ސްޕޭނުގެ ދެވަނަ ޑިވިޝަންގައި ވާދަކުރަމުން އަންނަ ކްލަބް އެލްޑެންސޭގެ ބޮޑު ހިއްސާއެއް ގަތުމަށް، އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީ އެ ކްލަބުގެ ވެރިންނާއެކު ފުރަތަމަ މަރުހަލާގެ އެއްބަސްވުމަކަށް އައިސްފިއެވެ.

އަށް ފަހަރު ބެލޮންޑޯ އެވޯޑު ހޯދާފައިވާ މެސީއާއެކު މި އެއްބަސްވުމަށް އާދެވިފައިވާކަން އެލްޑެންސޭއިން ބުދަ ދުވަހު ކަށަވަރުކޮށްދީފައެވެ.

Ad
rt

މި އެއްބަސްވުމުގެ ދަށުން މެސީ ގަތުމަށް ހަމަޖެހިފައިވަނީ "ގްރޫޕޯ ޓީއެޗް ސޮލުސިއޯނެސް" އިން އެ ކްލަބުގައި ދަމަހައްޓަމުން އަންނަ ހިއްސާތަކެވެ. ނަމަވެސް މި ވިޔަފާރި މުއާމަލާތް އެއްކޮށް ނިންމާލެވޭނީ ގާނޫނީ އަދި އެއްބަސްވުމުގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހުގައެވެ. މާލީ ގޮތުން މި މުއާމަލާތުގެ ތަފްސީލެއް އަދި މި އެއްބަސްވުން އެއްކޮށް ނިމޭނެ ވަކި ތާރީޚެއް އެލްޑެންސޭއިން ހާމަކޮށްފައެއް ނުވެއެވެ.

މެސީ އިންވެސްޓްކުރާ ސްޕޭނުގެ ދެވަނަ ކްލަބް

ސްޕޭނުގެ ދެކުނު-އިރުމަތީގައިވާ ބަނދަރު ރަށެއް ކަމަށްވާ އަލިކަންޓޭ ކައިރީގައި ގާއިމުވެފައިވާ އެލްޑެންސޭއަކީ މެސީ އިންވެސްޓްކުރާ ސްޕޭނުގެ ދެވަނަ ކްލަބެވެ. މި އަހަރުގެ ކުރީކޮޅު މެސީ ވަނީ ބާސެލޯނާގައި ގާއިމުވެފައިވާ، ސްޕޭނުގެ ފަސްވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޔޫއީ ކޮރްނެޔާގެ މިލްކުވެރިކަންވެސް ހޯދާފައެވެ.

މެސީ އެލްޑެންސޭގެ ހިއްސާ ގަންނަން ނިންމާފައިވާއިރު، އެ ކްލަބުން ވަނީ އާދީއްތަ ދުވަހު އެ ކްލަބުގެ ކޯޗު ކްލޯޑިއޯ ބާރަގާން މަގާމުން ވަކިކޮށްފައެވެ. އެ ކްލަބުން ކޯޗު ވަކިކުރަން ނިންމީ މި ސީޒަނުގެ ލީގުގައި ކުޅުނު ހަތަރު މެޗުން އެންމެ ދެ ޕޮއިންޓް ލިބުމާ ގުޅިގެންނެވެ.

މެސީއަކީ ސްޕޭނާއެކު ވަރުގަދަ ގުޅުމެއް އުފެދިފައިވާ ކުޅުންތެރިއެކެވެ. އޭނާ އުމުރުން 13 އަހަރުގައި އާއިލާއާއެކު ސްޕޭނަށް ބަދަލުވީ ބާސެލޯނާގެ ޔޫތު އެކަޑަމީގައި ފުރުސަތު ހޯދުމަށެވެ. އެއަށްފަހު ބާސެލޯނާގައި ދެ ދަހަރު ހޭދަކޮށް، އޭނާގެ ޖީލުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު އޭނާ އެ ކްލަބު ދޫކޮށްލީ 2021 ވަނަ އަހަރުއެވެ. އެލްޑެންސޭއަކީވެސް ބާސެލޯނާއާ ތާރީޚީ ގުޅުމެއް އޮތް ކްލަބެކެވެ. ސެޕްޓެމްބަރު 1921 ގައި އެ ކްލަބު އުފެއްދީ ބާސެލޯނާގެ ސަޕޯޓަރުންގެ ގްރޫޕަކުން ކަމަށްވުމުން، އެ ކްލަބުގެ ކުލައަކީވެސް ނޫ އަދި ރަތްކުލައެވެ.

އުމުރުން 39 އަހަރުގެ މެސީ ވަނީ މި ހަފުތާގައި އިއުލާންކުރި އެހެން ބެލޮންޑޯ އެވޯޑެއްގެ ޝޯޓްލިސްޓުގައިވެސް ހިމެނިފައެވެ. އޭނާ މި އެވޯޑަށް ނޮމިނޭޓްވީ އާޖެންޓީނާ ގޮވައިގެން ވޯލްޑް ކަޕުގެ ދެވަނަ ހޯދުމުގެ އިތުރުން، އިންޓަ މިއާމީއާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކުރުމާ ގުޅިގެންނެވެ.