ހއ. އިހަވަންދޫ ކާވިޔާ ބޯޓުން އެރަށަށް ދަތުރުކުރި މީހުންނާއި، އެމީހުންނާއި ސީދާ ދިމާވެފައިވާ މީހުން އަމިއްލައަށް އެކަހެރިވުމަށް ހއ. އިހަވަންދޫ އާމިނާދިޔޯ ސިއްހީމަރުކަޒުން އަންގައިފިއެވެ.
ހއ. އިހަވަންދޫ އާމިނާދިޔޯ ސިއްހީމަރުކަޒުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު މާލެއިން އިހަވަންދޫ އަށް ކާވިޔާ ބޯޓުން ދަތުރުކުރައްވާފައިވާ މީހެއް ކޯވިޑް-19 އަށް ފައްސިވެފައިވާތީ، އިތުރަށް ބަލަންޖެހޭ ބެލުންތައް ބެލުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކާވިޔާބޯޓުން ދަތުރުކުރެއްވި އިހަވަންދޫގެ އެންމެހައި މީހުންނާއި އެމީހުންނާއި ސީދާ ދިމާވެފައިވާ މީހުން އަމިއްލައަށް އެކަހެރިވުމަށް އެކަހެރިވުމަށް ދަންނަވާކަމަށެވެ.
އިއްޔެ ހއ. އުލިގަމުން ކޯވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެޗްޕީއޭ ބުނެފައިވާ މީހާއަކީ ކާވިޔާ ބޯޓުން މި ދަތުރުގައި އުލިގަމަށް ދިޔަ މީހެކެވެ.
އެމީހާއާއި ގުޅިގެން ހއ. އަދި ހދ. ގެ ހަތް ރަށެއް އެޗްޕީއޭއިން ވަނީ މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ. އެ ހަތް ރަށަކީ ހއ. އޮތޮޅުގެ ފަސްރަށް ކަމަށްވާ ހއ. އުލިގަމު، ތުރާކުނު، އިހަވަންދޫ، ތަކަންދޫ، ހޯރަފުށި އަދި ހދ. އަތޮޅުގެ ދެ ރަށް ކަމަށްވާ ވައިކަރަދޫ، ހިރިމަރަދޫ އެވެ.
އުލިގަމުން ކޯވިޑް-19 އަށް ފައްސިވި މީހާއަކީ އަތޮޅުތެރޭ މީހުން އުޅޭ ރަށަކުން ފުރަތަމަ މި ބައްޔަށް ފައްސިވި މީހާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!