ކާރިސާތަކަށް މުޖުތަމައު އަހުލުވެރިކުރުވުމަށާއި، ކުރިއާލައި އިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނިގޮތުގައި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި މުހިންމު މަސައްކަތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ "ޓްރެކްޓް" (ޓީއާރްއޭސީޓީ) ޕްރޮޖެކްޓުގެ ދަށުން ކަނޑައެޅިފައިވާ މުހިންމު ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަންފީޒުކުރުމަށްޓަކައެވެ. މިކަމަށްޓަކައި މާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދެ ފަރާތުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ކާރިސާތަކަށް މުޖުތަމައު ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުކޮށް، ކާރިސާތަކުގެ ސަބަބުން ކުރިމަތިވެދާނެ އެކި ބާވަތުގެ ނުރައްކާތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުންކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އެއްބަސްވުމުގެ ދަށުން ހާސިލުކުރަން ބޭނުންވާ އަނެއް މުހިންމު ކަމަކީ، ރައްޔިތުންގެ ބައިވެރިވުމާއެކު އެކި ބާވަތުގެ ނުރައްކާތަކުން ރައްކާތެރިވުމަށް ކުރިއާލައި އިންޒާރުދޭ ނިޒާމުތައް ނުވަތަ "މަލްޓި-ހަޒާޑް އާލީ ވޯނިންގ ސިސްޓަމްސް" ރާއްޖޭގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރުމެވެ.

މި އެއްބަސްވުމުގެ ސަބަބުން، މޫސުމީ ބަދަލުތަކުގެ ސަބަބުންނާއި ގުދުރަތީ ގޮތުން ދިމާވާ އެކިއެކި ކާރިސާތަކުން ރައްކާތެރިވުމަށް ރަށްރަށުގެ ފެންވަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

އަދި ކުއްލި ހާލަތްތައް ދިމާވާ ވަގުތުތަކުގައި އަވަހަށް މައުލޫމާތު ފޯރުކޮށްދީ، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އެޅެންހުރި ފިޔަވަޅުތައް މި މަޝްރޫއުގެ ސަބަބުން އިތުރަށް ހަލުވިވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.