މިދިޔަ އޮކްޓޫބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް، އޭގެ ކުރީ މަހާ އަޅައިބަލާއިރު 51.4 މިލިއަން ޑޮލަރު އިތުރުވެ، ޖުމްލަ ރިޒާވް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރާ ގާތްކޮށްފިއެވެ. މިއީ އޭގެ ކުރީ މަހާ އަޅައިބަލާއިރު 9.4 ޕަސެންޓުގެ ކުރިއެރުމެކެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޮކްޓޫބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 599.2 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަސް ކަމަށްވާ ސެޕްޓެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވުގައި ހުރީ 547.7 މިލިއަން ޑޮލަރެވެ.

މަރުކަޒީ ބޭންކުގެ ހިސާބުތަކަށް ބަލާއިރު، ރަސްމީ ރިޒާވްގެ އިތުރުން ބޭނުންކުރެވޭ ނުވަތަ ޔޫޒަބަލް ރިޒާވްގެ މިންވަރަށް ވެސް ވަނީ ކުރިއެރުމެއް އައިސްފައެވެ. އެގޮތުން ސެޕްޓެމްބަރު މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި 169.7 މިލިއަން ޑޮލަރު ހުރި ނަމަވެސް، އޮކްޓޫބަރު މަސް ނިމުނުއިރު އެ އަދަދު ވަނީ 183.6 މިލިއަން ޑޮލަރަށް އަރައިފައެވެ. މިއީ 8.1 ޕަސެންޓުގެ އިތުރުވުމެކެވެ.

އޮކްޓޫބަރު މަހު ބޭނުންކުރެވޭ ރިޒާވް މައްޗަށް ޖެހިލި ނަމަވެސް، ވޭތުވެދިޔަ މަސްތަކުގައި އެ އަދަދު އައީ ދަށްވަމުންނެވެ. އެގޮތުން ޖޫން މަހު ބޭނުންކުރެވޭ ރިޒާވުގައި 248.9 މިލިއަން ޑޮލަރު ހުރިއިރު، ޖުލައި މަހު އެ އަދަދު ވަނީ 221.9 މިލިއަން ޑޮލަރަށް ވެއްޓިފައެވެ. އަދި އޮގަސްޓު މަހު 200.6 މިލިއަން ޑޮލަރަށް ދަށްވެ، ސެޕްޓެމްބަރު މަހު އެ އަދަދު ހުރީ 169.8 މިލިއަން ޑޮލަރުގައެވެ.

މިއަހަރު ފެށުނު ފަހުން ރިޒާވް ހަރުދަނާ ކުރުމަށް އެޅި ފިޔަވަޅުތަކާ އެކު، މާޗު މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވް 1.3 ބިލިއަން ޑޮލަރަށް މަތިކުރެވުނެވެ. ނަމަވެސް އޭގެ ފަހުން ރިޒާވް ބޮޑުތަނުން ދަށްވި މައިގަނޑު ސަބަބަކީ އެޕްރީލް މަހުގެ ތެރޭގައި ދައުލަތުން ބޮޑެތި އަދަދުތަކުން ދަރަނި އަދާކުރުމެވެ. އެ މަހު ގާތްގަނޑަކަށް އެއް ބިލިއަނެއްހާ ޑޮލަރު ދަރަނީގެ ގޮތުގައި ދައްކާފައިވާއިރު، އެއީ އެކި ދުވަސްވަރު ނަގައި މިއަހަރަށް މުއްދަތު ހަމަވި ދަރަނިތަކެކެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި، މި އަހަރު ނިމޭއިރު ރަސްމީ ރިޒާވް ހުންނާނީ 817.17 މިލިއަން ޑޮލަރުގައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 16.9 ޕަސެންޓުގެ ދަށްވުމެކެވެ. ވޭތުވެދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރީ 984.6 މިލިއަން ޑޮލަރެވެ.