ފ. ނިލަންދޫއަށް ބޯކޮށް ވާރޭވެހި، އެ ރަށުގައި ހުންނަ ޖެންޑަރ އިމާރާތުގައި ފެންބޮޑުވުމާ ގުޅިގެން، އެ އިމާރާތުން ފެން ހިންދައި ދިޔަދޮވި ސާފުކުރުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔަރ ސްޓޭޝަނުން ކޮށްދީފިއެވެ.
މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ނިލަންދޫ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހުގެ ރޭ 22:23 ހާއިރުއެވެ. އެ ރިޕޯޓު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރމަނުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.
އެ ރޭ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޖެންޑަރ އިމާރާތުގެ ދިޔަދޮވި ފުރިގެން ދިޔައެވެ. އަދި ދިޔަދޮވި ފުރިގެން ފެން ބޭރުވުމުގެ ސަބަބުން އިމާރާތުގެ ސީލިންގުގެ ތެރެއިން ފެންފައިބައި، އެ ތަނުގެ ކޮޓަރިތަކުގައި ފެންބޮޑުވެ ބައެއް ގެއްލުންތައް ވަނީ ވެފައެވެ.
ސިފައިން އެ ސަރަހައްދުގައި ކުރި މަސައްކަތުން، އިމާރާތުގެ ކޮޓަރިތަކުގައި ބޮޑުވި ފެންގަނޑު ވަނީ ހިންދާފައެވެ. މީގެ އިތުރުން، ފެންބޮޑުވާން މެދުވެރިވި ދިޔަދޮވީގެ ތެރެއަށް އެއްވެފައި ހުރި ކުނިތައް ނަގައި، އެ ދިޔަދޮވި ވަނީ އެއްކޮށް ސާފުކޮށްދީފައެވެ.
އެމްއެންޑީއެފުން މަސައްކަތްކޮށް، ޖެންޑަރ އިމާރާތުގައި ބޮޑުވި ފެންގަނޑު ހިންދައި ދިޔަދޮވި ސާފުކޮށް ނިންމާލެވިފައިވަނީ އެ ރޭގެ 23:47 ހާއިރުއެވެ.
ވާރޭވެހި އިމާރާތަށް ގެއްލުންތަކެއް ލިބުނު ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!