ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ރަސްމީ ދަތުރުފުޅެއްގައި ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދުއަށް މިއަދު ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރިނބުދުއަށް ފައިބައިވަޑައިގަތުމުން، އެ ރަށުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެގޮތުން ރަށުގެ ބަނދަރު މަތިން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ރިނބުދޫ ކައުންސިލާއި އެ ރަށުގެ ރައްޔިތުންނެވެ.
މި ދަތުރުފުޅުގެ ތެރެއިން އެ ރަށުގައި އިމާރާތްކޮށްފައިވާ "ބަނދަރުހިޔާ" ރަސްމީގޮތުން ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ތަން ރަސްމީކޮށް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.
ރިނބުދޫގައި ތަރައްޤީކޮށްފައިވާ މި ބަނދަރުހިޔާއަކީ އެ ރަށަށް ލަފާފުރާ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ބިނާކޮށްފައިވާ ތަނެކެވެ. މިއީ ދަތުރުވެރިން އަވިންނާއި ވާރެއިން ހިޔާވެ ތިބުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ހަދާފައިވާ މުހިންމު އިމާރާތެކެވެ.
މި މަޝްރޫޢަކީ ރިނބުދޫ ކައުންސިލުގެ އިސްނެންގެވުމުގެ މަތިން ބަނދަރު ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ ތަނެކެވެ. މިއީ އެއްފަހަރާ 60 މީހުންނަށް ތިބެވޭ ވަރުގެ ޖާގައެއް އެކުލެވޭ ފެރީ ޓާމިނަލެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅަކީ ރިނބުދޫގެ ބަނދަރު ސަރަޙައްދުގެ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނާއި ދަތުރުވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އެ ރަށު ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ބާރުއެޅުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!