ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހު ސްޕޯޓިންގ ލިޒްބަންއާ ދެކޮޅަށް ކުޅުނު މެޗުގައި، މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ވަނީ އޭނާ ކާމިޔާބުކުރި ލަނޑަކަށް އަމިއްލައަށް މަގުފަހިކޮށްދީ ވަރަށް ތަފާތު ހާދިސާއެއް ތަޖުރިބާކޮށްފައެވެ.
އެސްޓާޑިއޯ ހޯސޭ އަލްވަލާޑޭ ސްޓޭޑިއަމްގައި ކުޅުނު މި މެޗު 1-1 އިން އެއްވަރުވެފައި ވަނިކޮށް، ޕޯޗުގަލްގެ މި ޕްލޭމޭކަރު ޖެހި މި ލަނޑަކީ އޭނާގެ ފުޓްބޯޅަ ހަޔާތުގައި ވެސް ފެނިގެންދިޔަ އެންމެ ހައިރާންކުރުވަނިވި އެއް ލަނޑެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ މެޗުގެ ދެވަނަ ހާފުގައި، ބޯޅަ ހޯދުމަށް ފެނާންޑޭޒް ދުވެފައި ދިޔަ ވަގުތު ސްޕޯޓިންގެ ޕެނަލްޓީ އޭރިއާ ތެރޭގެ ވިނަގަނޑަށް އޭނާގެ ފުންނާބުން އެރި ބާރުގެ ސަބަބުން ވަޅުގަނޑެއް ހެދުމާ ގުޅިގެންނެވެ. އެއަށްފަހު، އަމިއްލަ ދިފާއީ ފަޅިން ބޯޅަ ބޭރުކޮށްލަން ސްޕޯޓިންގެ ކުޅުންތެރިން ކުރި މަސައްކަތް ނާކާމިޔާބުވެ، ޔުނައިޓެޑުން ބޯޅަ އަތުލުމަށްފަހު އޭރިއާ ބޭރުގައި ހުރި ފެނާންޑޭޒަށް ބޯޅަ ފޯރުކޮށްދިނެވެ.
އެވަގުތު އޭނާ ފޮނުވާލި ހަމަލާއަކީ މާ ބޮޑު ބާރެއް ނެތް، އަދި ސްޕޯޓިންގެ ގޯލްކީޕަރު ކައިކޭ ޕެރެއިރާގެ އަތުތެރެއަށް ފަސޭހަކަމާއެކު އަމާންވާނެ ކަމަށް ބެލެވުނު ބޯޅައެކެވެ. ނަމަވެސް، ކީޕަރާ ދިމާއަށް ބިންމަތިން ދިޔަ ބޯޅަ، އޭގެ ކުޑައިރުކޮޅެއް ކުރިން ފެނާންޑޭޒްގެ ފައިން ވިނަގަނޑުގައި ހެދުނު ވަޅުގަނޑުގައި ޖެހުމާއެކު ކުއްލިއަކަށް ވައިގެ ތެރެއަށް މައްޗަށް އަރައި، ކީޕަރު ޕެރެއިރާގެ ބޯމަތިން ގޮސް ވަނީ ގޯލުގެ ތެރެއަށެވެ. އެއާއެކު، ޓީމުގެ ކުޅުންތެރިންނަށް އެކަން ވީ ގޮތް ރަނގަޅަށް ސާފުނުވި ނަމަވެސް، ފެނާންޑޭޒް ވަނީ އުފާފާޅުކުރަމުން ދުވެގޮސްފައެވެ.
ކުރިން ސްޕޯޓިންއަށް ކުޅެ އެ ކްލަބުގެ ތަރިއެއްގެ ގޮތުގައި ފާހަގަކުރެވުނު ފެނާންޑޭޒް ވަނީ، އެ އާދަޔާޚިލާފު ލަނޑު ޖެހުމުގެ އެންމެ ދެ މިނެޓު ކުރިން ލިބުނު ޕެނަލްޓީއަކުން ވެސް ލަނޑެއް ޖަހައި ޔުނައިޓެޑަށް ލީޑު ހޯދައިދީފައެވެ. އޭނާ ކާމިޔާބުކުރި މި ދެ ލަނޑާއެކު ޔުނައިޓެޑް މޮޅުވުމާ ވަރަށް ގާތަށް ދިޔައެވެ.
އެހެންނަމަވެސް، މެޗުގެ ފަހުކޮޅު ޔުނައިޓެޑްގެ ގޯލްކީޕަރު ސެން ލަމެންސްއަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި، ސްޕޯޓިންގެ ލުއިސް ސުއަރޭޒް ވަނީ ލަނޑެއް ޖަހައި ނަތީޖާ 2-2 އަށް ބަދަލުކޮށް މެޗު އެއްވަރުކޮށްދީފައެވެ. މިއާއެކު މެޗުން މޮޅުވުމަށް ޔުނައިޓެޑަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ.
މެޗަށްފަހު ޓީއެންޓީ ސްޕޯޓްސްއާ ވާހަކަދައްކަމުން ފެނާންޑޭޒް ބުނީ، "ގޯސްތަކަކީ ފުޓްބޯޅައިގެ ބައެއް، އަދި ލަނޑުތައް މި ލިބެނީ ވެސް އެފަދަ ކަންކަމުން،" ކަމަށެވެ. އަދި ފުޓްބޯޅައަކީ ވަކިވަކި ފަރުދުން ކުޅޭ ކުޅިވަރެއް ނޫން ކަމަށާއި، ކުރެވޭ ރަނގަޅު ކަންކަމާއި ގޯސް ކަންކަމުގެ ޒިންމާ ވެސް ނަގަންވާނީ އެންމެން އެކުގައި ކަމަށް އޭނާ ފާހަގަކުރިއެވެ.
އޭނާ އިތުރަށް ބުނީ، "އަހަރެން ދެކޭގޮތުގައި އެންމެ މުހިންމު ކަމަކީ ރަނގަޅު ވަގުތުތަކުގަޔާއި ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އަހަރެމެން އެކުގައި ތިބެންޖެހޭނެކަން ދެނެގަތުން. އަދި އެކަކު އަނެކަކަށް އޮތް އިތުބާރަކަށް މީގެ ސަބަބުން އެއްވެސް ބަދަލެއް ނާންނާނެ." ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!