މިއަހަރުގެ ހައްޖުގެ އަޅުކަމާއިގެން ކުރިއަށް ދިއުމާމެދު އަދި ގޮތެއް ނުނިންމި ކަމުގައިވިޔަސް މިހާރު މިއޮތް ހާލަތު ސާފުވަންދެން ހައްޖުގެ ތައްޔާރީތައް މަޑުޖައްސާލުމަށް ސައޫދީ ސަރުކާރުގެ މިނިސްޓަރު އޮފް ހައްޖު އެންޑް އުމްރާ މުހަންމަދު ބިން ސާލިހް ބިން ތާހިރު ބެންޠެން އެދިވަޑައި ގަންނަވައިފިއެވެ.

ސައުދީ ސަރުކާރުގެ އަލް އަޚުބާރިއްޔާ ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ސައުދީ ސަރުކާރުގެ ޙައްޖާއި، އުމުރާއާއި ބެހޭ ވަޒީރު ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައި މިވާ ހާލަތުން އަރައިގަނެވެންދެން ހައްޖުގެ ތައްޔާރީތައްވުން މަޑުޖައްސައިލަން އެދޭކަމަށެވެ.

Ad
d

މުޅި ދުނިޔެއަށް ބޮޑު ބަލިމަޑުކަމެއް ކުރިމަތިވެފައިވާ މިހާލަތުގައި ސައުދީ ސަރުކާރުން އެންމެބޮޑު އިސްކަމެއްދެނީ މުސްލިމުންނާއި، ސައުދީ އަރަބިއްޔާގެ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބަލިމަޑުކަމުގެ ހާލަތުން އަރައިގަނެވެންދެން ޙައްޖު ގްރޫޕްތަކުންވެސް ތައްޔާރީތައް މަޑުޖައްސާލައި، ވިސްނުމުގައި ބަހައްޓަންވީ ޙައްޖުވެރީންނާއި، ސައޫދީ ރައްޔިތުންގެ ސަލާމަތްތެރިކަމާއި، ރައްކާތެރިކަން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ ހައްޖުމޫސުން ދިމާވަނީ ޖުލައިމަހުގެ ފަހުކޮޅަށެވެ. ހައްޖުގެ އަޅުކަމަކީ ސައުދީ އަރަބިއްޔާއަށް އެންމެބޮޑު އާމްދަނީއެއްލިބޭ އެއް ޚިދުމަތެވެ. ނިމިގެންދިޔަ 2019 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.5 މިލިއަނަށް ވުރެ ގިނަ މުސްލިމުން ހައްޖުގެ އަޅުކަން ފުރިހަމަ ކޮށްފައިވެއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ސައުދީ އަރަބިއްޔާއިންވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، އެ ޤައުމުންވަނީ އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާގެ އެތެރެއިންނާއި އަދި ބޭރުން އަންނަ މީހުންނަށްވެސް ވިސާދިނުން ހުއްޓާލައިފައެވެ. އަދި ފަތުރުވެރިންނަށް ސައުދީގެ ދޮރާށިތައް ބަންދުކޮށް، ވެރިރަށް ރިޔާޟާއި، މައްކާއާއި މަދީނާއަށް ބޭރުން މީހުން ވަނުމާއި، އަދި އެތެރެއިން ބޭރަށް މީހުން ނުކުތުންވެސް މުޅީންވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑަށް ކާފިއު ހިންގާފައި ވެއެވެ.

ސައުދީ އަރަބިއްޔާއިން 1،720 މީހުންނަށް ކޮވިޑް-19 ބަލި ޖެހިފައިވާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 16 މީހުން މަރުވެފައި ވެއެވެ. އަދި 264 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމާއިގެން ކުރިއަށް ދާނީތޯ ނުވަތަ ނޫންތޯއާމެދު ސައުދީ ސަރުކާރުން އަދި ގޮތެއް ނިންމާފައި ނުވާއިރު، ކުރިމަތިވަމުން އަންނަނީ ބަރަކާތްތެރި ރަމަޟާންމަހެވެ. ރަމަޟާން މަހަކީވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މުސްލިމުން މައްކާއަށްގޮސް އުމްރާގެ އަޅުކަން ފުރިހަމަކުރާ މަހެކެވެ.

Ad
df