މިސްރުގެ ވެރިރަށް ގާހިރާ ކައިރީގައި އޮންނަ ޖީޒާ ސިޓީގެ ބާރުބޮޑު ހައިވޭއެއްގައި ތެޔޮ އުފުލާ ޓޭންކަރެއް ފުރޮޅާލައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 31 މީހުން މަރުވެ، 21 މީހަކު ޒަޚަމްވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހު ޖީޒާގެ ވަރަޤު އަވަށާ ދިމާލުން، މުޅި ގާހިރާ ވަށައިގެން އޮންނަ މައި "ރިންގް ރޯޑް" ގައެވެ.
ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، މި އެކްސިޑެންޓާ ގުޅިގެން ޓޭންކަރުގައި ބޮޑު އަލިފާންގަނޑެއް ރޯވެ، ހައިވޭގައި ދަތުރުކުރަމުންދިޔަ އެހެން އުޅަނދުތަކަށް އަލިފާން ވަނީ ފެތުރިގެން ގޮސްފައެވެ. މި ހާދިސާގައި ކާރާއި ސައިކަލް ހިމެނޭހެން މަދުވެގެން 27 އުޅަނދެއް އަނދައި އަޅިއަށް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިސްރުގެ ސިއްހަތާ ބެހޭ ވަޒީރު ޚާލިދު ޢަބްދުލް ޣައްފާރު ވިދާޅުވީ، ހާދިސާ ހިނގި ސަރަހައްދަށް 39 އެމްބިއުލާންސް ފޮނުވައިގެން އަނިޔާވި މީހުން ކައިރީގައިވާ ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބައެއް މީހުންނަށް ލިބިފައިވާ އަނިޔާތައް ސީރިއަސްވުމުގެ ސަބަބުން، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އާބާދީ ބޮޑު ވަރަޤު ސަރަހައްދުގެ ގިނަ އަދަދެއްގެ އާންމުން އެއްވެފައިވާ އެ ސަރަހައްދުގައި، ރެސްކިއު ޓީމުތަކުން ދިޔައީ އަނދަމުންދިޔަ އުޅަނދުތަކުގެ ތެރެއިން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިސްރުގެ ޕަބްލިކް ޕްރޮސެކިއުޓަރު މިހާރު މި ހާދިސާގެ ތަހުގީގެއް ފަށާފައިވާއިރު، ވަރަށް ބޮޑަށް އަނދައި ފިހިފައިވާ ހަށިގަނޑުތައް ދެނެގަތުމަށްޓަކައި ޑީއެންއޭ ޓެސްޓްތައް ހެދުމުގެ މަސައްކަތް ވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން މިސްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް ސީސީ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ފުން ހިތާމައާއި ތައުޒިޔާ ފޮނުއްވާފައެވެ. އަދި އަނިޔާވި ފަރާތްތަކަށާއި ވަކިވެދިޔަ މީހުންގެ އާއިލާތަކަށް ބޭނުންވާ އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ރައީސް ވަނީ އަމުރުކުރައްވާފައެވެ.
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް ދަނީ ތައުޒިޔާ ފޮނުވަމުންނެވެ. އެގޮތުން އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ތަޔާނީ ވަނީ މިސްރުގެ ޚާރިޖީ ވަޒީރު ބަދުރު ޢަބްދުލްއާޠީއަށާއި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، އެކުވެރި މިސްރުގެ ރައްޔިތުންނާއެކު ހުންނެވިކަން ހާމަކުރައްވާފައެވެ. އަދި މިސްރުގައި ހުންނަ އަލްޖީރިއާގެ އެމްބަސީން ވެސް ވަނީ އެ ގައުމުގެ ސަފީރު މުޙައްމަދު ސުފްޔާން ބައްރާޙު މެދުވެރިކޮށް މިސްރު ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވާފައެވެ. މަގުތަކުގެ ހާލަތު ދަށްވުމާއި، ބަލައިލުމެއް ނެތި ޒިންމާދާރުކަން ކުޑަކޮށް ވެހިކަލް ދުއްވުމުގެ އިތުރުން ސަލާމަތީ ގަވާއިދުތައް ތަންފީޒުކުރުން ދޯދިޔާވުމުގެ ސަބަބުން މިސްރުގައި މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ އާންމު ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!