އެމެރިކާއިން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ބޭރުގެ ޓެކްނޮލޮޖީއަށް ބަރޯސާވުން ކުޑަކުރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 2028 ވަނަ އަހަރާ ހަމައަށް އެ ގައުމުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕް މާކެޓުގެ 88 އިންސައްތަ އެތެރޭގެ ކުންފުނިތަކުގެ ބާރުގެ ދަށަށް ގެންދާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޔޫބީއެސް ސެކިއުރިޓީޒްގެ ރިސާޗު ނޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، 2027 ވަނަ އަހަރު މި ނިސްބަތް އުޅޭނީ 83 އިންސައްތައިގައެވެ.

ޔޫބީއެސް އިން ލަފާކުރާ ގޮތުގައި ޗައިނާގައި އުފައްދާ އޭއައި އެކްސެލެރޭޓަރުތައް ބާޒާރަށް ނެރޭ މިންވަރު ނުވަތަ ޝިޕްމަންޓް ކުރިއަށް އޮތް އަހަރުތަކުގައި ގާތްގަނޑަކަށް ހަ ގުނައަށް އިތުރުވާނެއެވެ. އެގޮތުން 2025 ވަނަ އަހަރު 1.7 މިލިއަން ޔުނިޓު ޝިޕްކުރާއިރު، 2027 ގައި 3.7 މިލިއަނަށް އަދި 2028 ވަނަ އަހަރު މި އަދަދު 5.5 މިލިއަން ޔުނިޓަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް ދާއިރު އެ ގައުމުން އަހަރަކު 10 މިލިއަނަށް ވުރެ ގިނަ ޔުނިޓު ބާޒާރަށް ނެރޭނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މި ކުރިއެރުމާ އެކު ޗައިނާގެ މާކެޓުގައި ބޭރުގެ ކުންފުނިތަކުގެ ހިއްސާ ދަނީ ބޮޑުތަނުން ދަށްވަމުންނެވެ. އެގޮތުން 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޗައިނާގެ ޑޭޓާ ސެންޓަރު އޭއައި ޗިޕް މާކެޓުގައި އެމެރިކާގެ އެންވީޑިއާގެ ހިއްސާ 34 އިންސައްތައަށް ދަށްވެފައިވާއިރު، ޗައިނާގެ ހުއާވޭގެ ހިއްސާ ވަނީ 28 އިންސައްތައަށް އުފުލިފައެވެ. މީގެ އިތުރުން، އެތެރޭގެ ޑިމާންޑް ފުއްދައިދީ އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ކުންފުނިތަކުގެ ތެރޭގައި ހުއާވޭގެ އިތުރުން ކެމްބްރިކަން ޓެކްނޮލޮޖީސް އަދި ބިރެން ޓެކްނޮލޮޖީ ހިމެނޭ ކަމަށް ޔޫބީއެސް އިން ފާހަގަކުރެއެވެ.

ނަމަވެސް، އުފެއްދުންތެރިކަން މިހާ ހަލުވި ދުވެއްޔެއްގައި އިތުރުކުރަމުން ދިޔަ ނަމަވެސް، 2028 ވަނަ އަހަރާ ހަމައަށް ޗައިނާގެ އެތެރޭގެ ޖީޕީޔޫ އުފައްދާ މިންވަރު އުޅޭނީ އެ ގައުމުގެ ޖުމްލަ ޑިމާންޑަށް ވުރެ 20 އިން 30 އިންސައްތަ ދަށުގައެވެ. އެހެންނަމަވެސް، 2028 ވަނަ އަހަރަށް ފަހު ސަޕްލައި އިތުރުވާ މިންވަރު ވަރަށް ބޮޑަށް އަވަސްވެގެންދާނެ ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ޗައިނާގެ އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރަން މަޖުބޫރުވެފައި ވަނީ އެމެރިކާއިން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމާ ގުޅިގެންނެވެ. އެގޮތުން 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ވަނީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތައް ކަމަށްވާ މެލޭޝިއާ، ސިންގަޕޫރު، ތައިލެންޑް އަދި އިންޑޮނޭޝިއާގެ އިތުރުން ބްރެޒިލަށް އެޑްވާންސްޑް އޭއައި ޗިޕް އެކްސްޕޯޓް ކުރުމުގައި ލައިސަންސް ނަގަންޖެހޭ ގޮތަށް އުސޫލުތައް ހަރުކަށިކޮށްފައެވެ. މިއީ ޗައިނާގެ ކުންފުނިތަކުން އެ ގައުމުތަކުގެ ކްލައުޑް އަދި ޑޭޓާ ސެންޓަރުތައް ބޭނުންކޮށްގެން ހޯދަމުންދިޔަ ހައްލުތައް ބަންދުކުރުމަށް އެޅި ފިޔަވަޅެކެވެ. މީގެ އިތުރުން، މި ހަފުތާގެ ތެރޭގައި އެންވީޑިއާއިން ވަނީ ޑެލް އަދި ސުޕަމައިކްރޯ ފަދަ ސާވާ އުފައްދާ ކުންފުނިތަކަށް، ގަވާއިދުތަކަށް ބޯލަނބާ މިންވަރު ބެލުމުގެ ގޮތުން ދެކުނު އިރުމަތީ އޭޝިއާގެ އެ ހަތަރު ގައުމަށް އޭއައި ސާވާ ފޮނުވުން މަޑުޖައްސާލުމަށް އަންގާފައެވެ.

ހުޅަނގުގެ އީޔޫވީ ލިތޯގްރަފީ ޓެކްނޮލޮޖީ ލިބުން މަނާވެފައި ވުމުން ކުރިމަތިވާ ހުރަސްތަކުން އަރައިގަތުމަށް، ޗައިނާއިން ދަނީ އެ ގައުމުގެ ޗިޕް އުފެއްދުމުގެ ފެސިލިޓީތައް ފުޅާކުރުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެސްއެމްއައިސީ (SMIC) ކުންފުނިން އަމާޒު ހިފާފައި ވަނީ މިހާރު މަހަކު 20،000 އަށް ވުރެ މަދުން އުފައްދާ އެޑްވާންސްޑް-ނޯޑް ވޭފާގެ އަދަދު، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މަހަކު 100،000 އަށް އަދި 2030 ވަނަ އަހަރާ ހަމައަށް ދާއިރު މަހަކު 500،000 އަށް އިތުރުކުރުމަށެވެ.

އެތެރޭގެ ހާޑްވެއާ ވަސީލަތްތައް ފުޅާކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދިޔަ ނަމަވެސް، އެމެރިކާގެ ހިފެހެއްޓުންތަކުގެ ސަބަބުން ބޭރުގެ ކޮމްޕިއުޓް ވަސީލަތްތައް ހޯދުމުގައި ޗައިނާގެ އޭއައި ލެބްތަކަށް ވަގުތީ ބުރޫއެރުންތަކެއް ވަނީ ކުރިމަތިވެފައެވެ. މި ދަތިތަކާ ހުރެ، ޗައިނާގެ ޒެޑް.އޭއައި (Z.AI) ގެ "ޖީއެލްއެމް-5.5" އަދި މޫންޝޮޓް އޭއައިގެ "ކިމީ ކޭ4" ފަދަ އެންމެ ފަހުގެ މޮޑެލްތައް އާންމުކުރުމުގެ ތާވަލު މިހާރު ވަނީ 2027 ވަނަ އަހަރަށް ފަސްކުރަން ޖެހިފައެވެ.