ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ކާބޯތަކެތީގެ އުފެއްދުން އިތުރުކޮށްގެން ކާނާގެ ރައްކާތެރިކަން ލިބޭނެ މަގު ތަނަވަސް ކޮށްދިނުމުގެ ސިޔާސަތަކަށް ޤައުމު މިވަނީ ބޭނުންވެފައެވެ. ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތައް އާލާކޮށް، ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައި ދިނުން މިވަނީ އިހުނަށްވުރެއް މުހިންމުވެފައެވެ.
މިފަދަ ޕްރޮގްރާމް ތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަން ޖެހެއެވެ. ކައުންސިލްތަކުން ރަށްރަށުގައި ގޭބިސީތަކުގަޔާއި ހުސް ބިން އޮތް ތަންތަނުގައި ރާއްޖޭގައި ފަސޭހައިން ހެއްދޭ ބާވަތްތައް އިންދުމަށް ބާރުއަޅަން ޖެހެއެވެ. އެގޮތުން އިންދުމަށް ބަނބުކެޔޮ، ދަނޑިއަލުވި، މުރަނގަ، އަލަ، ފަތްކެޔޮ އަދި ޖަނބުރޯލަކީ މިގޮތަށް އިންދިދާނެ ބާވަތްތަކެކެވެ. އަދި އާމްދަނީއެއް ހޯދުމުގެ ގޮތުން ކުރަންވެސް މިއީ ރަނގަޅު ކަމެކެވެ.
އެގޮތުން މި އާޓިކަލްގައި މި ބަލާލަނީ ދުނިޔޭގެ ސުޕަރ ފުޑްއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މުރަނގަ ގަސް ހައްދާނެގޮތާއި އެއިގެން ލިބޭ ސިއްހީ ފައިދާތަކާއި ވިޔަފާރީގެ ގޮތުން ހޯދިދާނެ ނަފާއެއްގެ މައްޗަށެވެ.
ތައާރަފް
މުރަނގަ ގަހަކީ އެގަހުގެ ގިނަ ބައިތަކެއް އިންސާނުންގެ ދިރިއުޅުމުގެ ބޭނުންތަކަށް ބޭނުން ކުރަމުން ގެންދާ ގަހެކެވެ. ގަހުގެ ފަތްތައް، މޫގަނޑު، މައު އަދި ތޮޅިއަކީ އެކި ގޮތްގޮތަށް ތައްޔާރުކޮއްގެން ކެއުމުގެ ތެރޭގައި ބޭނުން ކުރަމުން ގެންދާ ބައިތަކެކެވެ.

މުރަނގަ ގަހުގެ އެކި ބައިތަކުން ލިއްބައިދޭ ނިއުޓްރިޝަންގެ ތަފާތު ބާވަތްތަކުގެ ސަބަބުން މަލްނިއުޓްރިޝަންގެ މައްސަލަތަކުން ސަލާމަތްވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުރަނގަ ގަހުގެ ބައިތައް ކެއިން ބުއިމުގައި ގިނަ އަދަދަކަށް ބޭނުންކޮށް އުޅެއެވެ. މީގެ އިތުރުން ދަނޑުވެރިން ދަނޑުތަކުގެ ވަށައިގެން ވައި ނިވަލެއްގެ ގޮތުގައިވެސް މުރަނގަ ގަސް ހައްދާއުޅެވެއެވެ.
މުރަނގަ ތޮޅިއާއި މުރަނގަ ފަތް
މުރަނގަ ތޮޅީގެ އޮށަކީ ތާޒާކަންމަތީ ރޮލަށް ހުއްޓާ އަދި އެކި ގޮތްގޮތަށް ކައްކައިގެންވެސް ބޭނުންކުރެވޭ ތަރުކާރީގެ ބާވަތެކެވެ. މީގެ އިތުރުން ތެޔޮ އުފެއްދުމަށްވެސް މުރަނގަ އޮށް ބޭނުންކޮށްއުޅެއެވެ. ތެއޮނެގުމަށްފަހު ބާކީ ކުރާ އޮށުގެ ބައިތަކުން ކޭކް ހެދުމަށްފަހު ބުއިމަށް ބޭނުންކުރާ ފެން ސާފުކުރުމަށް ފެންއެއްޗަށް އެޅުމަށް ބޭނުންކޮށް އުޅެއެވެ.
މުރަނގަ ފަތަކީ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ފަތުގެ ބާވަތެކެވެ. ރޮލާ ކެއުމުގެ އިތުރުން ތަފާތު ވައްތަރުގެ ކާނާގެ ބާވަތްތައް ތައްޔާރު ކުރުމުގައި މުރަނގަ ފަތް ބޭނުންކުރެވޭކަން ފާހަގަ ކުރެވެއެވެ.
މުޑުވައްކުރުން
މުރަނގަ ގަސް ދެގޮތަކަށް މުޑުވައްކޮށް އުޅެއެވެ. އެންމެ އާންމުކޮށް މުޑުވައްކޮށް އުޅެނީ މުރަނގަ ތޮޅިން އޮށް ނަގައިގެންނެވެ. ބައެއް ފަހަރު މުރަނގަ ގަހުގެ މޫގަނޑުން ފަޅާފައި ހުންނަ ކުދި ނިރު ނަގައިގެންނާއި ގޮފި ރޯކޮއްގެން މުޑުވަކުގެ ގޮތުގައި ބޭނުން ކުރެއެވެ.
މުޑުވައްކުރުމަށް ތޮޅި ހޯދާއިރު ގަހުގައި އިނދެގެން ފުރިހަމަވެ ހިކިފައިވާ ތޮޅިއަކުން އޮށް ނެގުން މުހިންމެވެ. އަދި އޮށް ނަގާ ތޮޅިއަކީ ބަލިޖެހުން ދުރު، ރަނގަޅަށް ހެދިފައިވާ އަދި ގިނައިން ތޮޅިއަޅާ ގަހަކުން ނަގާފައިވާ ތޮޅިއަކަށް ވުމަކީވެސް އެހާމެ މުހިންމުކަމެކެވެ.
އޮށް އިންދުމަށްޓަކައި އަނގަމަތީގައި ގާތްގަނޑަކަށް 8 އިންޗި ހުންނަ ވަރުގެ ކޮތަޅު ނުވަތަ ހަންބުރިއެއްފަދަ އެއްޗެއް ބޭނުން ކުރެވިދާނެއެވެ. ކޮތަޅަށް އެޅުމަށް ތައްޔާރުކުރާ ވެލިގަނޑު ތައްޔާރު ކުރުމަށްޓަކައި ރީތި ކަޅުފަސްކޮޅެއް ހޯދުމަށްފަހު ކޮންމެ 3 ވެއްޔަކަށް 1 ކާދުގެ ރޭޝިއޯއިން އެއްކުރުމަށްފަހު ރަނގަޅަށް ފަސްގަނޑު ތެމޭވަރަށް ފެންޖަހާލާށެވެ. ތައްޔާރުކުރި ފަސްކޮޅު ކޮތަޅަށް ނުވަތަ ހަންބުރިއަށް އެޅުމުގެ ކުރިން ފެންހަރުލިޔަ ނުދިނުމަށްޓަކައި ކޮތަޅުގެ ނުވަތަ ހަންބުރީގެ ތިރިން ލޯވަޅު އަޅަންވާނެއެވެ.

ގަސްފަޅައިގެން ގާތްގަނޑަކަށް 1 ފޫޓަށް ހެދެންދެން ކޮތަޅުގައި ބެހެއްޓުމަށްފަހު ސީދާ އިންދަން ބޭނުންވާ ތަނުގައި ވަޅު ތައްޔާރު ކުރުމަށްފަހު ގަސް ރުވާނީއެވެ.
ބިން ތައްޔާރުކުރުން
މުރަނގަގަހަކީ ފަސްގަނޑު މުއްސަނދިނޫން ހިސާބުތަކުގައިވެސް ފަސޭހަ ކަމާއެކު ހެދޭ ގަހެކެވެ. މިގަހުގެ އަނެއް ޚާއްޞަ ސިފައަކީ ގަހަށް ފެން ބޭނުންވާ މިންވަރު މަދުވުމެވެ. ހިމާލަޔާގެ ސަރަހައްދަށް ނިސްބަތްވާ މިގަހަކީ ހަނަފަސް، ހޫނުގަދަ ސަރަޙައްދުތަކުގައިވެސް ރަނގަޅަށް ހެދޭ ގަހެއްކަން ވަނީ ފާހަގަ ކުރެވިފައެވެ.
ގަސްހައްދަން ބޭނުންވާ ތަނަކީ ރަނގަޅަށް އަވި ލިބޭ ތަނެއްކަން ޔަޤީން ކުރުމަށްފަހު ގަސް ހެދުމަށް އެކަށީގެންވާ ޖާގަ (ފަތްތައް ފެތުރުމަށް ބޭނުންވާ ޖާގައިގާ ގާތްގަނޑަކަށް 8 ފޫޓު 8 ފޫޓު) ލިބޭނަމަ ގަސްއިންދުމަށް 1.1 ފޫޓު އަނގަ މަތީގައި އަދި 1.1 ފޫޓު ފުން މިނުގައި ހުންނަ ވަރުގެ ވަޅުގަނޑެއް ތައްޔާރު ކުރުމަށްފަހު 3 ވެއްޔަށް 1 ކާދުގެ މަގުން ފަސްގަނޑު އެއްކޮއްލާށެވެ. އެއަށްފަހު ވަޅުގަނޑު ތެމެންދެން ފެންޖަހާލުމަށްފަހު ގަހުގެ މޫގަނޑަށް ގެއްލުން ނުލިބޭގޮތަށް ކޮތަޅުން ނެގުމަށްފަހު އެވެލިގަނޑާއެކު ވަޅުގަނޑުގައި ގަސް އިންދާށެވެ.
ބަލި އަދި ކޮންޓްރޯލް
މުރަނގަ ގަހަކީ ރާއްޖޭގެ މާޙައުލުގައި މާގިނަ ބަލިތަކެއްނުޖެހި ވަރަށް ފަސޭހަ ކަމާއެކު ހެއްދޭ ބާވަތެއްކަން ފާހަގަކުރެވެއެވެ. ބައެއް ރަށްރަށުގައި މުރަނގަ ގަހުގައި މައު އަޅާ ދުވަސްވަރު ކޮންމެވެސް ވަރަކަށް ކޮވެލީގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވެއެވެ. ވިޔަފާރީގެ އުޞޫލުން މުރަނގަ ހައްދާ ފަރާތްތަކަށް ކޮވެލީގެ ސަބަބުން އުނދަގޫ ކުރިމަތިވާނަމަ މައު އަޅާ ދުވަސްވަރު ކޮވެއްޔަށް ގަހާއި ކައިރި ނުވެވޭނެހެން ދަލެއްފަދަ އެއްޗެއް އަޅާ ބައްދާލެވިދާނެއެވެ.
މުރަނގަ ގަސް ހައްދަމުންދާއިރު ރާއްޖޭގައި ދިމާވާ އަނެއް މައްސަލަޔަކީ ތޮޅި ތޮރުފައިގެން ގެއްލުންދޭ މަޑި ( ޕޮޑް ބޯރާރ)ގެ މައްސަލައެވެ. މިމަޑި ތޮޅިއަށް ގެއްލުންދެނީ މަޑި އުފެދުމުގެ ކުރީ މަރުޙަލާތަކުގައެވެ. އެހެންކަމުން މިމަޑީގެ އަސަރު ފެންނަން ފެށުމާއެކު އަސަރުކޮއްފައިވާ ތޮޅިތައް ގަހުން ވަކިކޮށް މަޑީގެ ފަންޏާއެކު ނައްތާލަންވާނެއެވެ. މީގެ އިތުރުން މަޑި ހިފާ މަދުކުރުމަށްޓަކައި ގަސްކައިރީގައި ލައިޓް ޓްރެޕެއް ބެހެއްޓިދާނެއެވެ.

ގަހަށް ބޭނުންވާ ނިއުޓްރިޝަންގެ ބާވަތްތައް މަދުވުމުގެ ސަބަބުން ފަތްތަކުގެ ކުލަ ފަނޑުވުން ނުވަތަ ރިނދޫވުމާއި ގަހުން ފަތްފޭބުން އަދި ފަތްތައް ކުދިވުން ފަދަ ކަންތައްތައް މެދުވެރިވެއެވެ. މިފަދަ ކަމެއް ދިމާވުމުން ގަހަށް ބައްޔެއް ޖެހުނުކަމަށް ދަނޑުވެރިންނަށް ޤަބޫލުކުރެވޭ ފަހަރު އާދެއެވެ.
މުރަނގަ ގަހަކީ އޭގެ ޒާތުގައި އެހާގިނަ މިންވަރަކަށް ކާނާ ބޭނުންވާ ގަހެއްނޫނެވެ. އެހެންނަމަވެސް ގަސްބުޑަށް ކޮންމެވެސް ވަރަކަށް ކަޅުފަސްކޮޅެއް ނުވަތަ ކާދާއި އެއްކޮއްފައިވާ ފަސްކޮޅެއް މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް އަޅާލުން ބުއްދިވެރިއެވެ.
ޞިއްޙީ ފައިދާތައް
މުރަނގަ ފަތަކީ ވިޓަމިން A ،ވިޓަމިން B ،އަދި ވިޓަމިން C ގެ އިތުރުން ހަށިގަނޑަށް ފައިދާ ލިބޭ އެހެނިހެން މިނެރަލްސްތަކުގެ މުއްސަނދިކަން ލިބިފައިވާ ފަތެކެވެ. ސައިންޓިފިކް ރިޕޯޓްތަކުގައި ޝާޢިއުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މުރަނގަފަތުގައި އޮރެންޖުން ލިބޭ މިންވަރަށްވުރެ 7ގުނަ އިތުރަށް ވިޓަމިން C އަދި ގެރީގެ ކިރުން ލިބިދޭ މިންވަރަށްވުރެ 7 ގުނަ އިތުރަށް ކެލްސިއަމް ލިއްބައިދޭކަމަށްވެއެވެ. މުރަނގަފަތަކީ މާބަނޑު އަންހެނުން، ޅަދަރިމައިން އަދި ކުޑަކުދިންގެ ކެއިންބުއިމުގެ ތެރޭގައި ގިނަ އަދަދަކަށް ބޭނުން ކުރުމަށް ޞިއްޙީ ފަރާތްތަކުން ވަރަށް ބޮޑަށް އިރުޝާދު ދެއްވާ ބާވަތެއްވެސްމެއެވެ.

މުރަނގަ ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
މުރަނގަ ފަތަކީ ޕްރޮޓީންގެ ރަނގަޅު މަޞްދަރެކެވެ. 100 ގުރާމްގެ މުރަނގަ ފަތުގައި 9.8 ގްރާމްގެ ޕްރޮޓީން ހުރެއެވެ. މިއީ ދުވާލެއްގެ މައްޗަށް މީހަކަށް ބޭނުންވާ ޕްރޮޓީންގެ 17.5 އިންސައްތަ އެވެ. ހިއްކާ މުގުރާފައި ހުންނަ މުރަނގަ ފަތުގައި އެތައް ބައިވަރު އެމިނޯ އެސިޑް ހުންނާނެ އެވެ.
މުރަނގަ ގަހުގައި ހުންނަ ޅަކުރިތަކުގެ ފަތްތަކަކީ ވިޓަމިން އޭ އިން މުއްސަދިވެފައިވާ އެއްޗެކެވެ. 100 ގްރާމުގެ މުރަނގަ ފަތުގައި 7564 އިންޓަނޭޝަނަލް ޔުނިޓްގެ ވިޓަމިން އޭ އެކުލެވިގެން ވެއެވެ. ވިޓަމިން އޭ އަކީ ތަފާތު އެތައް ފައިދާތަކެއް ހަށިގަނޑަށް ފޯރުކޮށްދޭ އެންޓިއޮކްސިޑެންޓެކެވެ. އެގޮތުން ވިޓަމިން އޭ އިން ލިބިދާނެ ފައިދާތަކުގެ ތެރޭގައި، ހަށިގަނޑުގައިވާ ތެތްދުލިފަށަލަތަކަށް ލިބޭ ގެއްލުންތައް މަރާމާތުކޮށް ރަގަޅުކުރުން، ދިފާޢީ ބާރު ރަގަޅުކޮށްދިނުން، ލޮލުގެ ފެނުން ރަގަޅުކޮށްދިނުން އަދި ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ.
މުރަނގަ ފަތަކީ ވިޓަމިން ސީގެ ވެސް ރަގަޅު މަޞްދަރެކެވެ. 100 ގުރާމްގެ މުރަނގަ ފަތުގައި 57.7 މައިކްރޯގްރާމްގެ ވިޓަމިން ސީ ހުރެއެވެ. ވިޓަމިން ސީ އަކީ އެންޓިއޮކްސިޑެންޓަކަށް ވުމުން ފްރީ ރެޑިކަލް ތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމުން ދުރުކޮށްދީ، ތަފާތު ބަލިތަކުން ދިފާއުވުމަށް އެހީތެރިވެދެއެވެ.
މުރަނގަ ފަތުގައި ވިޓަމިން ބީ ގެ ތަފާތު ވައްތަރުތައް ކަމުގައިވާ ފޮލިކް އެސިޑް، ޕައިރިޑޮކްސިން، ނިއެސިން، ތިއެމިން، ރައިބޯފްލެވިން، ޕެންތޮނިކް އެސިޑް، އެކަށޭނަ މިންވަރަކަށް ހުރެއެވެ. މީގެތެރެއިން ގިނަ ވިޓަމިން ތަކަކީ ހަށިގަނޑުގައި ހިނގާ ކާބޯހައިޑްރޭޓް، ޕްރޮޓީން، އަދި ފެޓް މެޓަބޮލިޒަމްގެ މަސައްކަތުގައި ކޯ-އެންޒައިމް އެއްގެ ދައުރު އަދާކުރާ ވިޓަމިން ތަކެކެވެ.

މުރަނގަ ފަތުގައި ވިޓަމިން ކޭ، ވިޓަމިން ޑީ، އަދި ވިޓަމިން އީ ވެސް ހުރެއެވެ. މުރަނގަ ފަތުގައި ކެލްސިއަމް، ދަގަނޑު، ކޮޕަރ، މެންގަނީޒް، މެގްނީޒިއަމް، ޒިންކު، އަދި ސިލެނިއަމް އެކަށޭނަ މިންވަރަކަށް ހުރެއެވެ. ދަގަނޑަކީ ހަށިގަނޑުގައި ލޭރަގަޅުކޮށްދޭ މާއްދާ އެކެވެ. މުރަނގަ ފަތުގައި ދަގަނޑު ގިނަ އަދަދަކަށް އެކުލެވޭތީ މިއީ ލޭމަދުވެފައިވާ މީހުން އާދަކޮށް ކެއުމަށް ބޭނުންކުރެވިދާނެ ފަތެކެވެ. ކެލްސިއަމް އަކީ ކަށިތައް ވަރުގަދަކޮށްދީ، ކަށިފީވުމުން ދުރުކޮށްދީ، ކަށިތައް ދުޅަހެޔޮކޮށް ހުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ޒިންކަކީ މަނި އުފެއްދުމަށާ، ހަމާއި، އިސްތަށީގެ ހެދިބޮޑުވުމުގައި މުހިއްމު ދައުރެއް އަދާކުރާ މައުދަނެކެވެ.
މުރަނގަ ފަތް ބޭނުންކުރުމުން ލިބިދާނެ އެހެނިހެން ފައިދާތަކުގެ ތެރޭގައި ބަނޑުގައި ހެދޭ ފާރު ފަސޭހަވުމަށް އެހީތެރިވުން، ހަށިގަނޑުގައި އުފެދޭ ދުޅަތައް ތިރިކޮށްދިނުން، ހުޅުތަކުގެ ރިހުން ލުއިކޮށްދިނުން، ހަމުގެ މައްސަލަތަކަށް ލުއިކަން ގެނެސްދިނުން، ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުން، އަދި ތަފާތު ބަލިތަކުން ދިފާޢުކޮށްދިނުމަށް އެހީތެރިވެދިނުން ހިމެނެއެވެ.

މުރަނގަ ތޮޅިއާއި، މުރަނގަ ފަތަށް ރިއާޔަތްކުރާއިރު :-
- ޕްރޮޓީން : ޔޯގަޓުގައި ހުންނަ ވަރަށްވުރެ 2 ގުނަ އިތުރަށް ހުރެއެވެ.
- ޕޮޓޭސިއަމް : ދޮންކޭލުގައި ހުންނަ ވަރަށްވުރެ 7 ގުނަ އިތުރަށް ހުރެއެވެ.
- ކެލްސިއަމް : ކިރުގައި ހުންނަ ވަރަށްވުރެ 4 ގުނަ އިތުރަށް ހުރެއެވެ.
- ވިޓަމިން އޭ : ކެރެޓްގައި ހުންނަވަރަށްވުރެ 4 ގުނަ އިތުރަށް ހުރެއެވެ.
- ވިޓަމިން ސީ : އޮރެންޖުގައި ހުންނަ ވަރަށްވުރެ 7 ގުނަ އިތުރަށް ހުރެއެވެ.

މުރަނގަ ތޮޅި، އަދި މުރަނގަ ފަތުގައިވާ ބައެއް ޚާއްޞަކަންތައްތައް :
- 92 ނިއުޓްރިއެންޓް އެކުލެވިގެން ވެއެވެ.
- 46 އެންޓިއޮކްސިޑެންޓް ހުރެއެވެ.
- 36 ދުޅަތިރިކޮށްދޭ މާއްދާ ތައް ހުރެއެވެ.
- 27 އެމިނޯއެސިޑް ހުރެއެވެ.
- ދިފާއީ ބާރު ރަގަޅުކޮށްދޭ އެވެ.
- ލޭދައުރުވުން ރަގަޅުކޮށްދެއެވެ.
- ލޭގައި ހަކުރުގެ މިންވަރު އެއްހަމައެއްގައި ބަހައްޓައިދެއެވެ.
- ލޭގައި ކޮލެސްޓްރޯލްގެ މިންވަރު އެއްހަމައެއްގައި ބަހައްޓައިދެއެވެ.
- އުމުރުން ދުވަސްވުމުގެ އުދަނގޫތަކާ ދުރުކޮށްދެއެވެ.
- ދުޅަތައް ތިރިކުރުމުގެ ބާރު ލިބިފައިވެއެވެ.
- ހަޖަމު ރަގަޅުކޮށް ދެއެވެ.
- ހަށިގަނޑަށް ހަކަތަ ލިއްބައިދެއެވެ.
- ހަމަށް މަޑުކަމާ އޮމާންކަން ގެނެސްދެއެވެ.
- އޮށާޅައިގެ އުދަނގުލުން މިންޖުކޮށްދެއެވެ.
- ހަށިގަނޑުގައި އެކި ހޯރމޯންތަކުގެ މިންވަރު ހަމަހަމަކަންމަތީ ބަހައްޓައިދެއެވެ.
- މާބަނޑު މީހުން މުރަނގަ ތޮޅިއާއި ފަތް ބޭނުންކުރުމަކީ އުރަމައްޗަށް ކިރުއެރޭ މިންވަރު އިތުރުކޮށްދޭ ކަމެކެވެ.
- ޖަރާސީމު މަރައި ނައްތާލުމުގެ ބާރު ލިބިފައި ވެއެވެ.
- ގުރުދާއާއި، މޭގަނޑަށް ރައްކާތެރިކަން ހޯދައިދިނުމަށް އެހީތެރިވެދެއެވެ.
- ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ.
ވިޔަފާރީގެ ގޮތުން ކުރެވިދާނެ ކަންކަމާއި އަގުތައް
ރާއްޖޭގައި މުރަގަފަތުން އާމްދަނީ ހޯދުމަށް އާންމުގޮތެއްގައި ކުރަމުން އަންނަ މަސައްކަތަކީ ފަތް ތެލުލައިގެން ވިއްކުމެވެ. އެހެންނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުރަނގަފަތާއި މުރަނގަ ގަހުގެ އެކި ބާއިތަކުން އެކި ތަފާތު އެއްޗެހިއުފައްދައެވެ. ވިޔަފާރީގެ ގޮތުން ވަރަށް ބޮޑެތި މަންފާ އަންނަނީ ހޯދަމުންނެވެ. އެގޮތުން މުރަނގަ ގަހުގެ ބައިތަކުން އުފައްދާ އެކި ބާވަތްތަކަށް ބަލާލާއިރު މުރަނގަ ފަތު ސައިފަތް، ހިކި ފަތް ހިމުން ކޮށްގެން ތައްޔާރުކޮށްފައި ހުންނަ ޕައުޑަރ، (ތަފާތު އެކި ކަންކަމަށް މި ޕައުޑަރ ބޭނުން ކުރޭ) ސަޕްލިމެންޓް ކެޕްސޫލް، ސައިބޯނި، ކްރީމް، އޮއިންޓްމެންޓް، ބާމު، ޝޭމްޕޫ، ތެޔޮ، ބޮޑީ ބަޓަރ، ގަސްކާނާ ހިމެނެއެވެ. އަދި ވެސް މީގެ އިތުރުން ވަރަށް ގިނަ ބާވަތްތައް އުފައްދައެވެ.

އަލިބާބާ.ކޮމް ގައި މީގެ ބަޔެއް ބާވަތްތައް ވިއްކަން ހުރި އަގުތަކަށް ބަލާލާއިރު
1 ކިލޯ ލީފް ޕައުޑަރ 18 ޑޮލަރު 277.56 ރުފިޔާއަށް
1 ކިލޯ މުގުރާފަ ހުރި މުރަނގަ އޮއް 22.39 ޑޮލަރު 345.25 ރުފިޔާއަށް
1 ކިލޯ މުރަނގަ އޮއް ތެޔޮ 55.00 ޑޮލަރު 848 ރުފިޔާއަށް

މިއަގު ތަކަކީ އޮންލައިންކޮން މާކެޓްގައި އުޅޭ އަގުތަކެވެ.

މިހިސާބުން އުފެދޭ ސުވާލަކީ ޗައިނާ އިންޑިޔާ ލަންކާގައި މިމަސައްކަތް ކުރިޔަސް ރާއްޖޭގައި މިކަން ކުރާނީ ކިހިނެތް ހެއްޔެވެ. ތެޔޮ ތައްޔާރުކޮށް ވިއްކަން ބޭނުންވާނަމަ އަލިބާބާގައި ތަފާއެކި އޮއްއޮށުން ތެޔޮ ހަދާ ކުޑަ މެޝިން އެއް ލިބެން ހުރީ 165ޑޮލަރު 2544 ރުފިޔާއަށެވެ. މިނޫނަސް އަގު ހެޔޮ އަދި އަގު ބޮޑު ތަފާތު ސައިޒުގެ މެޝިންތައް އެބަހުއްޓެވެ. ހިކި ފަތް މުގުރަން ތަފާތު މިކްސްޗަރ ތައްބޭނުން ކުރެވިދާނެއެވެ.

ރާއްޖޭގައި އެންމެ ޑިމާންޑު ބޮޑީ ތެލުލިފަތާއި ތޮޅި އެވެ. ރީތިކޮން ޕެކެޓްކޮށް ވެކިއުމްކޮށް ފިނިކޮށްފައި ހުންނަ ތާޒާ މުރަނގަ ފަތުގެ ޑިމާންޑުވެސް އަންނަނީ މަތިވަމުންނެވެ.

ޝައުގުވެރިކަން ހުރިނަމަ މިކަމުގައި ކުޑަ ދިރާސާއެއް ކޮށްލުން ބުއްދިވެރިއެވެ. މުރަނގަ އަކީ ގޭގައި އޮތް ކުޑަ ހުސްޖާގަ ފުރަން ހައްދާ ގަހެއްގެ ބަދަލުގައި ނަފާއެއް ހޯދުމަށް މިކަން ކުރެވިދާނެކަމެކެވެ. ހުސްކޮން އޮތް ގެވަޅެއްގައި މާކެޓްއަށް ސަޕްލައި ކުރެވޭ މިންވަރަށް ގިނަ އަދަދަކަށް މުރަނގަ ހެއްދިއްޖެ ކަމުގައި ވާނަމަ މިއީ ކުރަން ރަނގަޅު ވިޔަފާރިއެކެވެ.

ފުރަތަމަ ދިރިއުޅޭރަށަށް ނުވަތަ އަތޮޅަށް ބޭނުންވާ ވަރަށް ހެއްދި ދާނެއެވެ. މިފަދަ ވިޔަފާރި ކުރުމުގައި ވިސްނުން ބަހައްޓަންވާނީ މާކެޓްއަށް ނުވަތަ ސަޕްލައި ކުރާ ފަރާތުން ބޭނުންވާ އަދަދަކަށް އުފެއްދުމެވެ. އުފެއްދޭ ވަރަކުން ވިއްކަން ވެއްޖެ ނަމަ ސަޕްލައި ނުވަތަ މާކެޓް ހިފެހެއްޓުމަކީ އުނދަގޫކަމެކެވެ. މާލޭގައި ހުންނަ ފިހާރަކައަކަށް ނުވަތަ ރިސޯޓަކަށް ވިއްކަން ވިސްނާނަމަ އެފަރާތުން ބޭނުންވާނީ ހަފްތާއަކަށް ސަޕްލައި ކުރެވޭނެކަމުގެ ޔަގީންކަމެވެ. އެޔަގީން ކަން ދެވޭނަމަ މާކެޓް ލިބިދާނެއެވެ. ބޭނުންވަނީ ހިތްވަރާއި އެކު މަސައްކަތް ކުރުމެވެ.
މަޢުލޫމާތު އެއްކުރުމުގައި ބަލާފައިވާ މަސްދަރުތައް: މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ސިއްހަތުބުލޮގް އަދި އިންޓަރނެޓްގެ އެކި ސައިޓްތަކުން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!