ހދ. ކުޅުދުއްފުށީ ސިޓީގައި ކުރިޔަށްގެންދިޔަ ކްރޮސް ސްޓިޗިންގ ކޯސް ކާމިޔާބުކަމާއެކު ނިންމާލައި، ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަބުޑީ މޯލްޑިވްސް ގުޅިގެން މި ކޯސް ކުރިއަށްގެންދިޔައީ ނޮވެންބަރު 21 އިން 26ގެ ނިޔަލަށެވެ.
މި ކޯހުގެ ނިންމުމުގެ ރަސްމިއްޔާތުގައި، ކޯސް ފުރިހަމަކުރި 30 ބައިވެރިންނަށް ސެޓްފިކެޓް ދީފައިވެއެވެ.
މީގެއިތުރުން، ކޯހުގައި ކިޔަވައިދެއްވި އާމިނަތު ޝިހާނާގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ޙަވާލުކުރުމާއި، ބައިވެރިއެއްގެ ޝުޢޫރު ފާޅުކުރުމުގެ އިތުރުން، ކޯހުގެ ބައިވެރިން ތައްޔާރުކޮށްފައިވާ އަތްތެރި މަސައްކަތްތައް ދައްކާލުންވެސް މި ރަސްމިއްޔާތުގެ ތެރެއިން ކުރިއަށްދިޔައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާޠިފެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޭޔަރު މުޙައްމަދު އާޠިފް ވަނީ މިފަދަ ކޯހެއް ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްދެއްވި ކަމަށްޓަކައި އަބުޑީ މޯލްޑިވްސްއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މި ކޯހުން ދަސްވި ހުނަރު ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކޮށް، އާމްދާނީ ހޯދޭނެ ވަސީލަތަކަށް އެކަން ބަދަލުކުރުމަށް ކޯހުގެ ބައިވެރިންގެ ކިބައިން މޭޔަރު އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، ދިވެއްސެއްގެ އަތުން އުފައްދާ ކޮންމެ އެއްޗަކީވެސް ދިވެހި އުފެއްދުމެއްކަން ފާހަގަކުރައްވައި، މިފަދަ އުފެއްދުންތައް މާކެޓްކުރުމަށް މަގުފަހިކުރުމުގެ ގޮތުން "އޯތެންޓިކް ކުޅުދުއްފުށި" ފިހާރަ ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް މޭޔަރު ހާމަކުރެއްވިއެވެ. ހަމައެއާއެކު، 2026 ވަނަ އަހަރެކޭ އެއްފަދައިން 2027 ވަނަ އަހަރުވެސް ބޮޑުތިލަދުންމަތީ ބޮޑުބާޒާރު ބާއްވައި، އަމިއްލަ އުފެއްދުންތައް މައުރަޒުކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ސިޓީކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، މި ކޯހަކީ އަންހެނުންގެ ހުނަރު ތަރައްޤީކޮށް، އަމިއްލަ އަތުން ތަކެތި އުފެއްދުން އިތުރުކުރުމާއި، އަމިއްލައަށް އާމްދާނީ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގި ޕްރޮގްރާމެކެވެ. އަދި އަންހެނުންގެ މެދުގައި ވިޔަފާރިކުރުމުގެ ރޫޙު އާލާކޮށް، އަމިއްލަ ނަފްސަށް ބަރޯސާވުމަށް ހިތްވަރުދިނުމަކީވެސް މި ތަމްރީނުގެ މުހިންމު އެއް ބޭނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!