ހދ. ވައިކަރަދޫގައި ކުރިއަށްދިޔަ ރާއްޖޭގެ އެންމެ ބޮޑު ފްލައިބޯޑިން ހަރަކާތް ކަމަށްވާ "އުދުހިލާ 2026" ގެ ތެރެއިން ބޭއްވި ހަ ކުދިންގެ ވާދަވެރި މުބާރާތުގެ އެއްވަނަ ނަބްހާން ހޯދައި، އެ ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޒުވާން ބައިވެރިންގެ ފަރާތުން ފޯރިގަދަ ވާދަކުރުމެއް ފެނިގެންދިޔަ މި މުބާރާތުގެ ދެވަނަ ވާއިން ހޯދިއިރު، ތިންވަނަ ހާސިލުކުރީ ޔުއާންއެވެ.

Ad
rt

"އުދުހިލާ" ޕްރޮގްރާމުގެ ތެރެއިން ފްލައިބޯޑިން ދަސްކުރި ހަ ކުދިންގެ މެދުގައި ބޭއްވި މި މުބާރާތުގައި ބައިވެރިންގެ ފަރާތުން ފެނިގެންދިޔައީ ބެލުންތެރިން ހައިރާންކޮށްލި ތަފާތު މޮޅު ހުނަރުތަކެކެވެ. މުބާރާތުގެ ބައިވެރިން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އުނގެނުނު ހުނަރުތައް ބޭނުންކޮށްގެން ފުރިހަމަ ޕާފޯމެންސްތަކެއް ދައްކައިދީފައެވެ.

މި ހަރަކާތް އިންތިޒާމުކުރި ވައިރޮދި ޖަމްޢިއްޔާގެ އެޑްވައިޒަރ އަދި އިވެންޓް މެނޭޖަރ ޙުސައިން ޙަލީމް (ރޮބޭ) "ތިލަދުން" އަށް ވިދާޅުވީ، ހަރަކާތް ނިންމާލުމުގެ ގޮތުން ބޭއްވި މި މުބާރާތުގައި ކޮންމެ ކުއްޖަކަށް ވެސް ދެވުނީ އެންމެ 10 މިނިޓުގެ ކުރު ލެސަނެއް ކަމަށެވެ. އެހެންނަމަވެސް، މި ދާއިރާގައި މަސައްކަތްކުރާތާ މިހާ ގިނަ ދުވަސްވީއިރު ވެސް ދުވަހަކު ނުފެންނަ ފަދަ އާދަޔާޚިލާފު މޮޅު ޓެލެންޓެއް މި ކުދިންގެ ފަރާތުން ފެނިގެންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

އުދުހިލާ 2026ގެ ފަޚްރުވެރި މަތީ ވަނަތައް ހޯދި ތިން ކުދިން، ފޮޓޯ: ވައިރޮދިއުދުހިލާ 2026ގެ ފަޚްރުވެރި މަތީ ވަނަތައް ހޯދި ތިން ކުދިން، ފޮޓޯ: ވައިރޮދި


ވިއްސާރައިގެ ތެރޭގައި ވެސް ވައިކަރަދޫގެ ދޮށީ އުމުރުގެ ބޭފުޅުން ނުކުމެ، އެ ބޭފުޅުންގެ ލޮލުން ދުވަހަކު ވެސް ނުދެކޭ ފަދަ މި ތަފާތު މަންޒަރުތައް ބަލައި އުފާފާޅުކުރުމަކީ މި އިވެންޓުގައި ފެނުނު އެންމެ އުފާވެރި މަންޒަރު ކަމަށް ރޮބޭ ވިދާޅުވިއެވެ. މީގެއިތުރުން، އެއްވެސް ބައިވެރިއަކަށް އަނިޔާއެއް ނުލިބި، ސަލާމަތީ ގޮތުން ވަރަށް ރައްކާތެރިކަމާއެކު މުޅި އިވެންޓް ނިންމާލެވުމަކީ ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް ވެސް އޭނާ ހާމަކުރެއްވިއެވެ.

މި ހަރަކާތް ފެށިއިރު ބައިވެރިވުމަށް ރަޖިސްޓްރީކުރީ 36 ފަރާތަކުން ނަމަވެސް، އާންމުންގެ ޝައުޤުވެރިކަމާއި ތަރުޙީބު ބޮޑުވުމާ ގުޅިގެން އިތުރު ފުރުޞަތުތައް ވަނީ ހުޅުވާލައިފައެވެ. އެއާއެކު، ހަރަކާތް ނިމުނުއިރު ޖުމްލަ 92 ފަރާތަކުން ވަނީ ފްލައިބޯޑިންގެ ތަޖުރިބާ ހޯދާފައެވެ. މީގެ ތެރޭގައި ހުރިހާ ތުއްތު ކުދިންނަށް ވެސް މި ކުޅިވަރު ތަޖުރިބާކޮށްލުމުގެ ފުރުޞަތު ދެވިގެންދިޔައެވެ.

ވައިކަރަދޫ ރައްޔިތުން އެ ޓީމަށް ދިން އެއްބާރުލުމަށާއި، ކުޑަކުދިންތަކެއްގެ ސަލާމަތާއި ރައްކާތެރިކަން އެ ޓީމުގެ އަތްމައްޗަށް ދޫކޮށްލައި ބެހެއްޓި ފުރިހަމަ އިތުބާރަށްޓަކައި ވައިރޮދިން ވަނީ އެ ރަށުގެ ރައްޔިތުންނަށާއި އެހީތެރިވި ފަރާތްތަކަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. އެކަމާ ގުޅޭގޮތުން އުފަލާއެކު ރޮބޭ ވިދާޅުވީ، "ތުއްތު ކުދިންނާއި ކުޑަކުދިން، އަޅުގަނޑުމެންގެ އަތްމައްޗަށް ދޫކޮށްލައި، މި ފަދަ ހަރަކާތެއް ހިންގުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެއްވި އިތުބާރަށާއި ދެއްވި ޔަޤީންކަމަށް ލޮބުވެތި ބެލެނިވެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވުނު ފްލައިބޯޑިންގެ އެންމެ ބޮޑު ހަރަކާތުގެ ގޮތުގައި ފާހަގަކުރެވުނު "އުދުހިލާ" ސީރީޒްގެ ފުރަތަމަ ހަރަކާތް ކާމިޔާބުކަމާއެކު ނިމިގެންދިޔައިރު، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން މި ހަރަކާތް ކުރިއަށް ގެންދިއުމަށް މިހާރު ވެސް ދަނީ ފުރުޞަތުތައް ހުށަހަޅަމުންނެވެ. ވައިރޮދިން ބުނި ގޮތުގައި އަންނަ އަހަރު މިއަށްވުރެ ވެސް ފުރިހަމަ މުބާރާތްތަކަކާއި ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް އެ ޖަމްޢިއްޔާއިން އަންނަނީ ތައްޔާރުވަމުންނެވެ.