ޑިޒްނީގެ މަޝްހޫރު ކެރެކްޓާތަކާއި، ވާހަކަތަކާއި، އަދި އާޓް ސްޓައިލްތަކަށް ޚާއްސަ އަމިއްލަ އާރޓިފިސަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތަކެއް އުފެއްދުމަށްޓަކައި މަޝްހޫރު އެޑޯބީ ކުންފުންޏާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ދި ވޯލް ޑިޒްނީ ކޮމްޕެނީން ހާމަކޮށްފިއެވެ.

ގިނަ އަހަރުތަކަކަށް ދެމިގެންދާނެ މި ޕާޓްނަޝިޕްގެ ދަށުން ވާހަކަ ކިޔައިދިނުމާއި، އީޖާދީ މަސައްކަތްތަކުގެ އިތުރުން އޭއައި ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ވަނީ ޚާއްސަ އިސްކަމެއް ދީފައެވެ.

Ad
rt

ބިޒްނަސްވާ ގައި ޝާއިއުކޮށްފައިވާ ޕްރެސް ރިލީޒެއްގައިވާ ގޮތުން، ޑިޒްނީގެ ކްރިއޭޓިވް ޓީމުތަކުން ދަނީ ކޮންޓެންޓް އުފެއްދުމަށާއި، މާކެޓިން ކެމްޕޭންތައް ހިންގުމަށާއި، އަދި ތީމް ޕާކުތަކުން ފެންނަ ޑިޒިޓަލް ތަޖުރިބާތައް ބިނާކުރުމަށް އެޑޯބީގެ ސޮފްޓްވެއާ ބޭނުންކުރަމުންނެވެ. މި ދެ ކުންފުނީގެ ދެމެދުގައި އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މިހާރު އެކުލަވާލި އާ އެއްބަސްވުމާއެކު، އެޑޯބީ ވެގެންދާނީ ޑިޒްނީގެ "އޮފީޝަލް އޭއައި އިނޮވޭޝަން ޕާޓްނަރ" އަށެވެ.

މި އެއްބަސްވުމުގެ ދަށުން، އެޑޯބީ ފަޔާފްލައި، ފަޔާފްލައި ފައުންޑްރީ، ޕްރިމިއާ، އަދި ފޮޓޯޝޮޕް ފަދަ އެންމެ ފަހުގެ އާ ޓޫލްތައް އެންމެ ކުރިން ބޭނުންކޮށްލުމުގެ ފުރުސަތު ޑިޒްނީއަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، އެޑޯބީގެ އަމިއްލަ އިންޖިނޭރުންނާއި ރިސާޗަރުން ޑިޒްނީގެ ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕާޓްނަޝޕްގެ އެންމެ ފާހަގަކޮށްލެވޭ އެއްބަޔަކީ ފަޔާފްލައި ފައުންޑްރީއެވެ. މިކަމުގެ ސަބަބުން ޑިޒްނީގެ އަމިއްލަ މުދާ، ކެރެކްޓާތައް، އަދި ދުނިޔެތައް ދަސްކޮށްގެން އަމިއްލައަށް އޭއައި މޮޑެލްތައް އުފެއްދުމަށް އެޑޯބީން އެހީތެރިވެދޭނެއެވެ. މި މޮޑެލްތަކަށް ޑިޒްނީގެ ވައްޓަފާޅި އެނގޭތީ، ވިޔަފާރީގެ ބޭނުންތަކަށް ރައްކާތެރި އަދި އަސްލު މަޝްރޫއުތަކަށް ބޭނުންވާ ފެންވަރަށް ކޮންޓެންޓް އުފެއްދުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.

މި ޓޫލްތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ޑިޒްނީ ޕާކުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭ ތަޖުރިބާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އެގޮތުން ވޯލް ޑިޒްނީ އިމެޖިނިއަރިން ރިސާޗ އެންޑް ޑިވެލޮޕްމަންޓުން މިހާރުވެސް ދަނީ ފަޔާފްލައި ފައުންޑްރީ ބޭނުންކުރަމުންނެވެ. އޭގެ އެއް މޮޑެލުން ޓީމުގެ އަތު ކުރެހުންތައް ނަގައި، ނިމިފައިވާ 2ޑީ ކޮންސެޕްޓް އާޓަކަށް ބަދަލުކޮށްދޭއިރު، އަނެއް މޮޑެލުން ކޮންމެ ފްރެންޗައިޒަކާ ގުޅޭ ވައްފާޅިއަށް ފެތޭ ފޮޓޯތައް އުފައްދައިދެއެވެ.

މި ޕޓްނަޝީޕްގައި ދި ވޯލް ޑިޒްނީ ސްޓޫޑިއޯސްގެ އީޖާދީ މަރުކަޒުކަމަށްވާ ޓޫޑިއޯލް ވެސް ހިމެނެއެވެ. އެ ތަނުގައި އެޑޯބީން މަސައްކަތްކުރާނެ އާ ގޮތްތައް ކްރިއޭޓިވް ފަރާތްތަކަށް ޓެސްޓުކުރުމަށް އެހީތެރިވެދޭނެއެވެ.