ހުޅުމާލޭގައި ބިނާކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ މަޝްރޫޢާ ގުޅޭގޮތުން، ސައުދީ އަރަބިއްޔާގެ އައްރާޖިޙީ ކުންފުންޏާއެކު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގައި މިއަދު މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ބައިވެރިވެލައްވާފައެވެ. އަދި އައްރާޖިޙީ ކުންފުނީގެ ފަރާތުން ބައިވެރިވެލެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ބަންދަރު ޢަބްދުﷲ އައްރާޖިޙީއެވެ.
މި ބައްދަލުކުރެއްވުމުގައި، މިސްކިތުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި އައްރާޖިޙީ ކުންފުނީގެ ފަރާތުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އެ ކުންފުންޏަށް ޝުކުރު އަދާކުރައްވާފައެވެ.
އޭގެ އިތުރުން، މިސްކިތުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ވުޒާރާގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.
އައްރާޖިޙީ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ބަންދަރު ޢަބްދުﷲ އައްރާޖިޙީ ހިމެނޭހެން އެ ކުންފުނީގެ ވަފުދެއް ބުދަ ދުވަހު ރާއްޖެއަށް ވަޑައިގެންފައިވަނީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހާ ދިމާކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށެވެ.
ހުޅުމާލޭގައި ބިނާކުރާ މި މިސްކިތަކީ ގިނަ ވަސީލަތްތަކަކާއެކު ބިނާ ކުރެވޭ މިސްކިތެކެވެ. އެގޮތުން ނަމާދުކުރާ ބައިގެ އިތުރުން އިސްލާމީ ޙަޟާރާތާއި ބެހޭ މަރުކަޒާއި، ޤުރުއާން މިއުޒިއަމްއެއް މި މިސްކިތުގައި ހިމެނޭނެއެވެ.
މީގެއިތުރުން، މަލްޓިޕާޕޯސް ހޯލަކާއި، އިމާމު އަދި އިދާރީ އޮފީހުގެ އިތުރުން، ލައިބްރަރީއަކާއި އެގްޒިބިޝަން ހޯލެއްވެސް މި މިސްކިތުގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!