އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ނުސީދާ މަޝްވަރާތަކުގައި ބޮޑު ކުރިއެރުމެއް ލިބި، ދެ ފަރާތުގެ ދެމެދުގައި އިބްތިދާއީ ފިޔަވަޅުތަކަކަށް އެއްބަސްވެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޤަތަރުން މެދުވެރިއެއްގެ ދައުރު އަދާކުރި މި މަޝްވަރާތަކުގައި އެއްބަސްވެވުނު ކަންކަން ކަށަވަރުކުރުމުގެ ބައިނަލްއަޤްވާމީ ޖާމިނުދާރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ޗައިނާއާއި ރަޝިއާއެވެ.

Ad
d

ލަންޑަނުގައި ހިންގާ، ޤަތަރުގެ "އަލްޢަރަބީ އަލްޖަދީދު" އިން އެންމެ ފުރަތަމަ ރިޕޯޓްކުރި ގޮތުގައި، މި އިބްތިދާއީ އެއްބަސްވުމަކަށް އާދެވިފައިވަނީ ތެހެރާނުގައި ޤަތަރުގެ މެދުވެރިންނާއެކު 12 ގަޑިއިރަށް ދެމިގެންދިޔަ ވަރުގަދަ ބައްދަލުވުންތަކަކަށް ފަހުގައެވެ. މި އެއްބަސްވުން މައިގަނޑު ތިން ކަމެއްގެ މައްޗަށް އެކުލެވިގެންވާ ކަމަށް އެ ނޫހުން ބުނެއެވެ.

އެއްބަސްވުމުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނެނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އަޅާ ވަގުތީ ފިޔަވަޅުތަކާއި ބެލެހެއްޓުންތަކުގެ އިތުރުން، ހޮރްމުޒް ކަނޑުއޮޅިން އެއްވެސް ހުރަހެއްނެތި ކަނޑުދަތުރުފަތުރު ކުރެވޭނެކަމުގެ ޔަޤީންކަން ދިނުމެވެ.

މީގެއިތުރުން ތެހެރާނަށް ދޭނެ މާލީ އިނާޔަތްތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމުގެ ފިޔަވަޅުތައް ވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.

މި ކުރިއެރުމާ ގުޅިގެން މަޝްވަރާތަކުގެ ކުރިއަށް އޮތް މަރުޙަލާ ކުރިއަށް ގެންދިއުމަށްޓަކައި، އީރާނުގެ ވަފުދު މިހާރު ވަނީ ޤަތަރުގެ އޮފިޝަލުންނާއެކު ދޯހާއަށް ގޮސްފައެވެ. އެމެރިކާގެ ވަފުދެއް ވެސް ދޯހާގައި މި މަޝްވަރާތަކާ ގުޅޭނެ ކަމަށް ބެލެވޭއިރު، މެދުވެރިން މަސައްކަތް ކުރަމުންދަނީ ނުސީދާ މަޝްވަރާތަކުގެ ބަދަލުގައި ދެ ޤައުމުގެ މަންދޫބުންގެ މެދުގައި ސީދާ ވާހަކަތަކެއް ފެށުމަށެވެ.

Ad
df

ދެ ޤައުމުން އެއްބަސްވާ ކަންކަމަށް ފުރިހަމައަށް ބޯލަނބައި، އެއްބަސްވުން ތަންފީޒުކުރޭތޯ ބެލުމުގެ ޒިންމާ އަދާކުރާނީ ބައިނަލްއަޤްވާމީ ޖާމިނުންގެ ގޮތުގައި ކަނޑައަޅާފައިވާ ޗައިނާއާއި ރަޝިއާއިންނެވެ. މި ދެ ޤައުމު މެދުވެރިކޮށް، އެއްބަސްވުމުގެ ދަށުން ނިންމާ ކަންކަން ދެމެހެއްޓުމަށް ބާރުއަޅާނެއެވެ.

ޤަތަރާއި ޕާކިސްތާނުން ގުޅިގެން ކުރިއަށް ގެންދާ މި ޑިޕްލޮމެޓިކް މަސައްކަތްތައް އަވަސްކޮށްފައިވަނީ، އެމެރިކާގެ މިޑްޓާމް އިންތިޚާބާ ދިމާކޮށް ސަރަޙައްދީ އަސްކަރީ ހަމަނުޖެހުންތައް އިތުރުވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ޤަތަރުގެ މެދުވެރިން ވައިޓް ހައުސްއާ މެދުކެނޑުމެއްނެތި ގުޅުން ބާއްވަމުން އަންނައިރު، ދެ ފަރާތުގެ އަމާޒަކީ އިތުރު އަސްކަރީ ކުރިމަތިލުމަކަށް ދިއުމުގެ ކުރިން، ޤާނޫނީ ގޮތުން ދެބަސްނުވެވޭނެ ފަދަ ވަރުގަދަ އޮނިގަނޑެއް އެކުލަވާލުމެވެ.