އަލްޖީރިއާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަދެ، އެ ގައުމުގެ ހަމަޖެހުން ނަގާލަން އަދާވާތްތެރި އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކޮށް، ޔޫއޭއީއާއެކު އޮތް ދިޕްލޮމެޓިކް ގުޅުން އެ ޤައުމުން މުޅިން ކަނޑާލައިފިއެވެ.

މީގެ އިތުރުން އަލްޖީރިއާގައި ހުންނަވާ ޔޫއޭއީގެ ސަފީރު 48 ގަޑިއިރުގެ ތެރޭގައި އެ ގައުމުން ފުރައިވަޑައިގަތުމަށް ވަނީ އަންގައިފައެވެ.

Ad
d

އަލްޖީރިއާގެ ޚާރިޖީ ވުޒާރާއިން ސެޕްޓެމްބަރު 10، 2026 ގައި ނެރުނު ބަޔާނެއްގައި ބުނީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ދެމެހެއްޓުމަށް ކުރެވުނު އެންމެހައި މަސައްކަތްތައް ނަކާމިޔާބުވުމުން ޑިޕްލޮމެޓިކް ގުޅުން މުޅިން ކަނޑާލަން ނިންމީ ކަމަށެވެ. އަބޫދާބީން ހިންގަމުންދާ އިސްތިފްޒާޒީ އަދި އަދާވާތްތެރި އަމަލުތަކުގެ ސަބަބުން އަލްޖީރިއާގެ ގައުމީ ސަލާމަތަށާއި ސަރަހައްދީ ހަމަޖެހުމަށް ނުރައްކާވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ. މި ނިންމުމާ ގުޅިގެން ޔޫއޭއީގެ ސަފީރު ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށް، ގުޅުން ކަނޑާލިކަން ރަސްމީކޮށް އަންގައި، ގައުމުން ފުރައިވަޑައިގަތުމަށް 48 ގަޑިއިރުގެ މުއްދަތެއް ވަނީ ދީފައެވެ.

މީގެއިތުރުން، ސެޕްޓެމްބަރު 11، 2026 އިން ފެށިގެން ޔޫއޭއީގެ މަދަނީ އާއި އަސްކަރީ އެންމެހައި މަތިންދާބޯޓުތަކަށް އަލްޖީރިއާގެ ވައިގެ ސަރަހައްދު ބަންދުކުރުމަށްވެސް އަލްޖީރިއާ ސަރުކާރުން ވަނީ ނިންމައިފައެވެ.

މި މައްސަލައާ ގުޅިގެން ޔޫއޭއީގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މި ޑިޕްލޮމެޓިކް ނުތަނަވަސްކަމަކީ ވަގުތީ ކަމެއް ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި އަލްޖީރިއާގެ ރައްޔިތުންނަށާއި ޔޫއޭއީގައި ދިރިއުޅޭ އަލްޖީރިއާގެ އާބާދީއަށް އޮތް ގަދަރާއި އިހުތިރާމް އެ މުއައްސަސާއިން ވަނީ އަލުން ތަކުރާރުކޮށްފައެވެ.

ދެ ގައުމުގެ ގުޅުން މިހާ ހިސާބަށް ގޯސްވެގެން ގޮސްފައިވަނީ ސަރަހައްދީ ސިޔާސީ މައްސަލަތަކުގައި ޚިޔާލުތަފާތުވުންތައް ބޮޑުވެފައިވާތާ ގިނަ އަހަރުތަކެއް ވެފައިވަނިކޮށެވެ. އެގޮތުން، ވެސްޓަރން ސަހާރާގެ ސިޔާދަތީ ބާރު މޮރޮކޯއަށް އޮތް ކަމަށް ޔޫއޭއީން ތާއީދުކޮށް، 2020 ވަނަ އަހަރު ލަޔޫންގައި ކޮންސިއުލޭޓެއް ހުޅުވި ފުރަތަމަ އަރަބި ގައުމަށް ޔޫއޭއީ ވެގެންދިޔައެވެ. މިއީ އަލްޖީރިއާއިން ތާއީދުކުރާ ޕޮލިސާރިއޯ ފްރަންޓާ ދެކޮޅަށް ޔޫއޭއީން ނިންމި ނިންމުމެކެވެ. މީގެއިތުރުން، އުތުރު އެފްރިކާއާއި ސާހިލް ސަރަހައްދުގެ ގައުމުތައް ކަމަށްވާ ލީބިޔާއާއި ސޫދާނުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ދެ ގައުމުން ތާއީދުކުރަނީ އިދިކޮޅު ދެ ފަރާތަކަށެވެ. އަދި އަލްޖީރިއާގެ އަވަށްޓެރި ސާހިލް ގައުމުތަކުގައި ޔޫއޭއީގެ ނުފޫޒު ފުޅާކުރުމަށް ކުރާ މަސައްކަތްތަކަކީ އަލްޖީރިއާއަށް ގެއްލުންހުރި ކަންކަން ކަމަށް އެ ގައުމުން ތުހުމަތުކުރެއެވެ.

މީގެއިތުރުން، 2020 ވަނަ އަހަރު އިސްރާއީލާއެކު ދިޕްލޮމެޓިކް ގުޅުން ގާއިމުކުރުމަށް ޔޫއޭއީން ސޮއިކުރި "އަބްރަހަމް އެކޯޑްސް" އަކީވެސް ދެ ގައުމުގެ ދެމެދުގައި ބޮޑު ޚިޔާލުތަފާތުވުމެއް އުފެދުނު ކަމެކެވެ. އަލްޖީރިއާއަކީ އިސްރާއީލާއެކު ދިޕްލޮމެޓިކް ގުޅުން ގާއިމުކުރުމާ ދެކޮޅަށް ވަކާލާތުކުރާ ގައުމެކެވެ.

Ad
df

އަލްޖީރިއާ އަކީ އުތުރު އެފްރިކާގައި މަޣްރިބް (މޮރޮކޯ) ސަރަހައްދުގައި އޮންނަ 99 އިންސައްތަ ސުންނީ މުސްލިމުންގެ އާބާދީއެއް އޮންނަ ޤައުމެކެވެ. 2025 ވަނަ އަހަރުގެ އެ ޤައުމުގެ ބޯހިމެނުމުން ދައްކާގޮތުން އެ ޤައުމުގައި 47،400،000 މީހުން އުޅެއެވެ.