ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ހުސްވެފައިވާ ރައީސްކަމުގެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަން، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ.
ވަށަފަރު ޑަބްލިއުޑީސީގެ ރައީސްކަމުގެ ގޮނޑި ކާމިޔާބުކުރެއްވި ހއ. ވަށަފަރު، ނަރުގިސްވިލާ، ރިޝްމާ އާދަމްއާ މި އިންތިޚާބުގައި ވާދަކުރެއްވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ނުކުމެވަޑައިގެންނެވި އެ ރަށު ތޫރި، ޒައިނާޒް އަޙުމަދެވެ.
މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދިޔަ ތިން ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ހުރިހާ ފޮށްޓަކުންވެސް ކުރި ހޯއްދަވާފައިވަނީ ރިޝްމާއެވެ. އެގޮތުން ވަށަފަރު ސްކޫލް ހޯލުގައި ބެހެއްޓުނު ފޮށިން ރިޝްމާއަށް 126 ވޯޓު ލިބިވަޑައިގެންނެވި އިރު، ޕީއެންސީގެ ކެންޑިޑޭޓް ޒައިނާޒަށް ލިބިވަޑައިގެންނެވީ 124 ވޯޓެވެ.
މާލޭގައި ދިރިއުޅޭ ވަށަފަރުގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން މާލޭގައި ބެހެއްޓި ވޯޓުފޮށިން ރިޝްމާ ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ. އެ ފޮށިން އޭނާއަށް 107 ވޯޓު ލިބިވަޑައިގެންނެވި އިރު، ޒައިނާޒަށް ލިބިވަޑައިގެންނެވީ 66 ވޯޓެވެ. ހަމައެއާއެކު، ހުޅުމާލޭގައި ބެހެއްޓި ވޯޓުފޮށިން ރިޝްމާ 45 ވޯޓު ހޯއްދެވި އިރު، ޒައިނާޒަށް ލިބިވަޑައިގެންނެވީ 31 ވޯޓެވެ.
މުޅި އިންތިޚާބުގެ ޖުމްލަ ނަތީޖާއަށް ބަލާއިރު، ރިޝްމާ އާދަމް ވަނީ 278 ވޯޓު ހޯއްދަވާފައެވެ. ޕީއެންސީގެ ކެންޑިޑޭޓް ޒައިނާޒް އަޙުމަދަށް ލިބިވަޑައިގެންނެވީ 221 ވޯޓެވެ. އެހެންކަމުން ރިޝްމާ މި އިންތިޚާބު ކާމިޔާބުކުރެއްވީ 57 ވޯޓުގެ ތަފާތަކުންނެވެ. ރިޝްމާ ހޯއްދެވި މި ކާމިޔާބީއާ ގުޅިގެން ކުރީގެ ރައީސް، އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވަނީ އޭނާއަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާފައެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް މިއަދު ކުރިއަށްދިޔަ ބައި-އިލެކްޝަންތަކުގެ ތެރޭގައި ހއ. ވަށަފަރުގެ އިތުރުން ވ. ތިނަދޫ ކައުންސިލްގެ ރައީސް އާއި އެ ރަށު ޑަބްލިއުޑީސީގެ ގޮނޑި އަދި އައްޑޫ ހުޅުދޫ ދާއިރާގެ ޑަބްލިއުޑީސީގެ ގޮނޑި ހިމެނެއެވެ. މީގެ ތެރެއިން ހުޅުދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ.
މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށްދިޔަ މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު 3،776 މީހަކަށް ލިބިފައިވާއިރު، އަތޮޅުތެރޭގައި ފަސް ފޮށި އަދި ގްރޭޓަރ މާލެ ސަރަހައްދުގައި ފަސް ފޮށި ހިމެނޭހެން ޖުމްލަ 10 ވޯޓުފޮށި ބަހައްޓާފައިވެއެވެ. އިންތިހާބީ ހަރަކާތްތަކުގައި 81 އޮފިޝަލުން ހަރަކާތްތެރިވެފައިވާއިރު، މި ބައި-އިލެކްޝަންތަކުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!