ގއ. ކަނޑުހުޅުދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގއ. ކަނޑުހުޅުދޫ، ނެސްޓް، އުމުރުން 20 އަހަރުގެ ޢަލީ އައިހަމް އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ކަނޑުހުޅުދޫ ޕޮލިސް އަދި ގެމަނަފުށީ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަންގެ ތެރެއިން އޭނާ ހުއްޓުވާފައިވަނީ ކަނޑުހުޅުދޫ ބަނދަރު ސަރަހައްދުންނެވެ. އެއަށްފަހު އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 14 ގުރާމު ހުރި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އައިހަމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.