ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ބޮޑުވަޒީރު ޑޮކްޓަރ މުޙައްމަދު މުޞްޠަފާއާ ބައްދަލުކުރައްވައި، ފަލަސްޠީނުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން ދޭ އެއްބާރުލުމާއި ތާއީދު ދެގޮތެއްނުވެ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާއެކު ދިވެހިރާއްޖެއިން އެއްވެސް ޝަރުތަކާ ނުލައި، ސާބިތުކަމާއެކު ދެމިތިބިކަމުގެ ފުރިހަމަ ޔަޤީންކަން ބޮޑުވަޒީރަށް އަރުވާފައެވެ.

Ad
rt

މީގެއިތުރުން، މިނިވަންކަމާއި، ކަރާމާތާއި، އިންސާފާއި އަމިއްލަ އިޚްތިޔާރު ހޯދުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ ޙައްޤު ޖިހާދަށް ރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއިން ފަލަސްޠީނާއެކު އޮތް މި އެއްބައިވަންތަކަމަކީ ދިވެހިންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ ޤައުމީ ޢަޤީދާއާއި، އިންސާނިއްޔަތާއި އިންސާފަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ އަގުހުރި ހެއްކެކެވެ.

ހަމައެއާއެކު، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތާއި ދޭ އެއްބާރުލުން ދެގޮތެއްނުވެ ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ތެރޭގައި، 1967ގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ އެ ޤައުމުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމުގެ ޙައްޤު ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ފަލަސްޠީނުގެ ރައްޔިތުން ދުވަހަކުވެސް އެކަނިވެރި ނުވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި އެ ރައްޔިތުންނަށް އިންސާފާއި މިނިވަންކަން ލިބި، ދާއިމީ ޞުލްޙަ ޤާއިމުވަންދެން ރާއްޖެއިން އަބަދުވެސް ފަލަސްޠީނާއެކު ސާބިތުވެ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.