ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން ހަރ އެކްސަލަންސީ އެމިނޭ އުރުދުޣާންއާ ބައްދަލުކުރައްވައި، ކުނި މަދުކުރުމާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ކޮޕް31 ސަމިޓުގެ ހަވާސާގައެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި، އެމިނޭ އުރުދުޣާންގެ އިސްނެންގެވުމުގެ މަތިން 2017 ވަނަ އަހަރު އުފެއްދެވި "ޒީރޯ ވޭސްޓް ފައުންޑޭޝަން" އާ ބެހޭ މަޢުލޫމާތު، އެކަމަނާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ޙިއްސާކުރައްވާފައެވެ. އަދި ދެ ބޭފުޅުން ވަނީ "ޒީރޯ ވޭސްޓް" ހަރަކާތް ކުރިއެރުވުމަށްޓަކައި ދެޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ އެކި ދާއިރާތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.

ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި "ޒީރޯ ވޭސްޓް" ޙަރަކާތް ކުރިއެރުވުމަށް އިސްނެންގެވުމަށް، ތުރުކީގެ ފަސްޓް ލޭޑީ އެމިނޭ އުރުދުޣާން ވަނީ މެޑަމް ސާޖިދާއަށް ހިތްވަރުދެއްވާފައެވެ. އަދި މިފަދަ ކަންކަން ޢަމަލީ ގޮތުން ތަންފީޒުކުރުމުގައި ކަމާބެހޭ ވުޒާރާތަކުގެ ދައުރު ނުހަނު ބޮޑުކަން ފާހަގަކުރައްވައި، ސަރުކާރުގެ އިދާރާތަކާ ގުޅިގެން މި މަސައްކަތް ކުރިއަށް ގެންދިއުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ތިމާވެށި ޙިމާޔަތްކުރުމަށާއި ކުނި މަދުކުރުމަށް ކުރެވޭ އެކިއެކި މަސައްކަތްތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަމަށްވެސް އެމިނޭ އުރުދުޣާން އަލިއަޅުއްވާލެއްވިއެވެ. ވަކިން ޚާއްޞަކޮށް، މިފަދަ ހަރަކާތްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ ބައިވެރިވުން އިތުރުކުރުމަކީ ނަތީޖާ ހާސިލުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ، ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މިހާރު މަނާކޮށްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ދެ ބޭފުޅުންގެ މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގެ ދާއިރާއިން، ދެ ޤައުމުން ގުޅިގެން ކުރިއަށްއޮތް ތަނުގައިވެސް މަސައްކަތްކުރުމުގެ ޢަޒުމު އައުކުރައްވަމުންނެވެ.