އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާއި ގަތުލުއާންމުގެ ސަބަބުން ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު، އެ ސަރަހައްދުގެ ރާޒުވާ ކުޅުންތެރިން އަލުން އެ ކުޅިވަރުގެ ތެރެއަށް ނުކުމެ، އައު އުންމީދުތަކެއް ހޯދަން ފަށައިފިއެވެ.

ޣައްޒާގެ ރިމާލް އަވަށުގައި ޒުވާން އަންހެން ކުޅުންތެރިއެއް ކަމަށްވާ އުމުރުން 18 އަހަރުގެ ރަޣަދު ރަބީއު، އޭނާގެ ކޯޗު ރަޣަދު އަދަސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން މޮޅުވުމަކީ، ހަނގުރާމައިގެ ސުންނާފަތިކަމުގެ ތެރެއިން ޣައްޒާގައި ރާޒުވާ ކުޅިވަރު އަލުން ދިރުވަމުން އަންނަކަމުގެ ހެއްކެކެވެ.

ރަބީއު ރާޒުވާ ކުޅެން ދަސްކުރަން ފެށީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހު، ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ދެކުނަށް ހިޖުރަކުރަން ޖެހުނު ދުވަސްވަރުގައެވެ. ވަގުތު ހޭދަކުރާނެ އައު ކަމެއް ހޯދުމުގެ ގޮތުން އިންޓަނެޓް މެދުވެރިކޮށް އަމިއްލައަށް ކުޅިވަރުގެ އަސާސީ ގަވާއިދުތައް ދަސްކުރުމަށްފަހު، އޭނާ ވަނީ އަދަސް ހިންގި ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެފައެވެ. ރަބީއު ބުނި ގޮތުގައި އޭނާ އަބަދުވެސް ރާޒުވާ ކުޅުންތެރިންނަށް ތާއީދުކުރާ ކަމަށާއި، މިހާރު ދެ މުބާރާތެއްގައި ވާދަކޮށްފައިވާއިރު، ބައިނަލްއަގުވާމީ ރާޒުވާ ފެޑެރޭޝަން (ފިޑޭ) ގެ ގްރޭންޑްމާސްޓަރަކަށް ވެ، ފަލަސްތީނު ތަމްސީލުކުރުމަކީ އޭނާގެ އެންމެ ބޮޑު ހުވަފެނެވެ.

ނަމަވެސް، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، އިސްރާއީލުގެ ހިސާރުކުރުމާއި ކޮންމެ ދުވަހަކު ދޭ ވައިގެ ހަމަލާތަކުގެ ތެރޭގައި އެފަދަ އަމާޒަކަށް ވާސިލުވުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ރާޒުވާ ފަރިތަކުރާނެ ދާއިމީ ތަނެއް ނެތުމުގެ ސަބަބުން ކުޅުންތެރިން ކޮންމެ ހަފުތާއަކު ބައްދަލުކުރަނީ ޣައްޒާ ސިޓީގެ ރިމާލް އަވަށުގައި ހުންނަ "ލޯޑް ކެފޭ" ފަދަ އެކި ތަންތަނުގައެވެ. މީގެއިތުރުން ރާޒުވާ ބޯޑާއި ގަޑި އަދި ފޮތްތައް މަދުވުމާއި، ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވުމަކީ ފަރިތަކުރުންތަކަށް އެޅިފައިވާ ބޮޑު ހުރަހެކެވެ.

ހަނގުރާމައިގެ ކުރިން އަދަސް އަކީ ފަލަސްތީން ޗެސް ފެޑެރޭޝަންގެ މުބާރާތްތަކުގައި ވާދަކުރި "ސްޕާކް" ޓީމުގެ ކެޕްޓަނެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރާނެ ގައުމީ ޓީމެއް އެކުލަވައިލުމަށް ވެސްޓް ބޭންކުގެ ކުޅުންތެރިންނާ ދެކޮޅަށް ކުޅުމަށް ހޮވުނު 10 ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނުނެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއީލުން ފެށި ހަނގުރާމައިގައި މަދުވެގެން 74،000 ފަލަސްތީނު މީހުން ޝަހީދުވެ، އެ ޓީމުގެ ހެޑްކުއާޓާސް ހަލާކުވެ، ކުޅުންތެރިން އެކި ސަރަހައްދުތަކަށް ބެހިގެން ދިޔައެވެ. އެހެންނަމަވެސް، ހަނގުރާމަ ފެށުނުތާ އަހަރެއްހާ ދުވަސް ފަހުން އަދަސް ވަނީ ވަގުތީ ހިޔާތަކުގައި ރާޒުވާ ދަސްކޮށްދޭން ފަށައި، ފެބުރުއަރީ މަހު "ސްޓޭލްމޭޓް" ގެ ނަމުގައި ކޮމިއުނިޓީ އިސްނެގުމެއް ފަށައިފައެވެ.

ފުރަތަމަ 12 މެންބަރުންނާއެކު ފެށި "ސްޓޭލްމޭޓް" ގްރޫޕުގައި މިހާރު 470 މެންބަރުން ތިބިއިރު، ކޮންމެ ހަފުތާއަކު ބާއްވާ ބައްދަލުވުންތަކުގައި 20 އާއި 40 އާ ދެމެދުގެ އަދަދަކަށް ކުޑަކުދިންނާއި، ޒުވާނުންނާއި، އަންހެނުން އަދި ދޮށީ އުމުރުގެ މީހުން ބައިވެރިވެއެވެ. އަދަސް ބުނި ގޮތުގައި މި ހަރަކާތްތަކަކީ ހަނގުރާމައިގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ މީހުން ގެއިން ބޭރަށް ނުކުމެ އެކަކު އަނެކަކާ ބައްދަލުކުރުމަށް ލިބުނު ބޮޑު ހިތްވަރެކެވެ. މި އިސްނެގުމުގެ ދަށުން ނޮވެމްބަރު 19 ވަނަ ދުވަހު 41 ކުޅުންތެރިންނާއެކު ސްވިސް ސިސްޓަމަށް ނުވަ ބުރުގެ މުބާރާތެއް ވެސް ވަނީ ބާއްވައިފައެވެ.

ފަލަސްތީން ޗެސް ފެޑެރޭޝަންގެ ޑެޕިއުޓީ ހެޑް ޝަރީފް ދާހިރު ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ކުރިން ޣައްޒާގައި 500 އަށް ވުރެ ގިނަ ރާޒުވާ ކުޅުންތެރިންނާއި 20 ކްލަބު އޮތެވެ. ފެޑެރޭޝަންގެ ތަރުޖަމާނު ނެލީ އަލް މަސްރީ ވިދާޅުވީ ކުޅިވަރު ވަސީލަތްތައް ހަލާކުވެފައިވުމުން ހަރަކާތްތައް އަލުން ފެށުން ދަތިވި ނަމަވެސް، ކުޅުންތެރިންގެ އެދުމުގެ މަތިން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު 50 އަށް ވުރެ ގިނަ ކުޅުންތެރިންނާއެކު "ރިޓާން އެންޑް ލޯޔަލްޓީ ޓޯނަމެންޓް" ބޭއްވި ކަމަށެވެ. އަދި އޭގެ ފަހުން ޖޫން މަހު 84 ކުޅުންތެރިންނާއެކު މުބާރާތެއް އަދި ޖުލައި މަހު 92 ކުޅުންތެރިންނާއެކު މޫސާ އީސާ ސަބާ މެމޯރިއަލް ރެޕިޑް ޗެމްޕިއަންޝިޕް ބޭއްވިއެވެ. މި ހަނގުރާމައިގައި ފެޑެރޭޝަނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އޭގެ ތެރޭގައި ޚާން ޔޫނިސްގައި ހުރި ޓެންޓަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ރާޒުވާ ޗެމްޕިއަން އަދި ފެޑެރޭޝަންގެ މެންބަރު ވަލީދު އަބޫ އަލް ހަސަން އޭނާގެ އަންހެނުންނާއި ދެ ކުދިންނާއެކު ޝަހީދުވުން ހިމެނެއެވެ.