މިއީ މަސްހޫރު ށ. ނަރުދޫގައި ހުންނަ އާދަޔާއި ހިލާފުކަމެއް ފެންނަން ހުރި ގަހެއްގެ ވާހަކައެކެވެ. މިގަހަށް އެރަށުމީހުން ކިޔާއުޅެނީ "ނަން ނޭނގޭ ގަސް" ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެއެވެ.

އެރަށު ޒުވާނެއް ކަމުގައިވާ އަލީ ރަމްޒީ މައުލޫމާތުދިން ގޮތުގައި މިހާރުވެސް އެގަހުގެ ގޮތްޕެއް ކަނޑާލިޔަސް ގަހުންއަންނަ ކިރުގެ ބަދަލުގައި އަންނަނީ ރަތްކުލައިގެ ލޭ، ފާޑުގެ އެއްޗެއް ކަމަށެވެ. ރަށުގެ ކައުންސިލް ކުރިމައްޗަށްވާ ގޮތަށް ހެދިފައި ހުރި މިގަހަށް މިހާރު 100 (ސަތޭކަ ) އަހަރަށްވުރެ ގިނަދުވަސްވެފައިވާކަމަށް އޭނާ ބުންޏެއެވެ.

Ad
rt

މިއީ ޙިމާޔަތް ކުރެވިފައި ގަހެއްކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މިގަހަށް އެކަށީގެންވާ ގޮތަކަށް ރައްކާތެރިކަމެއް ދީފައިނުވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިގަސް ހިމެނޭ ސަރަހައްދުގައި ހިމާޔަތް ކުރެވިފައިވާކަމުގެ ލިޔުމެއް ހިމެނޭ ބޯޑެއް ފެންނާކަށްނެތެވެ. މިގަހަކީ ހިމާޔަތް ކޮށްފައިވާ ގަހެއްކަންވެސް އެރަށުގެ ގިނަ މީހުންނަށް ނޭންގޭކަން ފާހަގަ ކުރެއެވެ. މަދުން ފެންނަ ކަހަލަ މިފަދަ ގަސްތައް އެދެވޭގޮތެއްގައި ހިމާޔަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ށ. ނަރުދޫއިން މިގަހާއި ބެހޭ ގޮތުން ވާހަކަ ދެއްކި އަލީ ރަމްޒީ ވަނީ މިގަހުން ލޭ އަންނަ މަންޒަރު ހިމެނޭ ވީޑިއޯތަކާއި ފޮޓޯތައްވެސް "ތިލަދުން" އާއި ހިއްސާކޮށްފައެވެ. އެގޮތުން މިވީޑިއޯތަކުން ފެންނަ ގޮތުގައި ގަހުގެ ތަންކޮޅެއް ކަނޑާލުމާއި އެކު ރަތް ކުލައިގެ ލޭ ކަހަލަ އެއްޗެހިތަކެއް ފެނިފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިގަހުގައި އެއްވެސް ބާވަތެއްގެ މަލެއް އަދި މޭވާއެއް ނާޅައެވެ. ށ. ނަރުދޫއަކީ ބޮޑުމިނުގައި ގާތްގަނޑަކަށް 47.33 ހެކްޓަރު ހުރި ރަށެކެވެ.

މިކަހަލަ ޒާތުގެ ގަސްތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހެދިފައި ހުންނަ ގަހެކެވެ. މި ބާވަތުގެ ގަސްތަކަށް ކިޔާ އުޅޭ ނަމަކީ "ބްލަޑްވުޑް ޓްރީ" އެވެ.