ހަންގޭރީގެ ކުރީގެ ބޮޑުވަޒީރު ވިކްޓަރ އޯރްބާންގެ ސަރުކާރުގެ އިސް ވަޒީރެއްގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތަހުގީގެއްގެ ތެރެއިން، ވަލުތެރޭގައި ވަޅުލައި އަދި ދަނޑުވެރިކަމަށް ބޭނުންކުރާ އިމާރާތްތަކުގައި ފޮރުވާފައި ހުރި ގާތްގަނޑަކަށް 20 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހޯދައިފިއެވެ.

ހަންގޭރީގެ ނޭޝަނަލް އެސެޓް ރިކަވަރީ އެންޑް ޕްރޮޓެކްޝަން އޮފީސް (އެންވީވީއެޗް) އިން ބުނި ގޮތުގައި، ދެ ދުވަހުގެ މުއްދަތަށް ހިންގި މި އޮޕަރޭޝަންގައި އެކަހެރި ސަރަހައްދުތަކުންނާއި، ގުދަންތަކާއި، ދަނޑުވެރިކަމުގެ އިމާރާތްތަކާއި މީހުން ދިރިއުޅޭ ގެތަކުގެ އިތުރުން ސޭފްތަކުގައި ފޮރުވާފައި ހުރި ބޮޑެތި އަދަދުތަކުގެ ނޫޓުބޮނޑިތައް ވަނީ ފެނިފައެވެ. އެ އިދާރާއިން ހާމަކުރި ގޮތުގައި ފެނުނު ފައިސާގެ ތެރޭގައި 5،071،632،000 ހަންގޭރިއަން ފޮރިންޓާއި، 2،658،350 ޔޫރޯގެ އިތުރުން 1،257،100 އެމެރިކާ ޑޮލަރު ހިމެނެއެވެ. ޖުމްލަ 19.5 މިލިއަން ޑޮލަރަށް އަރާ މި ފައިސާ މިހާރު ވަނީ އެ ގައުމުގެ ދައުލަތުގެ ޚަޒާނާއަށް ޖަމާކޮށްފައެވެ.

Ad
rt

މި މައްސަލައިގައި ތަހުގީގު ހިންގަމުންދަނީ އޯރްބާންގެ 16 އަހަރުގެ ވެރިކަމުގެ ތެރެއިން ހަތަރު އަހަރު ދުވަހު ނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރުކަން ކުރެއްވި މިކްލޯސް ސެސްޓާކްގެ މައްޗަށެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ދައުލަތުގެ ދަތުރުފަތުރާ ބެހޭ ކުންފުންޏާ ގުޅުންހުރި ކަންތައްތަކެއްގެ ތެރެއިން ރިޝްވަތު ނެންގެވި ކަމަށެވެ. ނަމަވެސް ސެސްޓާކް ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.

އޭޕްރީލް މަހު ބޭއްވި އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރައްވައި އޯރްބާންގެ ވެރިކަން ނިމުމަކަށް ގެންނެވި މިހާރުގެ ބޮޑުވަޒީރު ޕީޓަރ މަގްޔާރް، މި ފައިސާ ފެނުމާ ގުޅިގެން ވިދާޅުވީ މިއީ "މާފިއާ"ގެ ނިމުން ކަމަށެވެ. ކޮރަޕްޝަނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވާނެ ކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި މަގްޔާރް ވަނީ އޯރްބާންގެ ދައުރުގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް "އޮޕަރޭޝަން ޕާގަޓަރީ" ގެ ނަމުގައި ޚާއްސަ ތަހުގީގުތަކެއް ފައްޓަވައި، އެންވީވީއެޗް އިދާރާ އުފައްދަވާފައެވެ.

އޯރްބާންގެ ދިގު ވެރިކަމުގައި ސަރުކާރުގެ އަގުބޮޑު މަޝްރޫއުތައް އޭނާއާ ގާތް ފަރާތްތަކަށް ދިނުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތުތައް އަބަދުވެސް އޮތްއިރު، ޔޫރަޕިއަން ޔޫނިއަނުން ވަނީ އޭނާގެ ވެރިކަމުގައި ހަންގޭރީ ސިފަކޮށްފައިވަނީ "އިލެކްޓޯރަލް އޮޓޯކްރަސީ" އެއްގެ ގޮތުގައެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސެސްޓާކްގެ އިތުރުން ކުރީގެ އެހެން މިނިސްޓަރަކާއި މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު ޖިއޯޖީ މަޓޯލްޗީ ވެސް ތަފާތު ކޮރަޕްޝަންގެ ތަހުގީގުތަކުގައި ވަނީ ހައްޔަރުކޮށްފައެވެ. އެ ބޭފުޅުން ވެސް ވަނީ އެއްވެސް ގޯހެއް ހައްދަވާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، މިދިޔަ ހޯމަ ދުވަހު ހަންގޭރީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އޯރްބާންގެ ކޮއްކޮއާއި އިތުރު ތިން މީހަކު ވެސް ވަގަށް މީހުން އެތެރެކުރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. މި ކަންކަމަކީ ސިޔާސީ ބަދަލުހިފުމެއްގެ ގޮތުގައި ސިފަކުރައްވަމުން ކުރީގެ ބޮޑުވަޒީރު އޯރްބާން ވިދާޅުވީ، "މި ހަޑިމުޑުދާރު ކުޅިވަރުގެ ބޭނުމަކީ ސިޔާސީ ވާދަވެރިން ނައްތާލައި އެއް ޕާޓީގެ ނިޒާމެއް ގާއިމުކުރުން،" ކަމަށެވެ. އަދި އޭނާގެ އަމާޒަކީ އަމިއްލަފުޅު ޒާތު ކަމަށާއި، ކޮއްކޮއަކީ ހަމައެކަނި ބޭނުންކުރާ ވަސީލަތެއް ކަމަށް އޯރްބާން ވިދާޅުވިއެވެ.