ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދެ ގަވާއިދަކަށް އިސްލާހު ގެނެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ ގަވާއިދުތައް ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށްފިއެވެ.
އެމްއެމްއޭއިން މިއަދު އިސްލާހުކޮށް ގެޒެޓްކޮށްފައިވާ ދެ ގަވާއިދަކީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ ގަވާއިދާއި، ބޭރު ފައިސާއާ ބެހޭ އާންމު ގަވާއިދެވެ.
އަލަށް އިސްލާހުކުރެވުނު ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދުގައިވާ ގޮތުން، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި، މީލާދީ އަހަރެއްގެ ތެރޭގައި 25 މިލިއަން ޑޮލަރުގެ އަދަދެއް މުދާ ވިއްކައި ނުވަތަ ޚިދުމަތް ފޯރުކޮށްދީގެން ލިބޭނަމަ އެ ވިޔަފާރިއަކުން އެމްއެމްއޭގައި ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.
ބޭރު ފައިސާއާ ބެހޭ އާންމު ގަވާއިދުގައި ބޭރު ފައިސާއިން މުއާމަލާތްކުރެވޭނެ ހާލަތްތަކާއި، އެފަދަ ކަންކަމަށް އޮތޯރިޓީގެ ހުއްދަ ހޯދުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ކޮންމެ އަހަރެއް ފެށުމުގެ 30 ދުވަސް ކުރިން، ބޭރު ފައިސާއިން އަދާކުރުމަށް ބަޖެޓްކޮށްފައިވާ ޚަރަދުތައް އެމްއެމްއޭއަށް ހުށަހަޅަންޖެހޭނެއެވެ.
މީގެ އިތުރުން، މާރުކުރަންޖެހޭ އަދަދު މުރާޖައާކޮށްދިނުމަށް އެދި ހުށަހެޅުމާއި، ފައިސާ ޖަމާކުރުމާއި މާރުކުރުމުގެ އިލްތިޒާމްތަކާ ގުޅިގެން ލުއި ހޯދުމަށް ހުށަހަޅާނެ ގޮތްތައްވެސް މި ގަވާއިދުގެ ތެރޭގައި ވަނީ ތަފްސީލުކޮށްދީފައެވެ.
އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި، އިސްލާހުތަކާއެކު އާންމުކުރި މި ދެ ގަވާއިދަށްވެސް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!