ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާއެއްގައި އެއްޗެއް ގޮވައި ހިނގި ހާދިސާއެއްގައި މަދުވެގެން ހަތް މީހަކު ޒަޚަމްވެއްޖެއެވެ.
ބެންކޮކްގެ އީރަވަން އެމަޖެންސީ މެޑިކަލް ސެންޓަރާ ހަވާލާދީ ކަމާބެހޭ ފަރާތްތަކުން ބުނީ، މި ހާދިސާގައި ޒަޚަމްވި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ޙާލު ސީރިއަސް ކަމަށެވެ.
ބެންކޮކްގެ އިރުމަތީ ސަރަހައްދުގައި ހުންނަ ބަންގްޗަކް ކޯޕަރޭޝަންގެ މި ތެޔޮ ޑިޕޯގައި ގޮވުމެއް ގޮވައި އަލިފާން ރޯވުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާރުޚާނާ ހުންނަ ސަރަހައްދުގެ ވަށައިގެން ދިރިއުޅޭ ރައްޔިތުން ވަގުތުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ބަންގްޗަކް ޑިސްޓްރިކްޓް އޮފީހުން ވަނީ އިރުޝާދު ދީފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ކާރުޚާނާ ހުންނަ ސަރަހައްދުން އަލިފާންގަނޑު މައްޗަށް ފެންނަށް ހުރިއިރު، ބެންކޮކްގެ އުޑުމަތި ވަނީ ބޯ ދުމުން އެއްކޮށް ފޮރުވިފައެވެ.
އަލިފާނުގެ މި ހާދިސާއާ ގުޅިގެން، ބަންގްޗަކް ކޯޕަރޭޝަނުން ބުނީ ޕްރާ ޚަނޮންގް އޮއިލް ރިފައިނަރީގެ ހުރިހާ ޕްރޮޑަކްޝަން ޔުނިޓްތަކެއްގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
ތެޔޮ ސާފުކުރާ މި މަރުކަޒަކީ ބެންކޮކްގެ މައި މަރުކަޒާ ގާތުގައި ނަމަވެސް، ގިނަ އަދަދަކަށް އިންޑަސްޓްރިއަލް އޮފީސްތަކާއި ވެއާހައުސްތައް ހުންނަ އަދި މައި ބަނދަރާ ކައިރީގައި އޮންނަ ސަރަހައްދެކެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބަންގްޗަކް ޑިސްޓްރިކްޓް އޮފީހުން ބުނެފައިވެއެވެ. އަދި ބެންކޮކްގެ ކަމާބެހޭ ފަރާތްތަކުން މޮބައިލް ފޯނުތަކަށް ފޮނުވި ސިޓީ-ވައިޑް އެލާޓެއްގައި ވަނީ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ކަށަވަރުކޮށްދީފައެވެ.
ތައިލެންޑުގެ ބޮޑުވަޒީރު އަނުތިން ޗާންވިރަކުލް ބުރާސްފަތި ދުވަހު ވިދާޅުވީ، އެ ޤައުމުގެ ސަރުކާރުން މި ޙާލަތު ގާތުން ބަލަމުން އަންނަ ކަމަށާއި، ޙާލަތު މިހާރު އޮތީ ކޮންލް ވެފައި ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ ރިފައިނަރީގެ މައި އުފެއްދުންތައް ހިންގާ ސަރަހައްދުގައި ނޫން ކަމަށް ބެލެވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބަންގްޗަކް ކޯޕަރޭޝަންގެ ވެސައިޓުގައިވާ ގޮތުން، މި ތަނަކީ ދުވާލަކު 120,000 ފީފާގެ ތެޔޮ ސާފުކުރުމުގެ ޤާބިލުކަން ލިބިފައިވާ ޒަމާނީ ރިފައިނަރީއެކެވެ. މީގެކުރިން 2012 ވަނަ އަހަރުގެ ޖުލައި މަހުވެސް މި ރިފައިނަރީގައި އެއްޗެއް ގޮވައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!