ހއ. ވަށަފަރުގައި ސަރުކާރުން ޒަމާނީ ފެންވަރަށް ތަރައްގީކުރި ވޮލީކޯޓު ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ.

މި ވޮލީކޯޓު ރަސްމީކޮށް ހުޅުވުމަށްޓަކައި އެ ރަށުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

Ad
rt

ވަށަފަރުގައި ބޭއްވި މި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަރީފް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ވޮލީކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވަށަފަރު ކައުންސިލްގެ އިސްވެރިންނާއި، އެ ރަށުގެ މުއައްސަސާތަކުގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ޒުވާނުން ވެސް މި ހަރަކާތުގައި ބައިވެރިވިއެވެ.

މި ވޮލީކޯޓު ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެ ރަށުގައި ވަނީ ޚާއްޞަ ވޮލީ މެޗެއް ވެސް ކުޅެފައެވެ.

މި މަޝްރޫޢަކީ ރަށްރަށުގައި ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކޮށް، ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.