އޮޅުވާލައިގެން ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ހޯދައި، މޮބައިލް ނަންބަރު އީ-ސިމްއަށް ބަދަލުކޮށްގެން ބޭންކް އަދި ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކުރުމާއި، ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި ފާއިތުވި މަސްދުވަހަށް ބަލާއިރު ތަހުގީގުތަކުން ދައްކަނީ، މަކަރާއި ހީލަތް ހަދާ ފަރާތްތަކުން އޮޅުވާލައިގެން ކުރާ ފޯނު ކޯލްތަކާއި ފޮނުވާ ޓެކްސްޓް މެސެޖުތަކުގެ ޒަރީއާއިން އޯޓީޕީ އަދި ވެރިފިކޭޝަން ލިންކުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމެވެ.
މިހާރު އެންމެ އާންމުކޮށް ބޭނުންކުރަމުންދާ އެއް އުކުޅަކީ، ޝިކާރައަކަށްވާ މީހާއަށް ގުޅައި، އެ މީހާ މިހާރު ބޭނުންކުރާ މޮބައިލް ނަންބަރަކީ މީގެ ކުރިން އެ ގުޅި މީހާ ބޭނުންކުރި ނަންބަރެއް ކަމަށް ބުނެ އޮޅުވާލައިގެން ކޯޑު ހޯދުމެވެ. މިގޮތަށް ކޯޑު ހޯދައިގެން ބޭންކް އަދި ޑިޖިޓަލް ވޮލެޓްތަކުގެ އޯޓީޕީ ޗެނަލްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތައް އެ ފަރާތްތަކުން ދަނީ ކޮމްޕްރޮމައިޒްކުރަމުންނެވެ.
މީގެ އިތުރުން، ދާދި ފަހުން ރާއްޖެއިން ބޭރުން އައިސް އުޅޭ ކަމަށާއި، ކުރީގެ އީމެއިލް ނުވަތަ ސޯޝަލް މީޑިއާ އެކައުންޓްތައް އަލުން ހޯދަން ނުވަތަ ރިކަވަރ ކުރަން ބޭނުންވާ ކަމަށް ބުނެ، ފޯނަށް އަންނަ ވެރިފިކޭޝަން ކޯޑު ހޯދުމަށް ވެސް މަކަރާއި ހީލަތުން މަސައްކަތްކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އޯޓީޕީ ނުވަތަ ވެރިފިކޭޝަން ލިންކުތައް އެހެން ފަރާތްތަކާ ހިއްސާކުރުމަކީ ހަމައެކަނި ސޯޝަލް މީޑިއާ ނުވަތަ އީމެއިލް އެކައުންޓް ގެއްލުމަށްވުރެ މާ ނުރައްކާތެރި ކަމެއްކަން ފާހަގަކޮށް ފުލުހުން ބުނީ، ކުށްކުރާ ފަރާތްތަކުން މިފަދަ ކޯޑުތަކާއި ލިންކުތައް އަތުލައިގަނެ، ޝިކާރައަކަށްވާ މީހާގެ މޮބައިލް ނަންބަރު ހުއްދަނެތި އެ މީހުންގެ އަމިއްލަ ފޯނަށް އީ-ސިމް މެދުވެރިކޮށް ބަދަލުކުރާ ކަމަށެވެ. މިކަމުގެ ސަބަބުން ފޯނުލައިނުގެ ފުރިހަމަ ކޮންޓްރޯލް ކުށްކުރާ މީހުންގެ ދަށަށް ގޮސް، ކުރިއަށް އަންނަން ހުންނަ ހުރިހާ ފޯނު ކޯލްތަކާއި ބޭންކިންގ އެސްއެމްއެސް އެލާޓްތައް ވެސް އެ މީހުންނަށް ލިބެއެވެ.
އަދި އަތުލައިގަންނަ މޮބައިލް ނަންބަރާއި ޒާތީ މައުލޫމާތު ބޭނުންކޮށްގެން، އެ މީހުންގެ ނަމުގައި ހުއްދަނެތި ޑިޖިޓަލް ވޮލެޓްތައް ހަދައި، އެކައުންޓްތަކަށް ވަދެ ހުއްދަނެތި ފައިސާގެ މުއާމަލާތްތައް ދަނީ ހިންގަމުންނެވެ. މިގޮތުން ބޭންކް އެކައުންޓްތަކުން ފައިސާ ޓްރާންސްފަރކޮށް، އާންމުންނަށް ބޮޑެތި މާލީ ގެއްލުންތަކެއް ކުރިމަތިކުރުވަމުންދާތީ، އެފަދަ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.
މިފަދަ ކުށްތަކުގެ ޝިކާރައަކަށް ވިޔަނުދީ، އާންމުންގެ ޒާތީ މައުލޫމާތާއި ފައިސާ ރައްކާތެރިކުރުމަށްޓަކައި ސަމާލުވާންވީ ކަންތައްތައް ފުލުހުންގެ އިދާރާގެ ވެބްސައިޓުގައި މިއަދު ވަނީ އާންމުކޮށްފައެވެ. އެގޮތުން އެއްވެސް ހާލެއްގައި އޯޓީޕީ ނުވަތަ ލިންކް ހިއްސާނުކުރުމަށާއި، ގުޅާ ފަރާތްތަކުގެ ވާހަކަތައް ކަށަވަރުކުރުމުގެ އިތުރުން މޮބައިލް ކަނެކްޓިވިޓީއަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، ޝައްކުކުރެވޭ ފަދަ ފޯނު ކޯލެއް ނުވަތަ މެސެޖެއް ލިބިއްޖެނަމަ، ނުވަތަ ތިމާގެ އެކައުންޓަކަށް އެހެން ފަރާތަކުން ވަދެފައިވާކަމަށް ޝައްކުކުރެވޭނަމަ، ލަސްނުކޮށް ވަގުތުން އެކަން ނޭޝަނަލް އިމަޖެންސީ ސެންޓަރުގެ ނަންބަރު 911 އަށް ރިޕޯޓުކުރުމަށް ފުލުހުން އެދެއެވެ. އަދި އެކައުންޓްތައް ފްރީޒްކުރުމަށްޓަކައި އެ ބޭންކަކާ ގުޅުމަށާއި، ސޯޝަލް މީޑިއާ އެކައުންޓްތައް އަލުން ހޯދުމަށް އެ ޕްލެޓްފޯމެއްގެ ސަޕޯޓްގެ އެހީ ނުވަތަ ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުގެ އެހީތެރިކަން ހޯދުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!