ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ޔޫ.އެން.އެފް.ސީ.ސީ.ސީ ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފުރާވަޑައިގެންފިއެވެ. މި ސަމިޓް ކުރިއަށްދަނީ ތުރުކީވިލާތުގެ އަންތާލިޔާގައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ބައްދަލުވުން އަންތާލިޔާގައި ކުރިއަށްދާނީ މި ހިނގާ ނޮވެންބަރު މަހުގެ 10 އިން 14 ގެ ނިޔަލަށެވެ.
ކޮޕް31 ސަމިޓުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ސަމިޓުގެ ހަވާސާގައި ކުރިއަށްދާ މަތީ ފަންތީގެ އެކި ޙަރަކާތްތަކާއި މުހިންމު މަޝްވަރާތަކުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެހެން ޤައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި، ރަސްމީ ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ވެސް ވަނީ އެޖެންޑާ ކުރެވިފައެވެ. މި ބައްދަލުވުންތަކުގައި މޫސުމީ މައްސަލަތަކާއި ދެޤައުމުގެ ދެމެދުގައިވާ ގުޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.
ކޮޕް31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަލުވިކުރުމަށްޓަކައި، ދުނިޔޭގެ ލީޑަރުންނާއި ޔޫ.އެން.އެފް.ސީ.ސީ.ސީގެ މެންބަރު ޤައުމުތަކުގެ މަންދޫބުން އެއްތަނަކަށް އެއްވާ ބައިނަލްއަޤްވާމީ މުހިންމު ސަމިޓެކެވެ. މީގެއިތުރުން، އެންމެންގެ ބައިވެރިވުން އެކުލެވޭ ޖަމާޢީ މަސައްކަތްތަކެއް ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، މޫސުމާ ބެހޭ ސައިންސްވެރިން އަދި މަދަނީ ޖަމުޢިއްޔާތަކުން ވެސް މި ސަމިޓުގައި ބައިވެރިވެ އެ ފަރާތްތަކުގެ ތަޖުރިބާތަކާއި ދިރާސީ ހޯދުންތައް ޙިއްސާކުރާނެއެވެ.
މި ސަމިޓަކީ 1992 ވަނަ އަހަރު ވުޖޫދުކުރެވުނު ތާރީޚީ ޔޫ.އެން.އެފް.ސީ.ސީ.ސީ މުޢާހަދާގެ ދަށުން ބާއްވާ 31 ވަނަ ސަމިޓެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މޫސުމީ ބަދަލުތަކާ ދެކޮޅަށް އެކުލަވައިލެވުނު މި މުޢާހަދާއަކީ 2015 ވަނަ އަހަރު ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބަސްވި ތާރީޚީ ޕެރިސް އެގްރީމެންޓުގެ އަސްލު ވެސް މެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!