އީރާނާ ދެކޮޅަށް ގުޅިގެން އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް އެމެރިކާއާއި އިސްރާއީލުން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިންމައި، އެ ސަރަހައްދުގައި ތިބި ފައުޖުތައް އެންމެ މަތީ ދަރަޖައިގެ އެލާޓަށް ގެނެސްފައިވާކަމަށް ފަހުގެ ރިޕޯޓްތައް ބުނެފިއެވެ.
އަމުރެއް ލިބިއްޖެ ހިނދެއްގައި ގުނާލެވޭ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހަނގުރާމައިގެ މައިދާނަށް ނުކުތުމަށް މި ދެ ގައުމުގެ އަސްކަރިއްޔާ އޮތީ ތައްޔާރަށްކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މިއާއިއެކު އިސްރާއީލާއި އެމެރިކާ ގުޅިގެން އަލުން ހަމަލާއެއް ދީފިނަމަ، "ތަސައްވުރު ވެސް ނުކުރެވޭ ވަރުގެ ރައްދެއް" ދޭނެ ކަމުގެ އިންޒާރު އީރާނުން މިހާރު ވަނީ ދީފައެވެ. ތެހެރާނުގެ ވެރިން ވިދާޅުވެފައިވަނީ އެމެރިކާ އާއި އިސްރާއީލްގެ ކޯލިޝަންގެ ބާރުތަކުން އިތުރު ހަމަލާއެއް ދީފިނަމަ، އެކަމަށް ވަގުތުން އަދި ފުޅާ ދާއިރާއެއްގައި ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާ (އައިޑީއެފް) އިން ވަނީ އީރާނުގެ އަމާޒުތަކަށް ވަރުގަދަ އަދި އަވަސް ހަމަލާތަކެއް ދިނުމަށްޓަކައި ހަދަންޖެހޭ ޓެކްޓިކަލް ޕްލޭންތަކާއި ފަރިތަކުރުންތައް އެއްކޮށް ފުރިހަމަކޮށްފައެވެ. އަދި ފަހުގެ ހުއްދައެއް ލިބުމާއެކު ކުރު މުއްދަތެއްގެ ތެރޭގައި ހަމަލާތައް ފަށައިގަތުމަށް އިސްރާއީލުގެ ކޮމާންޑް ސްޓްރަކްޗާތައް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވެސް އަންނަނީ މި ކަމަށް ބޭނުންވާ ލޮޖިސްޓިކްސް ތައްޔާރީތައް ވަރުގަދަކުރަމުންނެވެ. އެގޮތުން، އިސްރާއީލުގެ ދެކުނުގައި އޮންނަ ނެވަތިމް އަދި އޮވްދާ އަސްކަރީ ވައިގެ ބޭސްތަކަށް އެމެރިކާގެ އަސްކަރީ މުދާ އުފުލާ ގިނަ އަދަދެއްގެ މަތިންދާބޯޓުތައް ވަނީ ފޮނުވާފައެވެ.
މީގެ އިތުރުން، އެ ސަރަހައްދުގައިވާ ވަސީލަތްތަކުގެ ދިފާއު ވަރުގަދަކުރުމަށްޓަކައި، އެމެރިކާގެ އެތެރޭގެ ބޭސްތަކުން ޕެޓްރިއަޓް މިސައިލް ބެޓެރި ފަދަ ވައިގެ ދިފާއީ ނިޒާމުތައް ވަނީ އެ ސަރަހައްދަށް ބަދަލުކޮށްފައެވެ. މިއާއެކު އެ ސަރަހައްދުގައި ތިބި އެކުވެރި ބާރުތަކުގެ ސަލާމަތީ ކަންކަން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
އީރާނުގެ ލީޑަޝިޕުން ބުނެފައިވަނީ، ދެވޭނެ ކޮންމެ ހަމަލާއެއްގެ ރައްދު އަމާޒުވާނީ ހަމައެކަނި ކޯލިޝަންގެ އަސްކަރީ ވަސީލަތްތަކަށް އެކަންޏެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މުޅި ސަރަހައްދުގައި ހުރި އެ ފަރާތްތަކުގެ މުހިންމު މަސްލަހަތުތަކަށް ވެސް ފުޅާ ދާއިރާއެއްގައި ހަމަލާތައް އަމާޒުކުރާނެ ކަމަށް އީރާނުން ވަނީ ހާމަކޮށްފައެވެ.
އޮޕަރޭޝަނާ ގުޅޭ އެންމެހައި ޕްލޭންތައް އެކުލަވާލައި ނިންމައި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައި ވީނަމަވެސް، ހަމަލާ ދޭނެ ސީދާ ވަގުތެއް ކަނޑައެޅުން ގުޅިފައިވަނީ ބައިނަލްއަގުވާމީ ޖިއޯޕޮލިޓިކަލް މާހައުލަށާއި މިހާރު ކުރިއަށްދާ ޑިޕްލޮމެޓިކް މަޝްވަރާތަކުގެ ނަތީޖާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!