އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހިންގާ ތަމްރީނު ޕްރޮގްރާމުތައް މިއަދު ފަށައިފިއެވެ.

މިއީ މުޅި ރާއްޖެއަށް މި މަޝްރޫޢު ފުޅާކުރުމުގެ ކުރިން، މުވައްޒަފުން ތަމްރީނުކުރުމަށް ފެށި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ހަރަކާތްތަކެވެ.

މި ތަމްރީނު ޕްރޮގްރާމްގެ މަސައްކަތްތައް ފަށާފައިވަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، އެ ވުޒާރާގެ ދަށުން ހިނގަމުންދާ އެކި އިދާރާތަކުގެ މުވައްޒަފުންނާ އެކުގައެވެ. މިއަދު ހެނދުނު ފެށި މި ސެޝަންތައް ހަވީރުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ 2027 ވަނަ އަހަރުން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤައުމީ މަޝްރޫޢުގެ ތެރެއިން، 2027 ވަނަ އަހަރަށް ކަނޑައަޅާފައިވާ މުހިންމު 24 ސިފައަށެވެ. މި 24 ސިފަ ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދަނީ އެ ވުޒާރާގެ ދަށުން ހިންގާ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ހަތަރު އިސްވާރުންނެވެ.

މި ޕްރޮގްރާމްގެ ސެޝަންތައް ފަށާފައިވަނީ އިސްލާމީ އަދަބު އަޚުލާޤުގެ މުހިންމު ހަތް ސިފައަކަށް ޚާއްޞަކޮށްގެންނެވެ. އޭގެ ތެރޭގައި ވަގުތަށް ޙުރުމަތްތެރިކޮށް ހިތުމާއި، އެކަކު އަނެކަކާ ބައްދަލުވާ ހިނދު ހިނިތުންވުމާއެކު ބައްދަލުކުރުމުގެ އިތުރުން، ސަލާމް ގޮވައިލުން އާދައަކަށް ހެދުން ހިމެނެއެވެ.

މީގެއިތުރުން، އެކަކު އަނެކަކާ އޯގާތެރިކަމާއެކު މުޢާމަލާތުކުރުމާއި، މީސްމީހުންގެ އަބުރު ގެއްލޭ ފަދަ ވާހަކަތައް ނުދެއްކުމާއި، މާފުކުރުމާއެކު ހިތްހެޔޮކަމާއެކު ވާހަކަ ދެއްކުމުގެ މުހިންމު ސިފަތައް ވެސް މި ބައިގެ ތެރޭގައި ހިމަނައިގެން ބައިވެރިންނަށް ވަނީ އޮޅުންފިލުވައިދީފައެވެ.

މި މަޝްރޫޢުގެ ދަށުން، ކުރިއަށް އޮތް ޑިސެންބަރު މަހުގެ ތެރޭގައި ވީހާވެސް ފުޅާ ދާއިރާއެއްގައި މާލެއާއި އަތޮޅުތެރޭގައި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އެ ތަމްރީނުތަކަށް ފަހު، އޭގެ ތެރެއިން މަންދޫބުންނާއި މުދައްރިބުން ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ހޮވާލެވޭ މަންދޫބުންނާއި މުދައްރިބުން މެދުވެރިކޮށް، ސަރުކާރުގެ އެކި އޮފީސްތަކާއި، މުއައްސަސާތައް އަދި ކުންފުނިތަކުގައި މި މަޝްރޫޢުގެ ތަމްރީނުތައް އިތުރަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.