އެމެރިކާއާއެކު ވެވޭ އެއްބަސްވުމެއް ތަންފީޒުކުރުމަށް ހުށަހަޅާފައިވާ މުއްދަތު ހަތް ދުވަހުން ހަތަރު ދުވަހަށް ކުރުކުރުމާއެކު، ސުލްހައިގެ މަގު އަލިކުރުމަށް އީރާނުން އާ ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

މިއީ ދެ ފަރާތުގެ ދެމެދުގައި އަލުން އަސްކަރީ ކުރިމަތިލުމެއް ހިނގިޔަ ނުދިނުމުގެ ގޮތުން، ނޮވެމްބަރު ހަތަރެއްގެ ކުރިން ތުރުކީގައި ބައްދަލުވުމެއް ބޭއްވުމަށް މެދުވެރިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އައި ހުށަހެޅުމެކެވެ.

Ad
d

''އަލް އަރަބިއްޔާ އިންގްލިޝް'' އިން އެ ނޫހަށް މައުލޫމާތު ދިން މަސްދަރުތަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފަހުގެ ހުށަހެޅުމުގައި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވައިލުމާއި، އީރާނުގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން އަޅާފައިވާ ހުރަސްތައް ނައްތައިލުން ހިމެނެއެވެ. އަދި އީރާނުގެ ނިއުކްލިއާ މަރުކަޒުތައް ބަލައި ފާސްކުރުމަށް ބައިނަލްއަގުވާމީ އިންސްޕެކްޓަރުންނަށް ދައުވަތު ދިނުން ވެސް މި ހުށަހެޅުމުގައި ހިމެނެއެވެ. މި މަޝްވަރާތަކަކީ އެމެރިކާއާއި އިޒްރޭލުން އީރާނަށް އަމާޒުކޮށް އަނެއްކާވެސް ދީފާނެ ހަމަލާތަކަކުން ސަލާމަތްވުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

''އެކްސިއޯސް'' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައޫދީ އަރަބިއްޔާ، ޕާކިސްތާން، މިސްރު އަދި ތުރުކީގެ އެހީތެރިކަމާއެކު މި ސުލްހައިގެ މަސައްކަތްތައް އެންމެ އިސްކޮށް ހިންގަނީ ގަތަރެވެ. މިގޮތުން ގަތަރުގެ މަންދޫބު އަލީ އައްޘަވާދީ ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއެކު އެއްބަސްވުމަކަށް އައުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް މި ހަފުތާގައި ތެހެރާނަށް ވަޑައިގެންފައެވެ.

މި މަޝްވަރާތަކުގައި ދެ ފަރާތުގެ ދެމެދުގައި އޮތް މައިގަނޑު ހިޔާލުތަފާތުވުމަކީ، އީރާނުން ފައްކާކޮށްފައިވާ ޔުރޭނިއަމްގެ ސްޓޮކް ދޫކޮށްލަން އެމެރިކާއިން އެދޭއިރު، އީރާނުން އެދެނީ އެމެރިކާގެ ބްލޮކޭޑް އުވާލައި ފްރީޒްކޮށްފައިވާ ފައިސާ ދޫކުރުމަށެވެ. މެދުވެރިން ވަނީ ނޮވެމްބަރު ތިނެއްގައި ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިހާބަށްފަހު ދީފާނެ ބޮޑު ހަމަލާއަކުން ރެކުމަށްޓަކައި މި ހުށަހެޅުންތައް ގަބޫލުކުރުމަށް އީރާނުގެ އޮފިޝަލުންނަށް ބާރުއަޅާފައެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އީރާނާއި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އާ ދެމެދު ގާހިރާގައި ވެވުނު އެއްބަސްވުން އަލުން އިއާދަކުރުމުގެ ފުރުސަތު ވެސް ދަނީ ބަލަމުންނެވެ. އައިއޭއީއޭގެ ޑިރެކްޓާ ޖެނެރަލް ރަފައެލް ގްރޮސީ ވެސް ވަނީ އެ އެއްބަސްވުން އިއާދަކުރުމަށް ތާއީދުކުރައްވާފައެވެ. އަދި މި ހުށަހެޅުމާ މެދު އީރާނުގެ ސްޕްރީމް ލީޑަރު މުޖުތަބާ ހާމަނާއީގެ ރުހުން ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އީރާނުގެ އޮފިޝަލުން މެދުވެރިން ގާތު ބުނެފައިވެއެވެ.

ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށްދިޔަ ނަމަވެސް، އަސްކަރީ ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އަދިވެސް އޮތީ ބޮޑުކޮށެވެ. އިޒްރޭލުގެ އަސްކަރީ ވެރިޔާ އިޔާލް ޒަމީރު ވަނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕާއާ ބައްދަލުކޮށް ހަމަލާތަކަށް ތައްޔާރުވުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. އެމެރިކާއާއި އިޒްރޭލުގެ އޮފިޝަލުން ބުނާ ގޮތުގައި، ކުރިއަށް އޮތް އޮޕަރޭޝަނުގައި އީރާނުގެ ލީޑަރުންނާއި، ހަކަތައިގެ މަރުކަޒުތަކާއި، ނިއުކްލިއާ ތަންތަނަށް އަމާޒުކޮށް ހަފުތާއެއްހާ ދުވަހުގެ ވަރުގަދަ ހަމަލާތަކެއް ދިނުން ހިމެނިދާނެއެވެ. ނަމަވެސް، އަވަސް އަރުވާލައިގެން ހަނގުރާމައަކަށް ނުދިއުމަށާއި ސުލްހައިގެ މަސައްކަތްތަކަށް އިތުރު ވަގުތު ދިނުމަށް ސައޫދީ އަރަބިއްޔާއިން ވަނީ ވޮޝިންޓަނަށް ބާރުއަޅާފައެވެ.

Ad
df

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ''އެކްސިއޯސް''އަށް ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް މަޝްވަރާތައް ހިނގަމުންދިޔަ ނަމަވެސް، އެކަން ކާމިޔާބުވާނެ ކަމާމެދު ޔަގީންކަމެއް ނެތް ކަމަށެވެ. އަދި އެއްބަސްވުމަކުން ނުވަތަ އެހެން ގޮތަކުން ވިޔަސް އެ މަސައްކަތް "ނިންމައިލަން" ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވި ގޮތުގައި، ހުށަހަޅާފައިވާ ހަތް ދުވަހުގެ ޕްލޭން އެއަށްވުރެ ކުރު މުއްދަތެއްގައި ތަންފީޒު ކުރެވިދާނެ ކަމަށާއި، ބައެއް ޝަރުތުތައް ފުރިހަމަވެއްޖެނަމަ ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވައިލުމުގެ ފުރުސަތު އޮންނާނެއެވެ.