ދެ މީހަކުވެސް ހައްޔަރު ކޮށްފައެވެ.

ށ. ނަރުދޫ އަމާޒު ބޯޓުގެ ކޭހާއި ގުޅިގެން އެޗްޕީއޭއިން ވަނީ އެ އަތޮޅުގެ ނަރުދޫ، ފުނަދޫ، މިލަންދޫ، ފީވައް، މާއުނގޫދޫ، ގޮއިދޫ އަދި ޅައިމަގު މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ.

އެހެން ރަށްތައްވެސް ވަނީ އެޗްޕީއޭއިން ދީފައިވާ ބާރުގެ ދަށުން އެ ރަށްތަކުގެ ކޯވިޑް-19 ޓާސްކް ފޯސްގެ ހާއްސަ ހުއްދައަކުން މެނުވީ އެރަށްތަކަށް އަރާ ފޭބުން މަނާ ކޮށްފައިއެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ. އަފްޒަލް ވަނީ ށ. ނަރުދޫން މިހާތަނަށް ޖުމްލަ އަށް މީހެއް ކޯވިޑަށް ފައްސިވެފައި ވާކަމަށް ވިދާޅުވެފައެވެ.

ށ. މިލަންދޫއިންވެސް އެކަކު ކޯވިޑަށް ފައްސިވެފައިވާ ކަމަށާއި، އަމާޒު ބޯޓާއި ގުޅުން ހުރި 113 މީހެއް ދެނެ ގަނެވިފައި ވާ ކަމަށްވެސް ޑރ. ވިދާޅުވިއެވެ.

އަމާޒު ބޯޓު ކެހާ ގުޅުން ހުރި ސަތޭކަ ތޭރަ މީހުން ކުރެ 35 މީހުންނަކީ ހައި ރިސްކު މީހުން ކަމަށާއި، އޭގެ ތެރެއިން 11 މީހުން ކިބައިން ބަލީގެ އަލާމަތް ފެންނަ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ވަނީ 250 މީހުން ފައްސިވެފަ އެވެ. އޭގެ ތެރެއިން 17 މީހަކު ރަނގަޅުވެ، މިހާރު ފަރުވާ ދެމުން އަންނަނީ 233 މީހުންނަށެވެ.

މިވަގުތު ކަރަންޓީނު ފެސިލިޓީސް ތަކުގައި 1271 މީހުން ތިބި އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 231 މީހަކު އެބަ ތިއްބެވެ.