ހދ. ކުމުންދޫގައި ކީރިތި ޤުރްއާން ތަޖުވީދުގެ މަގުން ކިޔަވަން ދަސްކޮށްދިނުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޕްރޮގްރާމަކީ ކުމުންދޫ ކައުންސިލާއި އަލްޤާރީ އަޙްމަދު ތަޢުފީޤު ގުޅިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ކުމުންދޫ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން ކުމުންދޫ ސްކޫލުގެ ދަރިވަރުންނަށާއި އެ ރަށުގެ ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ޚާއްޞަ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެއިތުރުން، އެ ރަށުގައި މަސައްކަތްކުރައްވާ އިމާމުންނަށް ވެސް މި ޕްރޮގްރާމުގެ ތެރެއިން ވަކި ސެޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އިމާމުންނަށް ޚާއްޞަކޮށްގެން ބޭއްވި ސެޝަނުގައި، ބަންގި އާއި ޤަމަތް ދިނުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވައި، އެ ކަންކަން ވަނީ ކިޔައިދެއްވާފައެވެ.މި ޕްރޮގްރާމުގެ ތެރެއިން ކުމުންދޫ ސްކޫލުގެ ދަރިވަރުންގެ ސެޝަންތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެ ސްކޫލުން ވެދިން އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، ސްކޫލުގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ކުމުންދޫ ކައުންސިލުން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!