މާލެ ސިޓީއިން ކޯވިޑް-19 ޖެހިފައިވާ އިތުރު ހަތް މީހަކު ފެނި، މާލެ ސިޓީން މިބަލި ޖެހުނު މީހުންގެ ޢަދަދު 47 އަށް އަރައިފިއެވެ.

މި ކޭސްތަކާއެކު މިއަދު މާލެއިން ފައްސިވި މީހުންގެ އަދަދު 15 އަށް އެރީ އެވެ.

Ad
rt

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކް ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ އެންމެ ފަހުން ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ހަތަރު ބިދޭސިން ކަމަށެވެ.

މިއަދު އެޗްޕީއޭ އިން ހާމަކުރި މައުލޫމާތަށް ބަލާއިރު މާލެއިން ކުރިން ފައްސިވި އަށް މީހުންގެ ތެރޭގައި ދެ ބިދޭސިންނާއި ހަ ދިވެއްސަކު ހިމެނެއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ދެ ބިދޭސީން (ޕޭޝަންޓް 59 އަދި ޕޭޝަންޓް 60) އަކީ އިހުސާން ފިހާރަ ކުންފުނީގައި މަސައްކަތް ކުރާ ދެ މީހުން ކަމަށެވެ. އެމީހުންނާ ކޮންޓެކްޓްވި މީހުން މިހާރު ފާހަގަ ކުރަމުންދާ ކަމަށެވެ. އިހުސާން ފިހާރައަކީ ގިނަ އަދަދެއްގެ މީހުންދާ އަދި ޑެލިވަރީ ވެސް ކުރާ ފިހާރައެކެވެ.

އެ އަށް މީހުންގެ ތެރޭގައި ބީއެޗްއެމްގެ ޑެލިވަރީ މުވައްޒަފަކާއި 60 އަހަރުން މަތީގެ މީހަކު ހިމެނޭކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

މިހާރު ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ 67 އަށް އެރިއިރު، މާލެއިން އެންމެ ފުރަތަމަ ބައްޔަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

އިއްޔެ ބައްޔަށް ފައްސިވި 17 މީހުންގެ ތެރޭގައި 14 ބަންގްލަދޭޝް ރައްޔިތުންނާއި، އިންޑިއާގެ ދެ ރައްޔިތުން ވެނާއި ދިވެއްސަކު ހިމެނެއެވެ. އިއްޔެ ފައްސިވި ދިވެހި މީހާއަކީ ހއ. އުލިގަމުން ފައްސިވި މީހެކެވެ.