ބޮޑު ތަކިރުފާނު މަގު ސްޓެލްކޯ ބަސް ސްޓޭޝަންގައި ހަރުކޮށްފައި ހުރި ޓީވީއެއް ނައްޓާލައިގެން ގެންދިޔަ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ، މި މީހާއަކީ ހެންވޭރު ޕޮލިހުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ މިހާތަނަށް ހޯދިފައިނުވާ މީހެއް ކަމަށެވެ.
އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އެ މީހާ އެންމެ ފުރަތަމަ ބަސް ސްޓޭޝަންގެ ބޭރުގައި ހުރެގެން ފޯނެއް ކުރެއެވެ. އޭގެ ފަހުން އެތަނުގެ އެތެރެއަށް ވަދެ، ހަރުކޮށްފައި ހުރި ޓީވީ ނައްޓާލައިގެން ގެންދާ ތަން ވީޑިއޯއިން ސާފުކޮށް ފެނެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހަވީރު 5:20 ހާއިރުއެވެ. އެ ވަގުތު ބަސް ސްޓޭޝަންގެ އެތެރޭގައި މީހުން އިށީންދެ ތިބިއިރު، މަގުމަތިންވެސް މީހުން ހިނގާބިނގާވެ އުޅޭ ތަން ވީޑިއޯއިން ފެނެއެވެ.
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ، ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުއްވައި އެ މަޢުލޫމާތެއް ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ ކުށްތައް ކުރާ މީހުން ހޯދުމުގެ މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުންގެ އިދާރާއިން ވަނީ އެކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު ދަންނަވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!