ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިކަން އެމަނިކުފާނު ހާމަކުރެއްވީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ވެރިން ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.
ދެ ޤައުމުގެ ރަސްމީ މަޝްވަރާތަކަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ދެ ޤައުމުގެ މަރުކަޒީ ބޭންކުތަކުގެ މެދުގައި 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް މެލޭޝިއާއިން އެއްބަސްވެފައިވާ ކަމަށެވެ. އަދި ދެ ބޭންކުން ވީހާވެސް އަވަހަށް މިކަމުގައި ކުރިއަށްދާނެ ގޮތެއް ނިންމަންޖެހޭނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ވަރަށް މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނުކަން ފާހަގަކުރަށްވަމުން އަންވަރު ވިދާޅުވީ، އެ ގައުމުގެ މަރުކަޒީ ބޭންކުން 100 މިލިޔަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ނެގުމާއި މެދު ރާއްޖެއާއެކު މަޝްވަރާކުރެވުނުކަމަށެވެ.
‘’އަޅުގަނޑުމެން ވާނީ މިކަމަށް އެއްބަސްވެފައި. އެހެން ނަމަވެސް ދެ ޤައުމުގެ މަރުކަޒީ ބޭންކުތަކުން މިކަމުގައި ކުރިއަށް ގެންދާނެ ގޮތެއް ނިންމަވަން ޖެހޭނީ ވީހާވެސް އަވަހަށް. މިކަން ކުރެވޭނީ އިތުބާރާއި އެކުވެރިކަމުގައި" އަންވަރު ވިދާޅުވެފަވެއެވެ.
ތެޔޮ ހޯދުމުގެ މަސައްކަތާއި މޫސުމީ ބަދަލުތަކުގެ އެއްބާރުލުން
މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން ދިނުން ހިމެނެއެވެ. އަދި މެލޭޝިއާގެ މަޝްހޫރު ޕެޓްރޯނަސް ކުންފުނި މެދުވެރިކޮށް ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުމުގެ މަސައްކަތަކީވެސް ކުރިއަށް ގެންދެވިދާނެ ކަމެއް ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު، އެމްބަސީއަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، ރާއްޖެއިން އެދިވަޑައިގެންފައިވާ ކަންކަމަށް މެލޭޝިއާ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!