ހދ. ކުރިނބީ ސުކޫލުގެ ދަރިވަރުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަނަކީ ކުރިނބީ ޕޮލިހާއި ކުރިނބީ ސުކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ހަރަކާތް ކުރިއަށް ދިޔައީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
މި ސެޝަންގައި މައުލޫމާތު ދީފައިވަނީ ކުރިނބީ ސުކޫލުގެ ގްރޭޑް 7 އިން ފެށިގެން ގްރޭޑް 10 އާ ދެމެދުގެ ގްރޭޑްތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށެވެ.
ސެޕްޓެމްބަރު 9 ގައި ކުރިއަށް ދިޔަ މި ސެޝަންގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި މުޖުތަމައުގައި އިޖުތިމާއީ ރިވެތި އަހުލާގު އަށަގެންނެވުމަށާއި، ޒިންމާދާރު ދަރިވަރަކަށްވުމަށް ކުރެވިދާނެ މުހިންމު ކަންތައްތައް ދަރިވަރުންނަށް ވަނީ ކިޔައިދީފައެވެ.
އޭގެ އިތުރުން، ދަރިވަރުން އިމްތިހާނުތަކަށް ތައްޔާރުވާނެ އެކި ގޮތްތަކުގެ މައުލޫމާތުވެސް މި ސެޝަންގެ ތެރެއިން ވަނީ ފޯރުކޮށްދީފައެވެ. އަދި ދަރިވަރުންގެ ގާބިލުކަން ތަރައްގީކުރުމާ ގުޅޭގޮތުން އަގުހުރި މައުލޫމާތުތަކެއް ވަނީ ދަރިވަރުންނާ ހިއްސާކޮށްފައެވެ.
މިފަދަ މައުލޫމާތު ދިނުމުގެ ސެޝަންތަކުގެ ސަބަބުން، ސުކޫލު ދަރިވަރުންނަކީ ޒިންމާދާރު ބަޔަކަށް ވެގެންދާނެއެވެ. އަދި މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންތައްތަކުން ރައްކާތެރިވެ ތިބުމަށް ބޭނުންވާ މުހިންމު މައުލޫމާތު ދަރިވަރުންނަށް ދަސްވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!