ހދ. ނޮޅިވަރަންފަރުގެ އެކި ސަރަޙައްދުތަކަކީ ހިތްފަސޭހަ ތަންތަނަށް ހެދުމަށްޓަކައި ޖޯލިފަތި ބެހެއްޓުމުގެ މަސައްކަތް، އެ ކައުންސިލުން ފަށައިފިއެވެ.
އެ ގޮތުން އެ ރަށު ދެކުނު އަވަށުގައި ކައުންސިލުން ކުއްޔަށް ދީފައި ހުރި ބަނބުކެޔޮގަސް ދޮށުގައި ކައުންސިލުން ވަނީ 4 ޖޯލިފަތި ބަހައްޓާފައެވެ.
ނޮޅިވަރަންފަރު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި މިއީ އާންމުން އެއްވެ އުޅޭ ސަރަޙައްދުތައް، ހިތްފަސޭހަ މާޙައުލަކަށް ހެދުމުގެ މަޤްޞަދުގައި ފެށި މަސައްކަތެކެވެ.
މީގެއިތުރުން ގުޅުން ބަދަހިކޮށް، އިށީނދެ ތިބެ، އުފާވެރިވަގުތުތަކެއް ހޭދަކުރުމަށް މަގުފަހިކޮށްދީ، ރައްޔިތުންނަށް މި ފަދަ ފަސޭހަތައް ފޯރުކޮށްދިނުމަކީ އެ ކައުންސިލްގެ އަމާޒެކެވެ. އަދިވެސް އެ ފަދަ އިތުރު ސަރަޙައްދުތަކުގައި، ޖޯލިފަތި ބެހެއްޓުމަށް މަސައްކަތް ކުރަމުންދާކަމަށް ކައުންސިލުން ހާމަކުރެއްވިއެވެ.
މީގެއިތުރުން، އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކަށް ފަސޭހައިން ވަޅުފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ނޮޅިވަރަންފަރު ބަނދަރު ސަރަޙައްދުގައި ފެންވަޅު ބެހެއްޓުމުގެ މަޝްރޫޢެއް ވެސް މިހާރު އެ ކައުންސިލުން ވަނީ ފަށާފައެވެ. މި މަޝްރޫޢު ނިމުމުން އެ ރަށުގެ މަސްވެރިންނަށް ދޯންޏަށް ފެން ގެންދިޔުމަށް ލުއިފަސޭހަ ވެގެން ދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!