ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ސިންގަޕޫރުގެ މައްޗަށް 0-7 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބްރެޒިލް ކާމިޔާބު ހޯދިއިރު، އެ ޓީމުގެ ތަރި ވިނީޝިއުސް ޖޫނިއާ ފުރަތަމަ ހާފުގައި 12 މިނެޓުގެ ތެރޭގައި ހެޓްރިކް ފުރިހަމަކޮށްފިއެވެ.

އަންގާރަ ދުވަހު ސިންގަޕޫރުގެ ނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދުނިޔޭގެ ރެކޯޑް އަދަދަކަށް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލުން ވަނީ މޮޅު ކުޅުމެއް ދައްކައި މެޗު އެއްކޮށް ކޮންޓްރޯލްކޮށްފައެވެ.

Ad
rt

ހޮނިހިރު ދުވަހު ޖަޕާން އަތުން 2-3 އިން ބަލިވި މެޗާ އަޅާބަލާއިރު ބްރެޒިލްގެ ފުރަތަމަ އެގާރައަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ އަދި ކެޕްޓަން ރަފީނިއާ އަށް ރަތްކާޑު ދައްކާފައިވާއިރު، މި މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ދަމަހައްޓާފައިވަނީ ވިނީޝިއުސް ހިމެނޭހެން އެންމެ ހަތަރު ކުޅުންތެރިންނެވެ. މި މެޗުގައި ކެޕްޓަންގެ ޒިންމާ އަދާކުރީ ބްރޫނޯ ގިމާރާއިސް އެވެ.

މެޗުގެ ނުވަވަނަ މިނެޓުގައި ބްރެޒިލަށް ލީޑު ނަގައިދިނީ ވިނީޝިއުސް އެވެ. ކެޕްޓަން ގިމާރާއިސް ފޮނުވާލި އަވަސް ޕާހަކުން ލިބުނު ބޯޅަ، ސިންގަޕޫރުގެ ކެޕްޓަން ހާރިސް ހާރޫން ކައިރިން ނައްޓާލުމަށްފަހު ވިނީޝިއުސް ވަނީ ވާތު ފައިން ގޯލްކީޕަރު އިޒްވާން މަހްބޫދުގެ ގޯލަށް ވައްދާލައިފައެވެ. އޭގެ ހަ މިނެޓު ފަހުން، މެޗުގެ 15 ވަނަ މިނެޓުގައި ބްރެޒިލުން އުފެއްދި ހަލުވި ކައުންޓަ އެޓޭކެއްގައި އެންޑްރިކް ދިން ބޯޅައަކުން، މާކްނުކޮށް ހުރި ރެއާލް މެޑްރިޑްގެ ފޯވާޑް ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން ވިނީޝިއުސް ފޮނުވާލި ހަމަލާއެއް ކީޕަރު އިޒްވާން ދިފާއުކުރި ނަމަވެސް، 21 ވަނަ މިނެޓުގައި އެސްޓެވާވް ތިރިތިރިން ހުރަސްކޮށްލި ބޯޅައަކުން، ހަ ޔާޑު ސަރަހައްދު ތެރޭގައި މުޅިން ހުހަށްހުރެ ވިނީޝިއުސް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ ތެރޭގައި ރަޔާން ޖެހި ލަނޑެއް އޮފްސައިޑް ކަމަށް ނިންމި ނަމަވެސް، 31 ވަނަ މިނެޓުގައި ދުރުން ތިރިތިރިން ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިގެން އެންޑްރިކް ވަނީ ބްރެޒިލްގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.

ފުރަތަމަ ހާފުގައި އެސްޓެވާވް ޖެހި ލަނޑެއް ވިނީޝިއުސް ކުރި ފައުލަކާ ގުޅިގެން ކެންސަލްކުރި ނަމަވެސް، ދެވަނަ ހާފު ފެށުނުތަނާ ޗެލްސީގެ ވިންގަރު ވަނީ ބްރެޒިލްގެ ލީޑު ފުޅާކޮށްދީފައެވެ. އޭނާ ޕެނަލްޓީ އޭރިއާގެ އަރިމަތިން ފޮނުވާލި މި ބޯޅަ ގޯލަށް ވަދެފައިވަނީ ޑިފްލެކްޓް ވެގެންނެވެ. އޭގެ ފަހުން ބޯންމަތުގެ ފޯވާޑް ރަޔާން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވި ނަމަވެސް، 65 ވަނަ މިނެޓުގައި ބަދަލު ގޯލްކީޕަރު ޝަޒްވާން ބުހާރީ ކައިރިން ނައްޓާލުމަށްފަހު އޭނާ ވަނީ ޓީމުގެ ހަވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ބްރެޒިލުން ގިނަ ބަދަލުތަކެއް ގެނައިއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެލަން ވަނީ 74 ވަނަ މިނެޓުގައި އެ ޓީމުގެ ހަތްވަނަ ލަނޑު ޖަހައިދީފައެވެ. އޭނާ ތިރިތިރިން އަރިމައްޗަކުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ސިންގަޕޫރުގެ ރައޫލް ސުހައިމީގެ ގައިގައި ކުޑަކޮށް ޖެހިފައެވެ.