ހއ. ދިއްދޫގައި ޓެކްސީގެ ޚިދުމަތް ދޭ ޑްރައިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ "ޓެކްސީ ޑްރައިވަރސް" ޕްރޮގްރާމް ނިންމާލައިފިއެވެ.
މި ޕްރޮގްރާމަކީ ހއ. ދިއްދޫ ޕޮލިހާއި ރޯޑް ސޭފްޓީ އެވެއަރނަސް އެންޑް ޕްރިވެންޝަން ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ތަމްރީނު ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ޓެކްސީ ޑްރައިވަރުންގެ މައްޗަށް ލާޒިމުކޮށްފައިވާ ޕްރޮގްރާމެކެވެ. އެގޮތުން ޓެކްސީކުރުމަށް ނަގަންޖެހޭ ޚާއްޞަ ހުއްދަ ދޫކުރެވެނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ޑްރައިވަރުންނަށް ކަމަށްވާތީ، މިއީ ޑްރައިވަރުންނަށް ގާނޫނީގޮތުން މަޖުބޫރުވާ ތަމްރީނެކެވެ.
މި ޕްރޮގްރާމުގެ ތެރެއިން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އެއްގަމު ދަތުރުފަތުރުގެ އާންމު ގަވާއިދުތަކާއި ގާނޫނަށް ޑްރައިވަރުން އަހުލުވެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން ޑްރައިވަރުން އުޅަނދު ދުއްވާއިރުއާއި ދަތުރަށް ތައްޔާރުވުމުގެ މަރުހަލާގައި ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމާ މެދުވެސް މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.
އޭގެ އިތުރުން، މަގު ބޭނުންކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ އިތުރުން، ސަލާމަތީ އަދި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކުގެ ތަފްސީލު ޑްރައިވަރުންނަށް ވަނީ ކިޔައިދީފައެވެ. އަދި އުޅަނދު ދުއްވާއިރު ކުށަކަށް މަގުފަހިވާނެ ފަދަ ގޮތަކަށް އަމަލުތައް ނުބެހެއްޓުމަށްވެސް މި ޕްރޮގްރާމުގައި ވަނީ ނަސޭހަތްތެރިވެފައެވެ.
މި މަހުގެ 9 ވަނަ ދުވަހު އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ސެޝަންތައް ނަގައިދީ މައުލޫމާތު ދެއްވާފައިވަނީ ރޯޑް ސޭފްޓީ އެވެއަރނަސް އެންޑް ޕްރިވެންޝަންގެ އޮފިސަރުންނެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށް، ޕްރޮގްރާމުގެ ތެރެއިން ދެވުނު ޓެސްޓުން ފާސްވި ފަރާތްތަކަށް ވަނީ "ޓެކްސީ ޑްރައިވަރސް" ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ލިޔުން ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!