ށ. މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އިން އިންތިޒާމުކޮށްގެން ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގެ މުޅި މުބާރާތުން އެއްވަނަ، އެ ރަށު މުތީހައުސް، ފާތިމަތު ސިލީން އަޙްމަދު ޢާޠިފް ހޯދައިފިއެވެ.

މުޅި މުބާރާތުގެ އެއްވަނައަށް މިލަންދޫ ކައުންސިލުން ހުށަހަޅާފައިވާ 5,000 ރުފިޔާގެ ފައިސާގެ އިނާމާއި، އތމ ކޮމެޓީގެ ޓްރޮފީގެ އިތުރުން ތަވައްކުލް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ޢުމްރާ ދަތުރު، ފާޠިމަތު ސިލީން އަޙްމަދު އާޠިފަށް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ޙަވާލުކޮށްފައިވެއެވެ.

މީގެއިތުރުން، މުޅި މުބާރާތުން ދެވަނަ ހޯދާފައިވަނީ މިލަންދޫ އޮމާން، އާމިނަތު ރުދާ އިބްރާހީމެވެ. އާމިނަތު ރުދާ އިބްރާހީމަށް ކައުންސިލުން ހުށަހެޅި 3,000 ރުފިޔާގެ ފައިސާގެ އިނާމާއި އތމ ކޮމެޓީގެ ޓްރޮފީ ޙަވާލުކޮށްފައިވެއެވެ. އަދި ތިންވަނަ ހޯދި މިލަންދޫ ވެލްކަމް، އާމިނަތު ސިޒާ މުޙައްމަދަށް ވަނީ ކައުންސިލްގެ ފަރާތުން 2,000 ރުފިޔާގެ ފައިސާގެ އިނާމާއި އތމ ކޮމެޓީގެ ޓްރޮފީ ޙަވާލުކޮށްފައެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ބާއްވާފައިވަނީ 2026 ނޮވެމްބަރު 28 ވީ ހޮނިހިރު ދުވަހުގެ ރޭ 20:15 ގައެވެ.

މުޖުތަމަޢުގެ ތެރޭގައި އިސްލާމީ ރިވެތި އަޚްލާޤާއި ދީނީ ރޫޙު ކުދިންގެ ކިބައިގައި އަށަގަންނުވައި، ޤުރުއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ވާދަވެރިކަން އުފެއްދުމާއި ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ މި މުބާރާތް ކުރިއަށް ގޮސްފައިވަނީ ނޮވެމްބަރު 26 އިން 27 އަށެވެ.

ޖުމްލަ 7 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ފޮތުން ކިޔެވުމާއި ހިތުން ކިޔެވުމުގެ ގޮފިން 11 ކެޓަގަރީއަކުން 166 ދަރިވަރުން ވާދަކޮށްފައިވެއެވެ.

ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޣަފޫރު އަޙްމަދެވެ. މި ރަސްމިއްޔާތުގައި ވަނީ ވަނަތަކަށް ދިޔަ ދަރިވަރުންނަށް އިނާމާއި ޓްރޮފީ ހަވާލުކޮށްފައެވެ.

މީގެ އިތުރުން މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން 1 ވަނައިން ފެށިގެން 5 ވަނައާ ހަމައަށް ހޮވުނު ދަރިވަރުންނަށް އތމ ކޮމެޓީން ވަނީ ޓްރޮފީ ދީފައެވެ. އަދި ކޮންމެ ކެޓަގަރީއެއްގެ ވަނަތަކަށް މިލަންދޫ ކައުންސިލުން ފައިސާގެ އިނާމު ދީފައިވެއެވެ. އެގޮތުން ކޮންމެ ކެޓަގަރީއެއްގެ އެއްވަނައަށް 700 ރުފިޔާ، ދެވަނައަށް 600 ރުފިޔާ، ތިންވަނައަށް 500 ރުފިޔާ، ހަތަރުވަނައަށް 400 ރުފިޔާ އަދި ފަސްވަނައަށް ދިޔަ ދަރިވަރަށް 300 ރުފިޔާ ވަނީ ދީފައެވެ.