ހޮރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ޚާއްޞަ އައު އުޞޫލުތަކަކާއި ދަތުރުކުރާނެ މަގުތައް ކަނޑައެޅުމާ ގުޅޭގޮތުން އީރާނާއި އޮމާނާ ދެމެދު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާތަކާއި ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު މި އެއްބަސްވުން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.

Ad
rt

މި އެއްބަސްވުމުގެ ދަށުން ކަނޑައަޅާފައިވާ އުޞޫލުތަކަށް ބަލާއިރު، ޕާޝިއަން ގަލްފަށް ވަންނަ އުޅަނދުފަހަރު ދަތުރުކުރާނެ މަގު މުޅިންވެސް އޮންނާނީ އީރާނުގެ ސަރަޙައްދީ އިމުގެ ތެރޭގައެވެ. އަދި އެ ސަރަޙައްދުން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރުގެ މަގުގެ ބައެއްވެސް އީރާނުގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ހުރަސްކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިގޮތަށް ކަނޑައެޅިފައިވާ ކޮރިޑޯތަކުން ދަތުރުކުރާ އެންމެހައި ކަނޑުއުޅަނދުފަހަރުގެ އިދާރީ ކަންކަމާއި، ޤާނޫނު ތަންފީޒުކުރުމުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ އީރާނުގެ ދަށުގައެވެ. މިއާއެކު، އެމެރިކާއިން އިސްނަގައިގެން ކުރިން ޕްރޮމޯޓުކުރަމުންދިޔަ ދެކުނުގެ ދަތުރުފަތުރުގެ މަގުތައް ވަނީ އެކީގައި ބަންދުވެފައެވެ.

މިއީ ހަމައެކަނި ތެހެރާނާއި މަސްކަޓާ ދެމެދު ކުރެވުނު ސީދާ މަޝްވަރާތަކަކަށްފަހު ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ފަންނީ ތަފްޞީލުތަކާއި ދަތުރުފަތުރާ ގުޅޭ ޤަވާޢިދުތަކުގެ މަޢުލޫމާތު ދިނުމަށްޓަކައި، ޕާޝިއަން ގަލްފުގެ އަވައްޓެރި ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ހޯމަ ދުވަހު މަސްކަޓުގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކަނޑުއޮޅީގައި ދަތުރުކުރާނެ މަގުތަކާމެދު އެއްބަސްވުމަކަށް އައިނަމަވެސް، މިއީ ހޯރުމުޒު ކަނޑުއޮޅި ފުރިހަމައަށް ހުޅުވާލުން ނޫންކަން އީރާނުގެ ދިޕްލޮމެޓިކް މާހިރުންނާއި މަޞްދަރުތަކުން ވަނީ ސާފުކޮށްދީފައެވެ.

އީރާނުން ބުނާ ގޮތުގައި، ވިޔަފާރި އުޅަނދުފަހަރަށް އެ ސަރަޙައްދުން ފުޅާދާއިރާއެއްގައި ފުރުޞަތު ދިނުން އަދިވެސް އޮތީ ސިޔާސީ އަދި ސަލާމަތީ ޝަރުޠުތަކަކާ ގުޅިފައެވެ. އޭގެ ތެރޭގައި އެމެރިކާއިން ކަނޑުމަގުން ހިންގަމުންދާ ބްލޮކޭޑް ނުވަތަ ޙިޞާރުކުރުން ނިމުމަކަށް ގެނައުން ހިމެނެއެވެ.