ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް އިނޮވޭޝަން ސަމިޓް ފޯ ހެލްތް (ވިޝް 8) ގެ އަށްވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭ ޤަޠަރަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ޤަޠަރު ފައުންޑޭޝަންގެ ޗެއަރޕަރސަން، ޝެއިޚާ މޯޒާ ބިންތު ނާޞިރު ދެއްވި ރަސްމީ ދަޢުވަތަކަށް އެކަމަނާ ކުރައްވާ ދަތުރުފުޅެކެވެ.
މި ސަމިޓުގެ ތެރޭގައި ކުރިއަށްދާ މުހިންމު ހަރަކާތްތަކުގެ ތެރެއިން، މަތީ ފަންތީގެ ޚާއްޞަ ރައުންޑްޓޭބަލް މަޝްވަރާއެއްގައި ފަސްޓްލޭޑީ ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެކަމަނާ ތަޤުރީރު ކުރައްވާނީ "ގްލޯބަލް ހެލްތް ބިޔޯންޑް 2030: އިމަރޖިންގ ހެލްތު ޗެލެންޖަސް، ކޯޕަރޭޝަން، އެންޑް ދަ ރޯލް އޮފް މިޑްލް ޕަވަރސް" މި މަޢުޟޫޢުގެ ދަށުންނެވެ.
މީގެއިތުރުން، ވިޝް ސަމިޓުގެ ހަވާސާގައި ބައިވެރިވެވަޑައިގަންނަވާ އެކި ޤައުމުތަކުގެ ޢިއްޒަތްތެރިންނާ ބައްދަލުކުރައްވައި، މަޝްވަރާތައް ކުރިއަށް ގެންދެވުމަށްވެސް އެކަމަނާގެ މި ދަތުރުފުޅުގައި ވަނީ ރޭވިފައެވެ.
ޤަޠަރު ފައުންޑޭޝަނުން އިސްނަގައިގެން ބާއްވާ މި ސަމިޓަކީ، ދުނިޔޭގެ ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ މުހިންމު ގޮންޖެހުންތަކާއި މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ މަންސައެކެވެ.
ހަމައެއާއެކު، ޢަމަލީ ސިޔާސަތުތައް އެކުލަވާލުމުގެ މަޤްޞަދުގައި ދުނިޔޭގެ ޞިއްޙީ ސިޔާސަތުތައް ކަނޑައަޅާ އިސް ފަރާތްތަކާއި، ދާއިރާގެ އައު އީޖާދުތައް އުފައްދާ މާހިރުންގެ އިތުރުން އެކަޑެމިކް ބޭފުޅުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ލީޑަރުން މި ސަމިޓުގެ ތެރެއިން އެއްތަނަކަށް ޖަމާވެ މަޝްވަރާތައް ބާއްވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!