ހުޅުމާލޭ ދިއްގާމަގު ބީޗް ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ނުރައްކާތެރި މާރާމާރީއެއް ހިންގަން އުޅުނު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭގައެވެ. ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓް ލިބުނީ ރޭ 22:50 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބުމާއެކު ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފެށިއެވެ. އަދި އެތަނުގައި ހުރި މީހަކު ހުއްޓުވައި ފުލުހުން ވަނީ ބަލައިފާސްކޮށްފައެވެ. އެގޮތުން އޭނާ ހުރި ތަނާ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ވަނީ ފެނިފައެވެ.
މީގެ އިތުރުން އެމީހާގެ ހަށިގަނޑު ބަލައިފާސްކުރިއިރު، އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން އެ ސަރަހައްދު އިތުރަށް ބަލައި ޕްރޮސެސްކުރުމުގެ ތެރޭގައި، އެ ސަރަހައްދުން އިތުރު ދެ ބަޔޮނެޓް ވެސް ވަނީ ހޯދައިފައެވެ.
މި ތަކެއްޗާއެކު، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އެމީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އޭގެ ފަހުން، މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ވެސް ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަހައްދަކުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!