ނުރައްކާތެރި ކެމިކަލާއި ކުނި ރައްކާތެރިކަމާއެކު ބެލެހެއްޓުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކަށް އަމާޒުކޮށްގެން ތިން ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ސްރީލަންކާގެ ވެރރިރަށް ކޮޅުނބުގައި ފަށައިފިއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގައި މިފަދަ ތަކެތި ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ލަންކާ ރެސްޕޮންސިބަލް ކެއާ ކައުންސިލާއި، އިންޓަނޭޝަނަލް ކައުންސިލް އޮފ ކެމިކަލް އެސޯސިއޭޝަންސް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ޕޮޕްސް (POPs) ޕްރޮޖެކްޓުގެ ދަށުން އިންތިޒާމުކޮށްގެން ބާއްވާ މި ހަރަކާތަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފ) އިންނެވެ. އަދި މިކަމުގައި ޔޫ.އެން.ޑީ.ޕީ މޯލްޑވްސްގެ އެއްބާރުލުންވެސް ލިބިފައިވެއެވެ.
މި ތަމްރީނުގައި ރާއްޖޭގެ އެކި އިދާރާތަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ، މިނިސްޓްރީ އޮފް ޑިފެންސް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުން ހިމެނެއެވެ.
ޕްރޮގްރާމުގެ ފުރަތަމަ ދުވަހު އަލިއަޅުވާލާފައިވަނީ ކެމިކަލް ގިންތިކުރުމާއި ލޭބަލްކުރުމުގެ ބައިނަލްއަޤްވާމީ މިންގަނޑު ކަމަށްވާ "ގްލޯބަލީ ހާމަނައިޒްޑް ސިސްޓަމް" (ޖީ.އެޗް.އެސް) އަށެވެ. މީގެއިތުރުން، އެކި ބާވަތުގެ ކެމިކަލް އެކުވުމުން ދިމާވެދާނެ ނުރައްކާތަކުގެ އިތުރުން ނުރައްކާތެރި ކެމިކަލް ރައްކާތެރިކަމާއެކު ބޭނުންކުރުމާއި ގުދަންކުރުމާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ.

މި ސެޝަންތަކުގައި ކެމިކަލްތަކުން ކުރިމަތިވެދާނެ ނުރައްކާތައް ދެނގަތުމަށާއި، "ސޭފްޓީ ޑޭޓާ ޝީޓްސް" (އެސް.ޑީ.އެސް) ކިޔައި ދެނެގަންނާނެ ގޮތްތައް ބައިވެރިންނަށް އޮޅުންފިލުވައިދީފައިވެއެވެ. އަދި ނުރައްކާ އަންގައިދޭ ރަނގަޅު ލޭބަލްތައް ފާހަގަކުރާނެ ގޮތްތަކާއި، ނުރައްކާތެރި ކެމިކަލް ރިއެކްޝަންތައް ހިނގިޔަނުދިށްޓަކައި ކެމިކަލް ވަކިވަކިން ރައްކާކޮށް ބެހެއްޓުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ނުރައްކާތެރި ކެމިކަލާއި ކުނި ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމެވެ. އަދި މީގެ ސަބަބުން ތިމާވެއްޓާއި އާންމު ޞިއްޙަތަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ކަމާބެހޭ އިދާރާތަކުގެ ހުނަރާއި މަޢުލޫމާތު މުއްސަނދިވެގެންދާނެ ކަމަށް ކަމާބެހޭ ފަރާތުތަކުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!