އީރާނުގެ ސިނާއީ މަރުކަޒުތަކަށް ހަމަލާތައް އަމާޒުވެފައިވީ ނަމަވެސް، އެ ގައުމުން ބިމުއަޑީގައި ބެލިސްޓިކް މިސައިލް އުފެއްދުމުގެ މަސައްކަތް އަލުން ފަށައި، އުފެއްދުންތެރިކަން އިތުރުކުރަން ފަށައިފިއެވެ.

އެމެރިކާއާއި މެދުއެކުވެނިވި ގައުމުތަކުގެ މަސްއޫލުވެރިންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުން ދަނީ ކުރިން ރައްކާކޮށްފައި ހުރި ބައިތަކާއި ރޯ މެޓީރިއަލް ބޭނުންކޮށްގެން ދިޔާ ފިއުލް އަދި ސޮލިޑް ފިއުލް ބޭނުންކުރާ ބެލިސްޓިކް މިސައިލް އެސެމްބަލް ކުރަމުންނެވެ.

Ad
rt

ރިޕޯޓުތައް ބުނާ ގޮތުގައި، އީރާނުގެ ތެހެރާންގެ އިރުމަތީގައި އޮންނަ މަޝްހޫރު ޚުޖީރު މިސައިލް ޕްލާންޓް ހިމެނޭހެން، ބިމުއަޑީގެ ގިނަ ކޮމްޕްލެކްސްތަކެއްގައި މިސައިލް އުފެއްދުމުގެ ހަރަކާތްތައް ވަނީ ފާހަގަކުރެވިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެވޭ ހަމަލާތަކުން އެސެމްބްލީ ލައިންތައް ރައްކާތެރިކުރުމުގެ ގޮތުން، އީރާނުން ދަނީ ބިމުއަޑީގައި އާ ވަސީލަތްތަކާއި މަރުކަޒުތައް ވެސް ބިނާކުރަމުންނެވެ.

ކަނޑުގެ މަގުން ބަންދުކޮށް، އިންޑަސްޓްރިއަލް މަރުކަޒުތަކަށް ގެއްލުން ލިބިފައިވީ ނަމަވެސް، އީރާނުން ދަނީ ބޭރު ގައުމުތަކުން އެތެރެކުރާ މާއްދާތަކަށް ބަރޯސާވެގެން މަސައްކަތް ކުރިއަށް ގެންދަމުންނެވެ. އެގޮތުން، ސޮލިޑް-ފިއުލް އޮކްސިޑައިޒާގެ ގޮތުގައި ބޭނުންކުރާ ސޯޑިއަމް ޕާކްލޮރޭޓް ފަދަ ކެމިކަލްތަކާއި ޚާއްސަ އިލެކްޓްރޯނިކްސް ސާމާނު ޗައިނާ ފަދަ ގައުމުތަކުން އެތެރެކޮށްގެން، އުފެއްދުންތެރިކަން ހުއްޓުނަނުދީ ހިފަހައްޓަމުންދާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކާއި ޕެންޓަގަނުން ބުނާ ގޮތުގައި، އަސްކަރީ ހަމަލާތަކުގައި އީރާނުގެ ޑްރޯނާއި މިސައިލް އަދި ކަނޑުގެ އަސްކަރީ އާލާތްތައް އުފައްދާ ސިނާއީ ވަސީލަތްތަކުގެ 90 އިންސައްތައާ ހަމައަށް ވަނީ ނައްތާލެވިފައެވެ. ނަމަވެސް، ސިއްރު ތަންތަނުގައި ހުރި ތަކެތި ބޭނުންކޮށްގެން މަދު މިންވަރަކަށް މިސައިލް އެސެމްބަލް ކުރުމުގެ މަސައްކަތް އީރާނުން އަދިވެސް ކުރިއަށް ގެންދާކަމަށް އެމެރިކާއިން އެއްބަސްވެއެވެ.

އިސްރާއީލުގެ އިންޓެލިޖެންސުން ބުނާ ގޮތުގައި، އީރާނުގެ އުފެއްދުންތެރިކަމުގެ މައި މަރުކަޒުތަކަށް ހަމަލާތައް އަމާޒުވި ނަމަވެސް، އެ ގައުމުގައި ރައްކާކޮށްފައި ހުރި އެތައްހާސް އުފެއްދުންތަކާއި އެސެމްބްލީ ބައިތައް އަދިވެސް އެބަހުއްޓެވެ. މިއާއެކު، އިސްރާއީލުގެ އަމާޒަކީ ބިމުއަޑީގެ ސައިޓުތަކަށް ހަމަލާދިނުމާއި، އީރާނަށް ތަކެތި އެތެރެކުރާ ސަޕްލައި ޗެއިންތައް ހުއްޓުވުމެވެ.

މި ކަންކަމާ ގުޅިގެން އީރާނުގެ ދިފާއީ ވުޒާރާއިން ވަނީ އެ ގައުމުގެ އަސްކަރީ ގާބިލުކަން އަދިވެސް ވަރުގަދަކޮށް އޮތްކަން ހާމަކޮށްފައެވެ. އަދި އާންމުކޮށް ފެންނަން ހުރި ދިފާއީ އުފެއްދުންތަކަކީ "މީ ކުޑަ މިންވަރެއް" ކަމަށާއި، އެ ގައުމުގެ އަސްކަރީ އިތުރު ގާބިލުކަން ނުފެނި ހުރި ކަމަށް ބުނެ، ދިފާއީ އުފެއްދުންތެރިކަން ފުޅާވަމުންދާ ކަމުގެ އިޝާރާތެއް އީރާނުގެ ދިފާއީ ވުޒާރާއިން ވަނީ ދީފައެވެ.