ފްލައިދުބާއީގެ ފްލައިޓެއްގެ ކޮކްޕިޓް ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ބޯޓާއި ފަސިންޖަރުންގެ ފުރާނަ ސަލާމަތްކުރުމަށް ދެއްކި ހިތްވަރުގެ އަގުވަޒަންކޮށް، އިންޑިއާގެ ޕައިލެޓް ކެޕްޓަން ސްމިތު މަޗާރް އަދި ބޯޓުގެ ކްރޫއިންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ޝަރަފުގެ އެވޯޑު އަރުވައިފިއެވެ.

ސެޕްޓެމްބަރު 30 ގައި ހިނގި މި ހާދިސާގައި، ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނިކޮށްވެސް ކެޕްޓަން ސްމިތު ކޮކްޕިޓުގެ ދޮރު ހުޅުވުމުން، ކްރޫއިންނާއި ފަސިންޖަރުން ވަދެ ބޮޑު ކާރިސާއަކުން ބޯޓު ސަލާމަތްކުރިއެވެ.

Ad
d

ޔޫއޭއީގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒާއިދު އަލް ނަހްޔާން ވަނީ މި ހާދިސާގައި ހަރަކާތްތެރިވި ކްރޫ މެންބަރުންނަށް "ފަސްޓް ކްލާސް އޯޑަރ އޮފް ޒާއިދު 2" ގެ ޝަރަފު އަރުވާފައެވެ. މި އިނާމަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި ފަސިންޖަރުން ރައްކާތެރިކޮށް، މަތިންދާބޯޓު ސަލާމަތްކުރުމަށް އެ ފަރާތްތަކުން ކުރި މަސައްކަތް ބަލައިގަތުމުގެ ގޮތުން އެރުވި ޝަރަފެކެވެ. މި ޝަރަފުތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ ދުބާއީގެ ވަލީއަހުދު، ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު، ޑިފެންސް މިނިސްޓަރު އަދި ދުބާއީގެ އެގްޒެކެޓިވް ކައުންސިލްގެ ޗެއާމަން ޝެއިޚް ހަމްދާން ބިން މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމެވެ.

އަންގާރަ ދުވަހު ޔޫއޭއީގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒާއިދު އަދި ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވަނީ ފްލައިޓުގެ ކްރޫއިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޔޫއޭއީގެ ލީޑަޝިޕުން ވަނީ ފަސިންޖަރުން ހިމާޔަތްކުރުމުގައި ކްރޫއިން ދެއްކި ހިތްވަރަށާއި ޕްރޮފެޝަނަލިޒަމަށް ތައުރީފުކުރައްވައި، މީސްތަކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ ގައުމުގެ އެންމެ އިސް އަމާޒުކަން ތަކުރާރުކުރައްވާފައެވެ. އަދި ކްރޫއިން ވަނީ ޔޫއޭއީގެ ރައީސަށް ޝުކުރު އަދާކޮށް، މި ޝަރަފު ލިބުމުން ފަޚުރުވެރިވާކަން ހާމަކޮށްފައެވެ.

މީގެކުރިން، އޮކްޓޯބަރު 3 ވަނަ ދުވަހު ޝެއިޚް ހަމްދާން ވަނީ ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދިޔަ ކެޕްޓަން ސްމިތުގެ ހާލު ބެއްލެވުމަށް ޒިޔާރަތްކުރައްވާފައެވެ. ކެޕްޓަންގެ ހިތްވަރާއި ޒިންމާދާރުކަމަށް ތައުރީފު ކުރައްވަމުން ޝެއިޚް ހަމްދާން ވިދާޅުވީ، ސްމިތު ދައްކުވައިދިނީ ހިތްވަރާއި ޒިންމާދާރުކަމުގެ އަދި އިންސާނީ ފުރާނައަށް އިސްކަންދިނުމުގެ އެންމެ މަތީ ދަރަޖަ ކަމަށެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝެއިޚް ހަމްދާން ވިދާޅުވީ "އަޅުގަނޑުމެންގެ ފަރާތުންނާއި، ގައުމުގެ ލީޑަޝިޕްގެ ފަރާތުން އޭނާއަށް ފުރިހަމަ ޝުކުރާއި ތައުރީފު އޮތް،" ކަމަށެވެ. އަދި ޔޫއޭއީއަކީ އޯގާތެރިކަމާއި، ސުލްހަވެރިކަމާއި، ދިރުމުގެ ގައުމެއްގެ ގޮތުގައި ސިފަކުރައްވައި، ސްމިތަކީ އެ ގައުމުގެ ޓީމާއި ގައުމީ ވާހަކައިގެ ބައެއްގެ ގޮތުގައި ހުރުމުން ފަޚުރުވެރިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ހާދިސާ ކޮންޓްރޯލް ކުރުމުގައި އެހީތެރިވި ކެޕްޓަން ސްމިތާއި، ކްރޫއިންނާއި ފަސިންޖަރުންގެ މަސައްކަތް ޔޫއޭއީގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވެސް ވަނީ ފާހަގަކޮށް، އެ ފަރާތްތަކަށް ތައުރީފުކޮށްފައެވެ.

Ad
df

ވައިގެ ތެރޭގައި ދެއްކި ހިތްވަރަށްޓަކައި ބައިނަލްއަގުވާމީ ގޮތުންވެސް ކެޕްޓަން ސްމިތަށް ވަނީ ބޮޑު ތައުރީފެއް ލިބިފައެވެ. އިންޑިއާ، އިސްރާއީލް އަދި އެމެރިކާގެ ލީޑަރުން ވަނީ އޭނާއަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސްމިތަކީ ބަތަލެއްގެ ގޮތުގައި ސިފަކުރެއްވިއިރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ އޭނާގެ ހިތްވަރަށް ސާބަސް ދެއްވާފައެވެ. އަދި ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނިކޮށްވެސް ކޮކްޕިޓުގެ ދޮރު ހުޅުވައިދިން ކަމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސްމިތަށް ތައުރީފު ކުރައްވާފައެވެ. މީގެއިތުރުން، އަނިޔާތަކުން ރަނގަޅުވުމުން ސްމިތަށް މަދަނީ ހިތްވަރުގެ އެވޯޑެއް އެރުވުމަށް ނިންމާފައިވާކަން އިސްރާއީލުން ވަނީ އިއުލާނުކޮށްފައެވެ.